ENGLISH
02 ނޮވެމްބަރު 2025
ނިލަންދޫގައި އެއާޕޯޓު އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025
|
ފ.ނިލަންދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ރައީސް އޮފީސް
ފ.ނިލަންދޫގައި ޒަމާނީ ފެންވަރުގެ އެއާޕޯޓެއް ތަރައްގީކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރަައީސުލްޖުމްހޫރިއްޔާ ހަތަރު އަތޮޅަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރޭ ނިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ނިލަންދޫ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެ އެއްބަސްވުމުުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަަރީފު މުހައްމަދެވެ.
ރޭ އޮތް ރަސްމިއްޔާތުގައި ނިލަންދޫ ރައްޔިތުންނާ މުހާތަބުކުރައްވަައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނިލަންދޫގައި އެންމެ ޒަމާނީ ފެންވަރުގެ އެއާޕޯޓެއް ގާއިމުކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެއީ އެ ރަށުގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދުފުޅު ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ނިލަންދޫގައި ގާއިމުކުރާ އެއާޕޯޓަކީ އެންމެ ފަހުގެ ވަސީލަތްތަކާއެކު ގާއިމުކުރެވޭ އެއާޕޯޓެކެވެ. އެއާޕޯތުގައި 1،800 މީޓަރުގެ ރަންވޭއެއް ތަރައްގީކުރެވިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރީ 30 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވަގުތުން ވަގުތަށް އެ މަސައްކަތް ފެށި މެދުނުކެނޑި ކުރިއަށްގޮސް އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށެވެ.
ރައީސްގެ މި ޒައާމަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 އެއާޕޯޓެއް އަލަަށް ތަރައްގީކުރުމަށްވަނީ ނިންމަވާފައެވެ.