ENGLISH

02 ނޮވެމްބަރު 2025

Advertisement

ބޭނުންވަނީ ފުލުހުން އެދޭ ފެންވަރުގައި ހިދުމަތް ދެވޭނެ މަގު ފަހިކޮށްދޭން: ރައީސް

21 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ބޭނުންވަނީ ފުލުހުންގެ މުއައްސަސާގެ ހިދުމަތް އެ މުއައްސަސާއިން އެދޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމަށް ކަަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ހަތަރު އަތޮޅަކަށް ކުރައްވަަމުންދާ ދަތުރުފުޅުގެ ތެރެއިން ފ.ދަރަަނބޫދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާާޅުވީ ދަރަނބޫދޫގައި ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި ފުލުހުންގެ އަމިއްލަ މަރުކަޒެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފައްޓަވަައިދެއްވާނެ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ފުލުހުންގެ ހިދުމަތް ދިނުމަށް އަމިއްލަ މަރުކަޒުތައް ނެތް ހުރިހާ ރަށެއްގައި އެފަދަ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށުމެވެ. މިހާރު މަސައްކަތް ނުފެށި 12 ވަރަކަށް ރަށް އެބައޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

"ސަބަބަކީ އަޅުގަނޑުމެން ބޭނުން ރައްޔިތުންނާ މިހާ ކައިރިން ހިދުމަތް ދޭ މުއައްސަސާއަކަށް އެ މުއައްސަސާއިން ބޭނުންވާ ފެންވަރުގައި ހިދުމަތް ދެވޭނެ ގޮތް ފަހިކޮށްދޭން. އަމިއްލަ އިމާރާތެއް ހުރެގެން އެއްވެސް ފަރާތަކަށް، ފުލުހުންނަށްވެސް އެކަމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިނުވާނެ ގޮތަކަށް ވީހާވެސް ފުރިހަމައަށް ހިދުމަތް ދެވޭ ގޮތަށް ރައްޔިތުންނަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭ ގޮތަށް،" ރައީސް ވިދާޅުވިއެވެ.

ދަަރަނބޫދޫގައި ކުރިއަށްގެންދަން ނިންމާފައިވާ އެހެން ބައެއް މަޝްރޫއުތަކަށް ރައީސްގެ ތަގުރީރުގައި އަލިއަޅުވައިލެއްވިއެވެ. އެގޮތުން އެ ރަށު ސްކޫލަށް ޒަމާނީ ފެންވަރު ރަނގަޅު މަލްޓި ޕާޕަސް ހޯލެއް އިތުރުކޮށްދެއްވުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި މަޝްރޫއު ނިމޭއިރު ރަށުގެ ރައްޔިތުން އެދުނު ފަދައިން ތިން ކްލާސްރޫމުވެސް އިތުރުކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

އެ ރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތްވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ކުރެވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ނިމެންދެންވެސް ރަށުގެ ސިއްހީ ހިދުމަތް ރަނގަޅު ފެންވަރުގައި ކުރިއަށްގެންދިއުމަށް ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ނަރުހެއް ވަޒީފާއެއް ނެގުމަށް ސަރުކާރުން ހުއްދަ ދޭނެ ކަމަށެވެ. 

އަދި ކުޅިވަރުގެ ދާއިރާއިން އެ ރަށުގައި މިއަދު ފެށުނު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ނިމިގެންދާއިރު، އައުޓް ޑޯ ވޮލީ ކޯޓެއްވެސް ތަރައްގީކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށާއި، އެ ދަނޑު ތަރައްގީކުރެވޭއިރު ދުވާ ޓްރެކެެއްވެސް ގާއިމުކުރެވިގެންދާނެ ކަމުގައި ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަނީ ފަށްޓަވައިދެއްވަމުންނެވެ. އޭގެ ތެރޭގައި ޕޮލިސް ސްޓޭޝަންތަކާއި ރެކްރިއޭޝަން ސެންޓަރުތަކާއި، ހޮސްޕިޓާ އަދި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު