ENGLISH

03 އޮކްޓޯބަރު 2025

Advertisement

އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އިސްރާއީލު ޕާސްޕޯޓަށް އަލުން ހުއްދަ ދިނުމުގެ ބިރު އެބައޮތް: ފަލާހު

02 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު، ފޮޓޯ: ރައްޔިތުންގެ މަޖިިލިސް

އިދިކޮޅު އެމްޑީޕީއަށް ޒަމާނެއްގެ ކޮޅުންވެސް ރާއްޖޭގެ ވެރިކަން އަލުން ލިބިއްޖެނަމަ އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިސްރާއީލު މީހުންނަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދިނުމުގެ ބިރު އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

ފަލާހު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ފަލާހު ވިދާޅުވި ގޮތުގައި ރާއްޖެއިން އިސްރާއީލު ޕާސްޕޯޓު މަނާކޮށް، އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަކީ ދުނިޔޭގެ ފެންވަރުގައިވެސް އިސްރާއީލާ ދެކޮޅަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅެވެ. 

އިތުރަށް އޭނާ ވިދާޅުވީ އިސްރާއީލު ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވުމަށް އެމްޑީޕީގެ ވެރިކަމެއްގަައި ހުއްދަ ދީފާނެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. 

"އަޅުގަނޑަށް އޮތް އެންމެ ބޮޑު ބިރަކީ އެމްޑީޕީއަށް ޒަމާނެއްގެ ކޮޅުން ވެސް ވެރިކަން ލިބިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން މި މަނާކުރި ޕާސްޕޯޓު، އިޒްރޭލުގެ ރައްޔިތުންނަށް ހުއްދަދީ، އަލުން ދިވެހިރާއްޖޭގެ ބީޗުތަކުގައި މޫދުގައި ފީނުމުގެ ހުއްދަ އިޒްރޭލުގެ ރައްޔިތުންނަށް ދޭނެ،" ފަލާހު ވިދާޅުވިއެވެ. 

ފަލާހު ސިފަކުރެއްވި ގޮތުގައި 19 ވަނަ މަޖިލީހުގައި އެމްޑީޕީން އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ނަމުގައި ކުޅުނީ ސިޔާސީ ޑްރާމާއެކވެެ. ސިޓީ ފޮނުވައި، ގަރާރުތައް ހުށަހަޅައި، މައްސަލަތައް މަޖިލީހަށް ވައްދައިގެންވެސް އިސްރާއީލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީއަށް ނުކުރުނު ކަމަށް ފަލާހު ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވީ އެއާ ހިލާފަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި، އެމަނިކުފާނުގެ ޕާޓީގެ ބޮޑު އަޣުލަބިއްޔަތު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން މަތީއެވެ. 

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން އިމިގްރޭޝަން ގާނޫނު ބަދަލުކޮށް، އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެެރެނުވެވޭ ގޮތަށް ހަމަޖެއްސީ މިވެރިކަމުގައެވެ. އަދި އެއީ ރައީސް ޑރ.މުޢިއްޒު ނިންމެވި ނިންމެވުމަކާ ގުޅިގެން ގާނޫނަށް ގެނައި އިސްލާހެކެވެ. 

ރައީސް ގެންދަވަނީ ބައިނަލްއަގުވާމީ މަންސަތަކުގައި އެމަނިކުފާނު ވާހަކަދައްކަވާ ކޮންމެ ފަހަރެއްގަައިމެ، އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކުރައްވައި، އިސްރާއީލާ ދެކޮޅަށް ފިޔަވަޅުއެޅުމާއެކު، އިރުމަތީ ގުދުސްގައި ވެރިިރަށް އޮންނަ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ގޮވައިލައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު