ENGLISH
02 ފެބްރުއަރީ 2026
ބިލެއްދޫއަަށް ތަރައްގީގެ އީދެއް؛ ހަތަރު މަޝްރޫއެއް ފަށައި، ދެ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި
20 ސެޕްޓެމްބަރު 2025
|
ބިލެއްދޫ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމދު މުޢއިްޒު މިއަދު ފ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފ.ބިލެއްދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގައި ގާއިމުކުރި އޭޓީއެމް އިފުތިތާހުކުރެއްވުމާއެކު، މުހިއްމު ތިން މަޝްރޫއެއް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފިއެވެ.
ބިލެއްދޫގައި އަމަލީ މަސައްކަތް ފެށި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ތައާރަފުކުރުމުގެ ގޮތުން ފުލުހުންގެ މަރުކަޒު ނެތް ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އެ ރަށުގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުމެވެ.
އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. އޭނާގެ އަރިހުގައި ބިންގާ އެޅުމުގައި ބިލެއްދޫ ކައުންސިލުގެ ރައީސާއި އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި ކަމުގައިވާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނަޖާހެވެ.
އެ މަޝްރޫއުގެ އިތުރަށް އެ ރަށުގައި އަލަށް އަޅާ ސިއްހީ މަރުކަޒުގެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގަތެވެ. ބިލެއްދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވަައިދެއްވައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމެވެ.
ފެލިދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން، ފޮޓޯ: ރައީސް އޮފީސް
އޭގެ އިތުރަށް ބިލެއްދޫ ބަނދަރުގެ މަޝްރޫއުވެސް މި ދަތުރުފުޅުގެ ތެރެއިން ފަށާފައިވެއެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބެވެ.
އަދި ބިލެއްދޫގައި އަލަށް ތަރައްގީކުރާ އެ ރަށުގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވާފައިވެއެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
އަދި މިއަދު އެ ރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވި ބައްދަލުވުމުގެ ތެރެއިން ދެ މަޝްރޫއެއްގެ އެއްބަސްވުމެއްގަައި ސޮއިކޮށްފައިވެއެވެ. އެގޮތުން އެ ރަށުގެ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޑރ.މުއްތަލިބު އަދި އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި ކަމުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީ ސޮއިކުރެއްވިއެވެ.
ބިލެއްދޫ އައުޓް ޑޯ ވޮލީ ކޯޓުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ބިލެއްދޫ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 91.20 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަންޖެހޭ މުހުލަތަކީ 720 ދުވަހެވެ. މަޝްރޫއު ނިމޭއިރު އެންމެ ޒަމާނީ ފެންވަރަށް ބިލެއްދޫ މަގުތައް ތަރައްގީވާނެއެވެ.
ދެން ސޮއިކުރި އެއްބަސްވުމަކީ ބިލެއްދޫ އައުޓް ޑޯ ވޮލީ ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމެވެ. އެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނީގެ ފަރާތުން އެމްޑީ ސައުދީ ސޮއިކުރެއްވިއިރު، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
ވޮލީ ކޯޓުގެ މަސައްކަތުގެ ތެރޭގައި ކޮންކްރީޓު މަސައްކަތާއި، ބައުންޑްރީ ފެންސު ޖެހުމާއި، ވޮލީ ކޯޓަށް ބޭނުންވާ އިކުއިޕްމެންޓުތައް ހަރުކުރުން ހިމެނޭނެއެވެ. މިއީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.
ރައީސްް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައި، ބައެއް މަސައްކަތްތަކުގެ ނިންމުން އިފުތިތާހުކުރައްވައި، އަނެއްބައި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްގެންދެއެވެ.