ENGLISH
02 ނޮވެމްބަރު 2025
ބޮޑު ތިން މައްސަލަ ހައްލުކުރުން؛ ތަފާތުކުރުމެއް ނެތި ގާނޫނު ތަންފީޒުކުރާނެކަމުގެ ޔަގީންކަން
21 ސެޕްޓެމްބަރު 2025
|
ފ.ދަރަނބޫދޫގައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ތިން އިޖުތިމާއީ މައްސަލައަކީ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައާއި، އިންތިޒާމުވެގެން ރާވައިގެން ކުށްކުރާ ގުރޫޕުތަކުގެ މައްސަލައެވެ. ރައީސް ވެރިކަމަށް އިންތިހާބުކުރި ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށް ވޯޓު ދިން އެއް ސަބަބަކީ މި ތިން މައްސަލަ ހައްލުކުރައްވާނެކަމަށް އެމަނިކުފާނު ދެއްވި ޔަގީންކަމެވެ.
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިވަޑައިގަތުމާއެކު، މި ތިން މައްސަލަ ހައްލުކުރުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއެއް އުފައްދަވައި މި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރާ ހުރިހާ އިދާރާތަކެއް އެއް ފުރާޅެއްގެ ދަށަށް ގެންނެވިއެވެ. ފުލުހުންނާއި، އިމިގްރޭޝަނާއި، ކަސްޓަމްސް އަދި ނޭޝަަނަލް ޑްރަގް އެޖެންސީ އެ ވުޒާރާގެ ދަށަށް ގެންނަވައި، އެ މައްސަލަތައް ހައްލުކުރުމުގެ މެންޑޭޓު އެ ވުޒާރާއާ މަތިކުރެއްވިއެވެ.
އެ ދުވަހުން ފެށިގެން މިހާތަނަށް މެދުކެނޑުމެއްނެތި އެ ވުޒާރާއިން އަންނަނީ އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތަކުރަމުންނެވެ. އެ މަސައްކަތްތަކުގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ.
ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ބަލާއިރު ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި މަސައްކަތްކޮށް ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރެވި ބެލެހެއްޓެމުން ނުދިއުމެވެ. އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފެށި ފުރަތަމަ މަސައްކަތަކީ ބިދޭސީންގެ މައުލޫމާތު އެއްކުރުމެވެ. އެގޮތުން އޮޕަރޭޝަން ކުރަނގި ނަމުގައި ފެށި އޮޕަރޭޝަނުގެ ތެރެއިން 178،982 ބިދޭސީއެއްގެ މައުލޫމާތު މިހާރުވަނީ ހޯދާފައެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފެށި ދެވަނަ މަސައްކަތަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓުކުރުމެވެ. 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހާ ދެމެދުގައި އެއިރުގެ ސަރުކާރުން ގާނޫނާއި ގަވާއިދާ ހިލާފުވެގެން ޑީޕޯޓުކުރީ އެންމެ 2،165 ބިދޭސީންނެވެ. ނަމަވެސް މި ސަރުކާރުން އެއް އަހަރާއި ހަތް މަހެއްހައި ދުވަހުގެ ތެރޭގައި 8،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފިއެވެ.
ރޭ ފ.ނިލަންދޫގައި ބޭއްވި ޖަލްސާގަައި ވާހަކަދައްކަވަމުން ރައީސް ޑރ.މުޢިއްޒު އިއުލާނުކުރެއްވި ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަނެ އެފަދަ ވިޔަފާރިތައް ހުއްޓުވުމަށް އަމާޒުކޮށްގެން ހާއްސަ އޮޕަރޭޝަނެއް މިއަދު ފެށޭނެއެވެ.
މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އެޅިގެންދާ އިތުރު ހަރުދަނާ ފިޔަވަޅެކަށްވާނެއެވެ. މާލޭ ސަރަހައްދުގައި ކަންމަތީގައި ކެފޭ ހިންގައި، މާރުކޭޓުތަކުގެ ގޮޅިތަކުގައި ވިޔަފާރިކޮށް، ކުދި އަދި މެދުފަންތީގެ އެކި ޒާތުގެ ވިޔަފާރިތަކަށް ވަދެ ތިބި ބިދޭސީން އެ ވިޔަފާރިތަކުން ނެރެ، އެ ދާއިރާތަކުން ދިވެހިންނަށް ޖާގަ ކަށަވަރުކޮށްދިނުމަށް ފެށޭ މި މަސައްކަތާއެކު މި މައްސަލަ ހައްލުކުރުމުގައި އިތުރު ހަރުފަތްތަކެއް ގިރާކުރެވޭނެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. މައްސަލަ ހައްލުނުކުރެވި ދިގުލައިގެން ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ގާނޫނު ތަންފީޒުނުކުރެވުމެވެ. ނުވަތަ ގާނޫނު ތަންފީޒުކުރުމުގައި ތަފާތުކުރުންތަކެއް ގެންގުޅުމެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އެކި މަރުހަލާގައި ހެދޭ ގޯސްތަކުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ޝަރުއީ މަރުހަލާއިން މިނިވަންވުމެވެ.
މި ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަނީ މައްސަލައިގެ ދެ ފަޅިއަށް އަމާޒުކޮށްގެންނެވެ. އެއީ ޑިމާންޑާއި ސަޕްލައިއެވެ. ޑިމާންޑު ފަޅިން ސަރުކާރުން އަންނަނީ މަސްތުވާތަކެއްޗަށް ދެވިހިފައި، އެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ހޯދުމަށް އޮތް ފުރުސަތުތައް އިތުރުކުރަމުންނެވެ. މުޖުތަމައުގައި ތިބެގެން ފަރުވާ ހޯދުމަށް މަގުފަހިކުރެއެވެ. ޑްރަގް ކޯޓުން ހުކުމް ކުރުމަށްފަހު ފަރުވާއަށް ނުދެވި ތިބި މީހުން ފަރުވާއަށް ގެންދެއެވެ.
އޭގެ އިތުރަށް ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމަައަށް އަންނަ ޒުވާނުންނަށް މުޖުތަމައުގައި ޝަރަފުވެރިކަމާއެކު ދިރިއުޅުމަށް މަގުކޮށައިދިނުމުގެ ގޮތުން އެ ޒުވާނުންނަށް އެކި މަސައްކަތާއި ހުނަރު ދަސްކޮށްދިނުމަށް ހާއްސަ ޕްރޮގުރާމުތައް ފަށައިގެން ކުރިއަށްގެންދެއެވެ.
ސަޕްލައި ފަޅިއަށް ބަލާއިރު މި ސަރުކާރުން އަންނަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތި އަތުލައިގަތުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންދެއެވެ. ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ރާއްޖޭގެ ބޯޑަރުތަކުން އެތެރެވާ ތަކެތި ބަލައި ފާސްކުރުމުގައި ކުރިއަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.
މިކަމުގައި ރައީސް ޑރ.މުޢިއްޒު ދެއްވި ޔަގީންކަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޝާމިލުވާ މީހާއަކީ ކާކުތޯ ނުބައްލަވައި ގާނޫނު ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަމެވެ. އެގޮތުން 160 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލައިގެން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ރައީސް ފާހަގަކުރެއްވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެ މަސައްކަތް ކުރުމަށް ފުލުހުންނަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށް ގާނޫނަށް ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. މަޖިލީހުގެ އަންނަ ދައުރަށް އެ އިސްލާހުތައް ހުށަހަޅުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ކުށުގެ ވެށީގެ ކޮންޓުރޯލު އޮންނަނީ އިންތިޒާމީ ގޮތެއްގައި ކުށްކުރާ ގުރޫޕުތަކުގެ އަތުގައެވެ. އެގުރޫޕުތަކާ ސިޔާސީންނާ ގުޅުން އޮވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި މިކަމާ ގުޅޭ ގޮތުން ހެދިފައި ހުރި ހުރިހާ ދިރާސާއަކުން ފެންނަން އޮތް ހަގީގަތެވެ.
ޒަމާނަށް އައި ބަދަލުތަކާއެކު، އިންތިޒާމުވެގެން ކުށްކުރާ ގޮތްތަކަށް އައި ބޮޑު ބަދަލާ ފައިހަމަކުރާނެ ގާނޫނީ ނިޒާމެއް ނެތިވެ، ކުށްކުރާ މީހުން އަތުލައިގަނެ އެމީހުންނަށް އަދަބު ދިނުމުގައި ގާނޫނީ ބޮޑެތި ހުރަސްތަކެއްގެ ތެރޭގައި ފުލުހުން ތާށިވެފައި ތިބޭތާ ޒަމާންތަކެއް ވެއްޖެއެވެ. ސަރުކާރުތައް ބަދަލުވަމުންދިޔައިރު އެކަމަށް ހައްލެއް ހޯދައިދެވުނު ތަނެއް ނުފެނެއެވެ.
ނަތީޖާއަކީ އެއް ދައުރަށްވުރެ އަނެއް ދައުރުގައި އިންތިޒާމީ ގޮތެއްގައި ކުށްކުރާ ގުރޫޕުތައް ވަރުގަދަވުމެވެ. ކުށްކޮށްގެން ތަނަވަސްކަން ހޯދައި އެކި ވިޔަފާރިތައް ފަށައި، އިތުރަށް ކުށުގެ ވިއުގުތައް ފުޅާކުރަމުން ދިއުމެވެ.
ރައީސް ޑރ.މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް ފުލުހުންގެ އިދާރާ ބާރުވެރިކޮށް އިންތިޒާމުވެގެން ކުށްކުރާ ގުރޫޕުތައް ހަންމަތަކުރެވޭނެ ފަދަ ޒަމާނީ ގާނޫނީ އޮނިގަނޑެއް މިހާރު އެކުލަވައިލެވިއްޖެއެވެ. ކުށްކުރާ ގުރޫޕުތައް ދެނެގަނެ އެ ގުރޫޕުތަކާއި، އެ ގުރޫޕުތަކުގައި އެކި ގޮތްގޮތަށް އެކި ފެންވަރގައި ހަރަކާތްތެރިވާ މީހުންނާމެދު ފިޔަވަޅުއެޅޭނެ ގޮތް ފަހިކުރެވިއްޖެއެވެ.
އޭގެ އިތުރަށް ކުށް ކޮށްގެން ހޯދާ ތަނަވަސްކަން ދެނެގަނެ ދައުލަތަށް އެ ތަނަވަސްކަން ނެގޭނެ ގާނޫނީ ނިޒާމު މިހާރު އެބައޮތެވެ. އެ ގާނޫނުގެ ދަށުން މިހާރުވެސް ދައުވާކޮށް، މައްސަލަތައް ތަހުގީގުކުރަންވަނީ ފެށިފައެވެ.
މި ތިން މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާއިރު، ރައީސް ދެއްވާ ޔަގީންކަމަކީ ގާނޫނު ހިންގަވާނީ ހަމަހަމަކޮށް ކަމުގެ ޔަގީންކަމެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމެވެ.
އެތައް ޒަމާނަކަށް އަޅައިނުލެވުމުގެ ސަބަބުން ބޮޑުވަމުންދާ، މުޖުތަމައުގައި މޫލާފައި ހުރި ބޮޑެތި މިފަދަ މައްސަލަތައް އަހަރު ދެ އަހަރުން ހައްލެއް ނުވާނެއެވެ. އެ މައްސަލަތައް ހައްލުކުރުމަކީ އުދަގޫ ކަމެކެވެ. ވަގުތު ނަގާނެ ކަމެކެވެ. ނަމަވެސް މިހާތަނަށް ފެންނަމުންދާ ހަގީގަތަކީ ރައީސް އަދި އެމަނިކުފާނުގެ ޓީމުގައި މި މައްސަލަތައް ހައްލުކުރުމުގެ ސިޔާސީ އަޒުމު އެބައޮތް ކަމެވެ.