ENGLISH

03 އޮކްޓޯބަރު 2025

Advertisement

އިގުތިސާދީ ދުވެލި ރަނގަޅު، ދަރަނި ބަރާބަރަށް އަދާކުރެވޭނެ: ރައީސް

02 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ކޮންގްރެސް ޕާޓީގެ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ޕީއެންސީ

ދިވެހިރާއްޖޭގެ އިގުތިސާދީ ދުވެލި އަދި މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި، ރާއްޖެއިން ނަގާފައިވާ ބޭރުގެ ދަރަނި ބަރާބަރަށް އަދާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއަށް ވަޑައިގެން އެ ޖަލްސާގެ ބައިވެރިންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ އެކި ދާއިރާތަކުން އެމަނިކުފާނު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވައިލައްވާފައެވެ. 

އެގޮތުން ރައީސް ފާހަގަކުރެއްވީ އަތޮޅު ތެރޭގައި ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައި، އައު މަޝްރޫއުތައްވެސް ސަރުކާރުން  މިހާރު ހިންގަމުންދާ ކަމެވެ. އަދި ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދެވުމަށް މާލެ ސަރަހައްދުގައި 3،000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށާއި، އިންޑިޔާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އިތުރު 4،000 ހައުސިން ޔުނިޓުގެ މަސައްކަތްވެސް ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. 

އޭގެ އިތުރަށް ޒުވާނުން ބިނާކުރުމަށް އިއްޔެ ފެށުނު ގައުމީ ހިދުމަތުގެ ޕްރޮގުރާމަކީ މަސައްކަތްތެރި އަހުލާގު ރަނގަޅު އުޅުންތެރި ޒުވާނުންތަކެއް ތަރުބިއްޔަތުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ ވަށާޖެހޭ ތަރައްގީ ގެނައުމަށް ކަމަށެވެ. 

ސަރުކާރން ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް ކުރަމުންދަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވަރަށް ބޮޑަ އަޑިއަޅައިލާފައި އޮތް ދިވެހި އިގުތިސާދު ކޮޅަށްޖަހަމުން، އިގުތިސާދީ މައްސަލަތައް ހައްލުކުރަމުން، މާލީ ގޮތުން ކުރިމަތިވި ދަތިތަކުން އަރައިގަންނަމުންކަަން އެމަނިިކުފާނު ފާހަގަކުރެއްވިއެވެ. 

"މި ހުރިހާ ކަމެއް މި ކުރަނީ، އަޅުގަނޑުމެންނަށް ވާރުތަވި ހަލާކުވެފައި، ވަޅު ޖެހިފައި އޮތް އިގްތިސާދު ނަގާ ކޮޅަށް ޖަހަމުން. އިރާދަކުރެއްވީތީ މިހާރު އަޅުގަނޑުމެންގެ އިގްތިސާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑްގައި. ރަނގަޅު ގޮތުގައި، ރަނގަޅު މަގުގައި، އަޅުގަނޑުމެން މި ދަނީ ކުރިއަށް. އެއްވެސް ވަރަކަށް އަޅުގަނޑުމުން ހާސްވެ، ކަންބޮޑުވާން ޖެހޭ ކަމެއް ނެތް،" ރައީސް ވިދާޅުވިއެވެ. 

ދަރަންޏާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވީ ދަރަނި ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހޯދުމަށް އެކުވެރި ގައުމުތަކާ މަޝްވަރާކުރެވި ގޮތްތަކެއް ހަމަޖެހެމުންދާ ކަމަށެވެ. އެގޮތުން ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ރަސްމިއްޔާތުގައި، އެ ގައުމަށް ދައްކަަންޖެހޭ ދަރަނި އަދާކުރުމުގައި ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ޗައިނާ ސަފީރު ދެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެން ދައްކަން ހުރި ދަރަންޏެއް ވިއްޔާ ދައްކަމުން [މި ދަނީ]... ކުރިއަށް އޮތް ތަނުގައި ދައްކަން ހުރި ދަރަނިތައް ވެސް މި ދަނީ ޕްލޭން ކުރަމުން. އެއްވެސް ކަންބޮޑުވުމެއް ނެތި އެ ކަންކަން ހަމަޖައްސާނަން." ރައީސް ވިދާޅުވިއެވެ. 

ރޭގައިވެސް ރައީސް ތަކުރާރުކުރެއްވީ ވައުދުވެވަޑައިގެންނެވި ކަންކަން ހަނދުމަފުޅުގައި ހުރިކަމާއި، އެކަންކަން ހާސިލުކޮށްދެއްވުމަށް މެދުނުކެނޑި މަސައްކަތްކުރައްވަމުންދާ ކަމުގެ ޔަގީންކަމެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ އެއްވެސް ވައުދެއް ދޫކޮށްނުލައި ހުރިހާ ވައުދުތަކެއް ފުއްދުމަށް ކަމުގައެވެ. 

"އަޅުގަނޑު ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް ހަނދާން އެބަހުރި. އަޅުގަނޑު އެންމެ ފުރަތަ ދުވަހު ވެސް ދެންނެވި ގޮތަށް ރައްޔިތުން ގާތުގައި އަޅުގަނޑު ދަންނަވާ ކޮންމެ ކަމެއް ދެނީ ތެދުވެރި ނިޔަތެއްގައި، އިހްލާސްތެރިކަމާ އެކު އެ ކަމެއް ކޮށްދިނުމަށްޓަކައި. އެ ހުރިހާ ވައުދެއް ފުއްދުމުގެ މަސައްކަތް މި ދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލެއްވީ ރައްޔިތުންނާއެކު ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ސަރުކާރުން ރައްޔިތުން އެދޭ ގޮތަށް ރާއްޖެ ބައްޓަންކުރާނެކަމަށް ވިދާޅުވެ ރައްޔިތުންގެ އެއްބާރުލާއި ބައިވެރިވުމަށް އެދިވަޑައިގަންނަވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު