ENGLISH

02 ނޮވެމްބަރު 2025

Advertisement

ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމާނެ: ރައީސް

21 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބުގައި އެމަނިފާނު ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވަޢުދަކީ ވައިގެބަނދަރެއް ޤާއިމުކޮށްދެއްވުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެ މަސައްކަތުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެއަރޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެއްކަން ފާހަގަކުރައްވަމުން، އެ އަމާޒަށް ވާޞިލުވުމަށް ކުރިއަށްގެންދަން ރާއްވަވާފައިވާ އެހެނިހެން މަޝްރޫޢުތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރަށުގެ ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް މާދަމާ މަސައްކަތް ފައްޓަވާނޭކަމަށާއި، ގިނަވެގެން 24 މަސް ދުވަސް ތެރޭ އެ މަސައްކަތް ނިމޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭ ފެނުގެ ވިއުގަ ޤާއިމުކުރެއްވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގުހެދުމުގެ މަސައްކަތް ކުރިއަށްދާނޭ ކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމާ ގުޅުންހުރި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ނިލަންދޫގައި ޤާއިމުކުރާ ދަޅުބަންދުކުރާ ކާރުޚާނާގެ އިންޖިނިއަރިންގ، ޕްރޮކިއޮމަންޓް އަދި ކޮންސްޓްރަކްޝަން ކޮންޓްރެކްޓްގައި ސޮއިކުރައްވާފައިވާކަން ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަސް އަންނަން ވާއިރަށް، ނިލަންދޫވެސް ހިމެނޭހެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ފިއުލް ސްކިޑް ބަހައްޓަން ކަނޑައެޅި ރަށްރަށުގައި އެ މަސައްކަތް ފުރިހަމަކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން 200 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢާއި، 50 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫޢު ކުރިއަށްދާކަމުގެ ޔަޤީންކަން ރައީސް ނިލަންދޫ ރައްޔިތުންނަށް ދެއްވި އެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތާއި އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަހަރަށް ތާވަލުކުރައްވާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު