ENGLISH
02 ނޮވެމްބަރު 2025
ލަންކާގަައި ގަވާއިދާ ހިލާފަށް ކޯސްތަކެއް ހިންގާތީ ސަމާލުވާން އެމްކިއުއޭއިން އެދިއްޖެ
21 ސެޕްޓެމްބަރު 2025
|
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު، ފޮޓޯ: މިހާރު
ލަންކާގައި އެ ގައުމުގެ ގަވާއިދާ ހިލާފަށް ކޯސްތަކެއް ހިންގަމުންދަތީ އެ ގައުމުގައި ކިޔަވާ ދަރިވަރުން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެދިއްޖެއެވެ.
އެމްކިއުއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ލަންކާގައި އަމަލުކުރާ މަތީ ތައުލީމުގެ މިންގަނޑުތަކާ ހިލާފަށް މަތީ ތައުލީމުގެ ކޯސްތަކެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާ ހިލާފަށް ބައެއް މަރުކަޒުތަކުން ކޯސް ހިންގަމުންދާކަން އެނގިފައިވާކަމަށް އެމްކިއުއޭއިން ބުނެއެވެ.
އެގޮތުން ހަޔާ ޑިޕްލޮމާއަށްވުރެ މަތީ ފެންވަރުގެ ބައެއް ޕްރޮގުރާމުތައް އެހެން ގައުމުތަކުގެ އިންސްޓިޓޫޝަންތަކާ ގުޅިގެން ލަންކާގެ ބައެއް މަރުކަޒުތަކުން ހިންގަމުންދަނީ ހުއްދަ ނެތި ކަމުގައި އެމްކިއުއޭއިން ބުނެފައިވެއެވެ.
އެ ކޯސްތަކަކީ ހުއްދަ ލިބިގެން ހިންގާ ކޯސްތަކަކަށްނުވާތީ އެ ކޯސްތަކުގެ ސަނަދުތައް އެމްކިއުއޭއިން ގަބޫލުނުކުރާނެ ކަމުގައި އެ އިދާރާއިން ބުންޏެވެ. އަދި ލަންކާއަށް ކިޔަވަންދިއުމުގެ ކުރިން އެމްކިއުއޭއިން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ.
އެމްކިއުއޭއިން ބުނެފައިވަނީ ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭނީ ހަޔާ ޑިޕްލޮމާއާއި އެއަށްވުރެ ދަށުގެ ކޯސްތަކަށް ކަމަށެވެ.
އަދި ޑިގުރީއާއި އެއަށްވުރެ މަތީ ޕްރޮގުރާމުތަކަށް ލަންކާގައި ހުއްދަ ދޭނީ ލަންކާގެ ޔުނިވަސިޓީ ގްރާންޓްސް ކޮމިޝަނާއި، އެޑިއުކޭޝަން މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން މިނިސްޓްރީން ކަމށް އެމްކިއުއޭއިން ބުންޏެވެ.
އެމްކިއުއޭއިން އިލްތިމާސްކޮށްފައިވަނީ ލަންކާގައި ކިޔަވަން ފެށުމުގެ ކުރިން އެ ކިޔަވާ ކޯހަކީ ލަންކާގައި އެފަދަ ކޯސްތަކަށް ހުއްދަ ދޭ އިދާރާއަކުން ހުއްދަ ލިބިގެން ހިންގާ ކޯހެއްކަން ކަށަވަރުކުރުމަށެވެ.