ENGLISH

02 ނޮވެމްބަރު 2025

Advertisement

މަގޫދޫ އޭޓީއެމް ހިދުމަތް ފަށައި، ފުލުސް ޕޯސްޓާއި ކައުންސިލު އިމާރާތާއި އެފްއާރްސީގެ އަމަލީ މަސައްކަތް ފަށައިފި

21 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މަގޫދޫ އޭޓީއެމްގެ ހިދުމަތް ރައީސް އިފުތިތާހުކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

ފ.މަގޫދޫގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކުރި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައި، އެ ރަށުގެ ފުލުސް ޕޯސްޓާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. 

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފ.އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެމަނިކުފާނު މަގޫދޫއަށް ވަޑައިގެން އެ ރަށުގައި އަލަށް ފަށާ ބައެއް މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. 

މަގޫދޫގައި ބީއެމްއެލްއިން ގާއިމުކުރި އޭޓީއެމް އިފުތިތާހުކޮށްދެއްވައި ހިދުމަތް ފައްޓަވައިދެއްވީ ރައީސެވެ. އެމަނިކުފާނުވަނީ އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން އެ އޭޓީއެމްއިން ފައިސާ ނަންގަވާފައެވެ. އޭޓީއެމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 

އެ ރަސްމިއްޔާތަށްފަހު، އެ ރަށުގައި އަލަށް ފަށާ ދެ މަޝްރޫއެއްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ. އެގޮތުން އެ ރަށުގައި ގާއިމުކުރާ ޕޮލިސް ޕޯސްޓުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. 

މަގޫދޫ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް މިނިސްޓަރ އިހުސާން ފައްޓަވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް 

މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމާއެކު، ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ނެތް ރަށްރަށާއި، ފުލުހުންގެ އަމިއްލަ އިމާރާތް ނެތް ރަށްރަށުގައި ފުލުހުންގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ހިންގަމުންދާ ބޮޑު މަޝްރޫއެއްގެ ތެރެއިން ބިނާކުރާ ޕޮލިސް ޕޯސްޓެކެވެ. 

އޭގެ އިތުރަށް ބައެއް ރަށްރަށުގައި އައު ކައުންސިލު އިމާރާތްތައް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުްނ އާރްސީސީއާ ހަވާލުކޮށްގެން މަގޫދޫގައި އެ ރަށު ކައުންސިލު އިދާރާގެ އައު އިމާރާތް އެޅުމަށް ފަށާ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް މި ދަތުރުފުޅުގައި ފައްޓަވާފައިވެއެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫއުގެ ދަށުން މަގޫދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފެށިއެވެ. 

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އޭނާ އަރިހުގައި އެ މަސައްކަތް ކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަދި މަގޫދޫ ކައުންސިލުގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ. 

ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެރަށަކަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ރައްޔިތުންގެ މަޝްވަރާއާއެކު ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު