ENGLISH

02 ނޮވެމްބަރު 2025

Advertisement

ނުރުހޭ ގާނޫނުތަކަށް ތަބާނުވުމުން މުޖުތަމައު ރޫޅި، ނިޒާމު ފުނޑޭނެ

20 ސެޕްޓެމްބަރު 2025

|

ޒައިނީދަޙުލާން

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ، ފޮޓޯ: ސީއެންއެމް

ޑިމޮކްރެޓިކް ވެރިކަމުގެ އެއް އަސާސަކީ ގާނޫނުގެ ހުކޫމަތު އެންމެންގެ މައްޗަށް ހަމަހަަމަކޮށް ހިނގުމެވެ. ގާނޫނުތަކަކީ މުޖުތަމައުގެ ތެރޭގައި ހުންނަ ތަފާތު އެކި މަސްލަހަތުތަކުގެ މެދުގައި ތިލަފަތްހަމަކޮށް، އެއް ޖަމާއަތެއްގެ ހައްގުތަކާއި މަސްލަހަތުތަކުގެ ހިޔަނީގައި ބާކީ ތިބި އެންމެންގެ ހައްގުތައް ގެއްލިގެންދިޔަނުދިނުމަށް އެކަށައަޅާ ނިޒާމުތައް އޭގައި އެކުލެވޭ ތަކެއްޗެވެ. ގާނޫނުގެ ހުކޫމަތު ނުވަތަ ރޫލް އޮފް ލޯގެ ބޭނުމަކީ، މުޖުތަމައުގެ އެންމެން އެއް ނިޒާމަކަށް އެއް އުސޫލުތަކަކަށް ތަބާވާކަން ކަށަވަރުކުރުމެވެ. 

ކޮންމެ ގާނޫނެއްގައިވެސް ކޮންމެވެސް ބަޔަކު ނުރުހޭ ކަންކަން ހުންނާނެއެވެ. ދުންފަތުގެ އަގު ބޮޑުކުރުމުން ދުންފަތް އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނާއި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ނުރުހޭނެއެވެ. ވޭޕް މަނާކުރުމުން އޭގެ ވިޔަފާރިކުރި މީހުންނާއި ބޭނުންކުރި މީހުން ނުރުހޭނެއެވެ. މިފަދައިން ކޮންމެ ގާނޫނެއްވެސް ވުޖޫދުވުމާއެކު، އެ ގާނޫނުން އަސަރުކުރާ ބަޔަކު އެއާމެދު ނުރުހޭނެއެވެ. 

ނަމަވެސް މުޖުތަމައެއް އޭގެ ޒާތުގައި ދެމި އޮތުމަށް، އަދި ޑިމޮކްރެޓިކް ނިޒާމު ނެގެހެއްޓުމަށް އޮންނަަ މަގަކީ ގާނޫނުތައް ތަންފީޒުކުރެވުމެވެ. އެންމެންވެސް ގާނޫނަށް ބޯ ލެނބުމެވެ. ގާނޫނުތައް ސައްހަަކަން ނުވަތަ ބާތިލުކަން ކަނޑައެޅުމަކީ ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކަށް އޮތް ބާރެއް ނޫނެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލަކާއި ގާނޫނެއް ހިލާފުވާކަން ކަނޑައެޅުމުގެ އިހުތިސާސާއި ބާރު އޮންނާނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ. 

މިދެންނެވުނު ހަގީގަތް މިހެން އޮއްވައި މުޖުތަމައުގެ އެއް ބަޔަކު ގާނޫނުތަކަށް ތަބާނުވެ، ގާނޫނުތައް އެއްފަރާތްކޮށް އެ ބަޔަކު ހިތުހުރި ގޮތަށް އަމަލުކުރަން ފަށައިފިނަމަ އެ މުޖުތަމައެއްގައި މުއައްސަސާތަކަށް އޮންނަ އިތުބާރު ހީނަރުވެ، މުޖުތަމައުގެ އިސްތިގުރާރާއި ހަމަޖެހުން ނެތިވެގެން ހިނގައިދާނެއެވެ. 

ވަކި ބަޔަކު ގާނޫނަކާމެދު ނުރުހޭތީ އެ ބަޔަކު އެގާނޫނަށް އަމަލުނުކުރަން ނިންމައި، ގާނޫނު އެއްފަރާތްކުރާއިރު، މުޖުތަމައުގައި ހިމެނޭ އެހެނިހެން ޖަމާއަތްތަކުގެ މީހުން އެމީހުން ނުރުހޭ ގާނޫނުތަކަށް ތަބާވާންޖެހޭ ޖެހުމުން އުފަންވާނީ ބައިބައިވުމާއި ނަފުރަތެވެ. ދުންފަތް އެތެރެކުރާ މީހުން ބޮޑުކުރި ޑިއުޓީ ނުދައްކާނަަމަ، ވޭޕު އެތެރެކުރި މީހުންގެ ވިޔަފާރި ހުއްޓުވާފައި އޮތުމުން އުފެދޭނީ ނުރުހުމާއި ނަފުރަތެވެ. 

ގާނޫނުތަކަށް ތަބާނުވުމުގެ ސަގާފަތެއް އުފެދިއްޖެނަމަ، އަދި އެކަމަށް ފުރުސަތު ދީފިނަމަ، ދައުލަތުގެ ބާރު ކެނޑި، ދައުލަތް ފެއިލްވުމުގެ ފުރުސަތު ބޮޑެވެ. ދައުލަތެއްގެ ދެމިއޮތުމުގެ އެއް ޝަރުތަކީ އެ ދައުލަތެއްގެ ސަރަހައްދުގެ ތެރޭގައި އެ ދައުލަތެއްގެ ގާނޫނުތައް ހިނގުމެވެ. ދުސްތޫރީ ގޮތުން ސައްހަ ކޮންމެ ގާނޫނަކަށް އަމަލުކުރެވެމުންދިއުމެވެ. 

ވަކި ގިންތިއެއްގެ ބަޔަކު އެމީހުންނާ ގުޅުންހުރި ގާނޫނުތައް އެމީހުންގެ މައްޗަށް ނުހިންގޭނެކަން އިއުލާނުކޮށް، ގާނޫނުތަކަށް ތަބާނުވާން ފަށައިފިނަމަ، ދެން ތިބި މީހުންވެސް އެމީހުންނާ ގުޅުންހުރި ގާނޫނުތަކަށް ތަބާނުވާނެކަމުގައި ބުނެ، ދައުލަތުގެ ގާނޫނީ ނިޒާމު މުގުރައިލުމަށް މަގުފަހިވެއެވެ. ދައުލަތެއްގެ ބިންގަލަކީ ގާނޫނީ ނިޒާމު ކަމުގައިވާއިރު އެ ނިޒާމު އެއްކޮށް ސުންނާފަތިވެއްޖެނަމަ އެ ދައުލަތެއްވެސް އެކީ ފުނޑުނީއެވެ. 

ދައުލަތުގެ އެންމެ އަސާސީ އެއް ޒިންމާއަކީ ތަޖުރީމުކުރުން ނުވަތަ ކުށްކުށް ކަނޑައަޅައި ބަޔާންކުރުމުގެ ތެރެއިން މުޖުތަމައުގެ ފަރުދުންގެ ސުލޫކުތައް ވަކި އިންތަކެއްގެ ތެރޭގައި ހިފަހެއްޓުމެވެ. ވަކި ބައެއްގެ ސުލޫކު ވަކި ހަމައެއްގެ ތެރޭގައި ހިފަހެއްޓުން ލާޒިމުކުރުމުން، އެ ހަމަތަކުގައި ނުހިފަހައްޓާނެކަން އިއުލާނުކުރުމަށްފަހު، އެގޮތަށް އަމަލުކުރުމުން ގާނޫނު ތަންފީޒުނުކުރެވިއްޖެނަމަ، އެ ހުޅުވައިލެވެނީ ކުށްކުރުމަށް ދޮރެކެވެ. ކޮންމެ މީހަކުވެސް އެމީހަކު އުޅެން ބޭނުން ގޮތަކަށް އުޅުމަށް މަގުކޮށެނީއެވެ. 

ގާނޫނުތަކާ ނުރުހޭނަަމަ، އަދި އެ ނުރުހުމަކީ ދުސްތޫރީ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ނުރުހުމެއްނަމަ، ޝަަރުއީ ދާއިރާއިން އެކަމަށް ހައްލެއް ނުވަތަ ފަރުވާއެއް ހޯދަންވީއެވެ. ދައުލަތުގެ ބާރުވެރިކަން ކަނޑުވައިލާ، މުޖުތަމައުގެ ހަމަޖެހުން ނަގަައިލާ، ގާނޫނުގެ ހުކޫމަތު ނެތިކޮށްލާ ގޮތަށް، ތިމާމެންގެ މައްޗަށް ގާނޫނުތައް ނުހިނގާނެކަން އިއުލާނުކޮށް، ގާނޫނަށްވުރެ މައްޗަށް އަމިއްލައަށް އަރައިގަތުމަކީ ބަލައިގަނެވޭނެ، ތަހުޒީބު މުޖުތަމައުތަކުގައި އެކަމަށް ފުރުސަތު ދެވިގެންވާނެ ކަންކަމެއް ނޫނެވެ. 

ކިޔުންތެރިންގެ ހިޔާލު