ENGLISH
02 ނޮވެމްބަރު 2025
ދިވެހިރާއްޖެއިން އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ގުޅުނުތާ 60 އަހަރު ފުރިއްޖެ
21 ސެޕްޓެމްބަރު 2025
|
ރާއްޖެއިން އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ގުޅުނުތާ 60 އަހަރު ފުރުން --
ދިވެހިރާއްޖެއިން އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ގުޅުނުތާ 60 އަހަރު ފުރިއްޖެ އެވެ.
މިއަދަކީ ދިވެހިރާއްޖެއިން އ.ދ. އާއި ގުޅުނުތާ 60 އަހަރު ފުރޭ ދުވަހެވެ. ދިވެހި ޚާރިޖިއްޔާ އިން ބުނީ މި ވޭތުވެދިޔަ 60 އަހަރު ދިވެހިރާއްޖެ އިން ވަނީ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު އިސްކޮށް، މަލްޓިލެޓަރަލިޒަމް އާއި ޞުލްޙަ މަސަލަސްކަމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިސްކުރުމަށް އ.ދ. އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނެވި ތަރައްޤީ އާއި އިންސާނީ ޙައްޤުތަކާއި، ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތާއި ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން، އ.ދ. އިން ވަނީ ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަމާއި، ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ޚާރިޖީ ވުޒާރާއިން ބުނެ އެވެ.
ދިވެހިރާއްޖެއިން އ.ދ. ގައި ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި އ.ދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުގައި ގިނަ ދައުރުތަކެއް ފުރިހަމަކޮށް، އ.ދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި، ބައިނަލްއަގުވާމީ ގޮތުން ޑިޕްލޮމަސީގެ ދާއިރާގައި އަންހެނުން ކުރިއެރުވުމާއި ބާރުވެރިކުރުމަށް ވަކި ދުވަހެއް ކަނޑައެޅުމަށް އ.ދ. ގައި ޤަރާރެއް ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އ.ދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުގައި ބައިވެރިވުން އިތުރުކުރުމަށް ވޮލަންޓަރީ ޓްރަސްޓް ފަންޑެއް އުފެއްދުމާއި، އަދި އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުން ގްރެޖުއޭޓްވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުމުގައްޔާއި ކުދި ޤައުމުތަކުގެ ހިމާޔަތާއި ސަލާމަތަށް މަސައްކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ޙައްޤެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ވަނީ އިސްދައުރެއް ވެސް އަދާކޮށްފަ އެވެ.
މި ޚާއްޞަ މުނާސަބަތު ފާހަގަކުރަމުންދާއިރު އ.ދ. ގެ ޗާޓަރުގެ އުޞޫލުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މުޖްތަމަޢުއާއެކު ދިވެހިރާއްޖެއިން މަސައްކަތް ކުރުންމަތީ ދެމި އޮންނާނެކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާ އިން ވަނީ ދީފަ އެވެ.
އަދި އ.ދ. އާއެކު ދިވެހިރާއްޖެއިން އިތުރަށް ގުޅުން ބަދަހިކޮށް، ކުދި ޤައުމުތަކުގެ ދިފާއުގައި އަޑު އުފުލައި، އިންސާފުވެރި، ހަރުދަނާ އަދި ދެމެހެއްޓެނިވި ދުނިޔެއެއް ބިނާކުރުމަށް މަސައްކަތްކުރަމުން ދާނެ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.