ENGLISH
03 އޮކްޓޯބަރު 2025
ފެނަކައިގެ 161 މައްސަލަ އޭސީސީން ދަނީ ބަލަމުން، 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދަން އަންގައިފި
02 އޮކްޓޯބަރު 2025
|
އޭސީސީގެ ރައީސް އަަލްއުސްތާޛު އާދަމް ޝާމިލް
ކުރީ ސަރުކާރުގެ ދައުރުގައި ފެނަކައިގެ ތެރެއިން ހިނގިކަމަށް ތުހުމަތުވާ ހިޔާނާތާ ގުޅިގެން 161 މައްސަލައެއް ބަލަމުންދާ ކަމަށާއި، އެކި މައްސަލަތަކާ ގުޅިގެން 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެނަކައިގެ ޕްރޮކިއުމެންޓާއި މާލީ ހާލަތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓު ރިޕޯޓާ ގުޅިގެން ކޮމިޝަުގެ ތަހުގީގުކުރުމުގެ އިހުތިސާސަށް ފެތޭ މައްސަލަތައް ދެނެގަތުމުގެ މަސައްކަތާއި، ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭސީސީން ބުނެފައިވާ ގޮތުން ފެނަކައިގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތަކަކީ މިހާރުވެސް އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކެވެ. އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އޭސީސީން އަންނަނީ ފެނަކައާ ގުޅުންހުރި 161 މައްސަލައެއް ތަހުގީގުކުރަމުންނެވެ.
ކޮމިޝަނުން ފާހަގަކުރި ގޮތުގައި އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު މިހާރުވަނީ ފަށާފައެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ފެނަކައިގެ އެކިއެކި މައްސަލަތަކާ ގުޅިގެން އެ ކުންފުންޏަށް ނިސްވބތްވާ ނުވަ މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށްވެސް އެ ބަޔާނުގައި އޭސީސީން ބުނެފައިވެއެވެ.
އަދި ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކާ ގުޅިގެން 21،458،280.86 (އެކާވީސް މިލިޔަން ހަތަރުސަތޭކަ ފަންސާސް އަށް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް އޭސީސީން މިހާތަނަށް ފެނަކައަށް އަންގާފައިވާކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ.
އޭސީސީން އިތުރަށް ބުނީ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގައި ފާހަގަކުރެއްވުނު 96 ކަމެއް އިސްލާހުކުރަން ފެނަކައަށް އަންގާފައިވާނެ ކަމަށެވެ. އެކަންކަމުގެ ތެރޭގައި ހިމެނެނީ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްދިޔަ ގޮތާ ގުޅުންހުރި 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ދިހަ ކަމަކާއި ކުންފުނިން ބަލައި ތަރައްގީކުރުމާ ގުޅޭ އަށް ކަމެެކެވެ.