ENGLISH
02 ނޮވެމްބަރު 2025
ނިލަންދޫގައި ކައުންސިލާއި ފުލުހުންގެ އާ އިމާރާތެއް އަދި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި
21 ސެޕްޓެމްބަރު 2025
|
ނިލަންދޫގައި ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢު ފެށުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ފ. ނިލަންދޫގައި އިތުރު ތިން މަޝްރޫޢެއްގެ ފެށުން ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ޝަރަފްވެރިކޮށްދެއްވީ ފ. ނިލަންދޫގައި ގާއިމުކުރާ އާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމާއި ނިލަންދޫގައި އިމާރާތްކުރާ ކައުންސިލާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން ނިލަންދޫގައި ގާއިމުކުރާ ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައެވެ.
ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން ނިލަންދޫގައި ޤާއިމުކުރަނީ މުޅިން އާ ފުލުހުންގެ މަރުކަޒެކެވެ. އެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަޔާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. އަރިހުގައި ވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އަދި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ބައިވެރިވަޑައިގެންނެވިއެވެ.
ނިލަންދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު ޒަމާންވެފައިވާ ނިލަންދޫ ކައުންސިލް އިމާރާތް އާ އިމާރާތަކަށް ބަދަލުކުރުމުގެ ގޮތުން އެރަށުގައި މިއަދު ވަނީ ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. އަރިހުގައި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރާއި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.
ނިލަންދޫގައި ޤާއިމުކުރާ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި މަޖިލިސް މެންބަރާއި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.
ތިން މަޝްރޫޢުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ވަނީ ނިލަންދޫގައި ސަރުކާރުން ޤާއިމުކުރި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ.