ENGLISH

02 ނޮވެމްބަރު 2025

Advertisement

އަހަރެއް ތެރޭ މަގޫދޫ އެއާޕޯޓު ނިންމައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

21 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުޢިއްޒު މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ފ.މަގޫދޫގައި ކުރީ ސަރުކާރުން ތަރައްގީކުރަން ފަށައި މަޑުޖެހިފައި އޮތް އެ ރަށު އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދަވައި އަހަރު ދުވަސް ތެރޭ ނިންމަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު މަގޫދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

އެ ބައްދަލުވުމުގައި ބައިވެރިވި މަގޫދޫ ރައްޔިތުންވަނީ އެ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސާ ހިއްސާކޮށްފއެވެ. އެ ރަށުގެ އެންމެ ގިނަ ބަޔަކު އެ ބައްދަލުވުމުގައި ފާޅުކުރި ކަންބޮޑވުމަކީ އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް މަޑުޖެހިފައި އޮތުމުގެ ކަންބޮޑުވުމެވެ. 

މި މަޝްރޫއަކީ 2022 ވަނަ އަހަރު އެމްޓީސީސީއާ 250 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 1،800 ފޫޓުގެ ރަންވޭއެއް އަޅާނެއެވެ. އަދި އެ ރަންވޭވާނީ ރާއްޖެއިން ބޭރުން އަންނަ ޕްރައިވެޓް ޖެޓުތަކަށްވެސް ޖެއްސޭ ފެންވަރުގެ ރަންވޭއަކަށެވެ. އޭގެ އިތުރަށް ފިއުލް ފާމާއި ފަޔާ ބިލްޑިންއާއި ޓާމިނަލް ފަދަ ބިނާރުތައް އެތަނުގައި ގާއިމުކުރުމަށް ހަވާލުކުރިއެވެ. 

ނަމަވެސް 2023 ވަނަ އަހަރުން ފެށިގެން ވަރަށް ލަސްކޮށް މަސައްކަތް ކުރިއަށްދިއުމުގެ ސަބަބުން މިހާތަނަށް އެ މަޝްރޫއުން ނިމިފައިވަނީ އެންމެ 50 އިންސައްތަ މަސައްކަތެވެ. 

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު، ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައި ހުރި ދަތިތަކީ ކޮބައިކަން ބައްލަވައި އެކަންކަން ހައްލުކުރައްވައި ހަލުއި ދުވެލީގައި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަވައި މަޝްރޫއު ނިންމަވައިދެއްވާނެ ކަމަށެވެ. 

”މި މަސައްކަތަށް ޢަމަލީ ސިފަ ގެނެސް، އެއްވެސް މަޑުޖެހުމެއްނެތި މަސައްކަތް ގެންގޮސް ނިންމާލަދޭނަން. ދިމާވެފައިވާ މައްސަލަ ބަލައި، މަސައްކަތް އަވަސްކުރަން މަގުފަހިކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނަން،“ ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ މަސައްކަތް މެޑުޖެހުނު ސަބަބު ދެނެގަނެ އެ މައްސަލަ ހައްލުކުރެވުމުން ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައިލެވޭނެއެވެ. 

އެ މަޝްރޫއުގެ އިތުރަށް މަގޫދޫ ރައްޔިތުން އެދޭ ގޮތަށް އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކުރުމާއެކު، ރަށުގެ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް މި އަހަރު ފައްޓަވައި ކުރިއަށްގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

އަދި އެ ރަށު ކައުންސިލުން ސަރުކާރަށް ހުށަހަޅާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު ކުރިއަށްގެންދެވޭނެ ގޮތްތައް ބައްލަވައި އެ ހުށަހެޅުމަށް ރިއާޔަތްކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

މިއަދު މަގޫދޫއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން ރައީސްވަނީ އެ ރަށުގައި އެއާޕޯޓުގެ މަސައްކަތް ކުރަމުންދާ ސަރަހައްދަށް ވަޑައިގެން އެއާޕޯޓުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ބައްލަވައިލައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު