ENGLISH
02 ނޮވެމްބަރު 2025
ސަރުކާރުން ނިލަންދޫގައި ތަރައްގީކުރި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަން ސެންޓަރު ހުޅުވައިފި
21 ސެޕްޓެމްބަރު 2025
|
ސަރުކާރުން ނިލަންދޫގައި ތަރައްގީކުރި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ރައީސް ހުޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ފ. ނިލަންދޫގައި ތަރައްޤީކުރި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ރަށްރަށުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ ނިޒާމް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ އެ މަރުކަޒު އިފްތިތާޙުކޮށްދެއްވީ ނިލަންދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނެވެ. އަރިހުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރ މުުޖުތަބާ ޖަލީލާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާގެ އިތުރުން ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ބައިވެރިވަޑައިގެންނެވިއެވެ.
ނިލަންދޫގައި ޤާއިމުކުރި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ހިންގާނީ ވެމްކޯއިންނެވެ. ވެމްކޯއިން އެ ޚިދުމަތް ނިލަންދޫގައި ފަށާއިރު ފެންވަރު ރަނގަޅުކޮށް ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުމުގެ މަސައްކަތް ކުރާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ނިލަންދޫގައި މިއަދު ވަނީ އިތުރު ތިން މަޝްރޫޢެއް އިފްތިތާޙުކޮށްދެއްވައިފައެވެ. ނިލަންދޫގައި އިތުރަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަކީ އެރަށުގެ ފުލުހުންގެ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ކުރުމާއި، ކައުންސިލް އާ އިމާރާތް އެޅުމުގެ އިތުރުން އެރަށުގައި އައު ނަރުދަމާގެ ނިޒާމް ޤާއިމުކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ 31 ރަށަށް ކުރައްވާ ދަތުރުފުޅުގައި މިހާރު އުޅުއްވަނީ ފ. އަތޮޅުގައެވެ.