ENGLISH
02 ނޮވެމްބަރު 2025
ފަތުރުވެރިކަން ފުޅާވަމުންދާ ވ.އަށް އުފާވެރި ހަބަރެއް؛ ތިން ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ
20 ސެޕްޓެމްބަރު 2025
|
ރަށެއްގައި ގާއިމުކުރި އޭޓީއެމްއެއް ރައީސް އިފުތިތާހުކޮށްދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
މާލެ އަތޮޅު ފިޔަވައި ރާއްޖޭގައި އެންމެ ހަލުއިކޮށް ގެސްޓުހައުސް ޓޫރިޒަމް ތަރައްގީވެ ފުޅާވަމުންދާ އެއް އަތޮޅަކީ ވ.އަތޮޅެވެ. އެ އަތޮޅުގެ ވަރަށް ގިނަ ރަށްރަށަކީ ގެސްޓުހައުސް ވިޔަފާރި ފުޅާވަމުންދާ ރަށްރަށެވެ. އެ ރަށްރަށަށް އަންނަ ޓޫރިސްޓުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަންވެސް އަންނަަނީ އިތުރުވަމުންނެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ މާޗު މަހުގައި އެ އަތޮޅުގައި އޮޕަރޭޓުކުރަމުން އައީ 30 ގެސްޓުހައުސްއާއެކު ޖުމްލަ 382 އެނދެވެ. ނަމަވެސް އޭގެ ފަހުން އެ އަތޮޅުގެ ޓޫރިޒަމަށް އައި ބޮޑު ކުރިއެރުމާއެކު، 2024 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ އަތޮޅުގައި ހިންގާ ގެސްޓުހައުސްތަކުގެ އަދަދު 56 ގެސްޓުހައުސްއަށްވުރެ އިތުރުވެއްޖެއެވެ.
މި ހިސާބުތަކަށް ބަލާއިރު ފެންނަ މަންޒަރަކީ ގެސްޓުހައުސް ވިޔަފާރި އަދިވެސް ފުޅާވާ ތަނެވެ. މިހާރުވެސް އެ އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި އައު ގެސްޓުހައުސްތައް އަންނަނީ ތަރައްގީކުރަމުންނެވެ. އަލަށް އޮޕަރޭޝަނަށް ނެރެވޭ ކޮންމެ ގެސްޓުހައުސްއަކާއެކު، ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެއެވެ.
ގެސްޓުހައުސް ވިޔަފާރި ހިނގާ ރަށްރަށުގައި ވަރަށް ގިނަ މުއާމަަލާތްތައް ހިނގަނީ ޑޮލަރުންނެވެ. އެހެންކަމުން ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމުތައް އެ ރަށްރަށުގައި ހަމަޖެހިފައި ހުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތަަކީވެސް މިދެންނެވި މަގުން، ޑޮލަރުން މާލީ މުއާމަލާތްތައް ކުރިއަށްދާ ރަށްރަށުގައި، ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ. ޑޮލަރު ނަގައި ޖަމާކުރުމަށް ބޭނުންވާ އޭޓީއެމްތައް ބެހެއްޓުމެވެ.
މިއީ ހަމައެކަނި އެ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭނެ ފަސޭހައެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރުގެ މުއާމަލާތް ކުރެވޭ މިންވަރު އިތުރުވުމަށްވެސް މަގުފަހިވާނެ ކަމެކެވެ.
ވ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް އެމަނިކުފާނު ވަޑައިގެންނެވި ރަށްރަށުގެ ތެރެއިން ތިން ރަށެއްގައި އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ޑޮލަރު އޭޓީއެމް ބަހައްޓަވާނެކަން ރައީސް އިއުލާނުކުރައްވާފައިވެއެވެ. ފުލިދޫއާއި ފެލިދޫއާއި ކެޔޮދޫގައި ޑޮލަރު އޭޓީއެމް ބަހައްޓަވައިދެއްވާނެކަން އެމަނިކުފާނު އިއުލާނުކުރައްވާފައިވެއެވެ.
ރައީސްގެ މި ސިޔާސަތުގެ ދަަށުން ރަށު ފަތުރުވެރިކަން ކުރިއަރަމުންދާ ރަށްރަށުގައި އެވިޔަފާރި ފުޅާކުރުމަށް ފުރުސަތު ފަހިވެ، އެ ރަށްރަށުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުވެ، އެ ރަށްރަށަށް އަންނަ ފަތުރުވެރިން ޑޮލަރު އޭޓީއެމްތައް ބޭނުންކުރުމުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ކުރެވޭ ޑޮލަރު މުއާމަލާތްތައް އިތުރުވެގެންދާނެއެވެ.
މި ވިސްނުންފުޅުގެ ދަށުން ރައީސް އެކަށައެޅުއްވި ސިޔާސަތާ އެއްގޮތަށް ފުރަމާލެއިން ބޭރުގައި ފުރަތަމަަ ފަހަރަށް ޑޮލަރު އޭޓީއެމްއެއް ބެހެއްޓީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގަައި ރަށު ޓޫރިޒަމްގެ ވިޔަފާރި ކުރިއަށްދާ ރަށްކަމުގައި ކ.މާފުށީގައެވެ. އެއީ ފާއިތުވި އަހަރުއެވެ.