ENGLISH
02 ނޮވެމްބަރު 2025
މަގޫދޫ އޭޓީއެމްއާއެކު އޭޓީއެމް ބަހައްޓައި ނިންމި 13 ވަނަ އަތޮޅަކަށް ފ،އަތޮޅު
21 ސެޕްޓެމްބަރު 2025
|
މަގޫދޫގައި ބީއެމްއެލްއިން ގާއިމުކުރި އޭޓީއެމްގެ ހިދުމަތް އިފުތިތާހުކުރެއްވުމުގެ ތެރެއިން، ފޮޓޯ: ބީއެމްއެލް
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގަައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޭޓީއެމް ހިދުމަތް ހުރިހާ ރަށެއްގައި ގާއިމުކޮށް ނިމުނު 13 ވަނަ އަތޮޅަކަށް ފ.އަތޮޅު ވެއްޖެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިހާރު ހަތަރު އަތޮޅަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިއްޔެއާއި މިއަދު ފ.އަތޮޅުގެ ރަށްރަށް ކުރައްވަމުންދާ ޒިޔާރަތުގައި އެ އަތޮޅުގެ ރަށްރަށުގައި ބީއެމްއެލެއިން ބަހައްޓާފައިވާ އޭޓީއެމްތައް އިފުތިތާހުކޮށްދެއްވައި ހިދުމަތައް ފައްޓަވައިދެއްވަމުންދެއެވެ.
އެގޮތުން ފ.ދަރަނބޫދޫއާއި ބިލެއްދޫއާއި ފީއައްޔާއި މަގޫދޫގައި ބީއެމްއެލްއިން ބެހެއްޓި އޭޓީއެމްތަކުގެ ހިދުމަތް އެމަނިކުފާނުވަނީ އިފުތިތާހުކޮަށްދެއްވާފައެވެ. މަގޫދޫގައި ބަހައްޓާފައި ހުރި އޭޓީއެމުން ހިދުމަަތް ދޭން ފެށުމާއެކު، އެ އަތޮޅުގައި އޭޓީއެމް ހިދުމަތް ނުލިބޭ ރަށެއް މިހާރު ނޯންނާނެއެވެ.
ރައީސް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ޒިޔާރަތްކުރެއްވި ވ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވިއެވެ. އެ އަތޮޅުވީ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކުރެވުނު 12 ވަނަ އަތޮޅަށެވެ. ފ.އަތޮޅަކީ މި ހިދުމަތް ހުރިހާ ރަށެއްގައި ގާއިމުކުރެވުނު 13 ވަނަ އަތޮޅެވެ.
ސަރުކާރާއި ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކޮށް ނިންމުމެވެ. އެކަމަށް ބީއެމްއެލްއިން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރާއި ރަށު ކައުންސިލުތަކާ ގުޅިގެން ކުރަމުންނެވެ.
އޭޓީއެމް ހުޅުވުމާއެކު ކުރިން މާލީ ހިދުމަތްތައް ހޯދުމަށް ރަށްފުށުގެ ރައްޔިތުން އުފުލަމުން އައި ގިނަ ތަކުލީފުތަކަށް ނިމުން އަންނާނެއެވެ. ނަގުދު ފައިސާ ނެގުމަށާއި، އޭޓީއެމްއިން ލިބޭ އެހެނިހެން ހިދުމަތްތައް ހޯދުމަށް އަތުން އެތައް ސަަތޭކަ ރުފިޔާއެއް ހަރަދުކޮށްގެން އޭޓީއެމް ހުންނަ ރަށްރަށަށް ކުދި އާބާދީތަކުގައި ދިރިއުޅޭ ރައްޔިތުން އަދި ހާާއްސަކޮށް ދުވަސްވީ މީހުން ކުރަންޖެހުނު ދަތުރުތައް ނިމޭތީ އެ ރަށްރަށުގެ ރައްޔިތުން އަންނަނީ ރައީސަށް ޝުކުރު އަދާކުރަމުންނެވެ.