ENGLISH
29 އޮކްޓޯބަރު 2025
ވޭތުވެދިޔަ ތަނުގައި ރާއްޖެ ލޫޓުވައިލި އެންމެނާމެދު ރައީސް ފިޔަވަޅު އަޅުއްވާނެ: އަބްދުއްސައްތާރު
01 އޮކްޓޯބަރު 2025
|
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު، ފޮޓޯ: ސްނެޕްޝޮޓު
ފާއިތުވި ދައުރުތަކުގައި ރާއްޖެ ލޫޓުވައިލި އެންމެންނާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފިޔަވަޅު އަޅުއްވާނެ ކަމުގައި ހޮޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުއްސްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައްތާރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ ސަރުކާރަށް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާނަމަ އެކަން ބައްލަވައި ރައީސް ފިޔަވަޅުއަޅުއްވަމުންދާ ކަމަށެވެ. އަދި ކުރިން ރާއްޖެ ލޫޓުވައިލި މީހުންނާމެދުވެސް ރައީސް ފިޔަވަޅުއަޅުއްވާނެ ކަމަށެވެ.
"ތިޔަ ބޭފުޅުންނަށް މިއަދުގެ ސަރުކާރުން އަރުވާނެ ޔަގީންކަމަކީ މިހެން ގައުމުތައް ލޫޓުވާލައިފަ ފިލައިގެންނެއް ވަގުންނަކަށް ނުތިބެވޭނެ. މި ގައުމު ތަރައްގީކުރަނީ ތިހިރަ ފެންނަ ބުރިޖު އެޅި ފަރާތުން، ފަހަތުން ފެންނަ ބުރިޖުވެސް އަޅައި ނިންމާނޭ،" އަބްދުއްސައްތާރު ވިދާޅުވިއެވެ.
އިތުރަށް ސައްތާރު ވިދާޅުވީ މިވެރިކަމުގެ ފަސް އަހަަރުން ދެ އަހަރަކީ ތައްޔާރުވާން ލިބުނު ދެ އަހަރު ކަމަށެވެ. ސަބަބެއްކަމަށް ފާހަގަކުރެއްވީ ގައުމާ ރައީސް ޑރ.މުޢިއްޒު ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތެވެ. ސަރުކާރުގެ ހިންގުން އޮތީ "ކަލްދޯ ބަޖޭ އާއޯ"ގެ ހާލަތުގައި ކަމަށާއި، އެ ހާލަތު ބަދަލުކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ތައާރަފުކުރެއްވީ "މޯލްޑިވްސް 2.0" ސިޔާސަތު ކަމުގައިވެސް އަބްދުއްސައްތާރު ވިދާޅުވިއެވެ.
އަބްދުއްސައްތާރު ވިދާޅުވީ ކުރިއަށް އޮތީ ލޯކަލް ކައުންސިލު އިންތިހާބުކަމަށާއި، އެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ކޮންގުރެސް ޕާޓީ އިންތިހާބުތަކަށް ފަރިތަ މިންވަރު ދައްކަވައިލައްވާނެ ކަމަށާއި، އެ ޕާޓީގެ މާލިމީއެއްގެ ގޮތުގައި ހުންނެވި ރައީސް ޑރ.މުއިއްޒަކީ މިހާތަނަށް އެމަނިކުފާނު ވާދަކުރެއްވި ހުރިހާ އިންތިހާބެއް ކާމިޔާބުކުރައްވާފައިވާ ލީޑަރެއް ކަމުން އިންތިހާބުތައް ކާމިޔާބުކުރުމަކީ ކޮންގްރެސް ޕާޓީއެއް ފަސޭހަ ކަމެއް ކަމަށެވެ.
އަންނަ ހުކުރުދުވަހު އިދިކޮޅު އެމްޑީޕީން ބާއްވާ އެއްވުމަށް އިޝާރާތްކުރައްވައި އަބްދުއްސައްތާރު ވިދާޅުވީ އެ ޕާޓީން މާލޭގެ މަގުތަކުގައި ހިނގައިފިނަމަ "ކެނޑޭނީ ފައިވާނުގެ ވަނދު" ކަމަށެވެ. އަދި މި ސަރުކާރަށް އަދި ރައީސް ޑރ.މުޢިއްޒުގެ ވެރިކަމަށް ބުރޫއަރުވައިނުލެވޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.