ENGLISH

02 ފެބްރުއަރީ 2026

Advertisement

ކެޔޮދޫގެ ސްކޫލުގެ އައު އިމާރާތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

20 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ވ.ކެޔޮދޫ ސްކޫލުގެ އައު އިމާރާތާއި އެ ރަށުގެ ސިއްހީ މަރުކަޒަަށް އިތުރުކުރާ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 

ކެޔޮދޫގައި ހިންގަން ނިންމާފައިވާ މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ކެޔޮދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. 

އެގޮތުން ކެޔޮދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުއްލަތީފު މުހައްމަދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައުދީއެވެ. 

917 މީހުންގެ އާބާދީއެއް އޮންނަ ކެޔޮދޫގައި އަޅާ ސްކޫލަކީ ހަތަރު ބުރީގެ އިމާރާތެކެވެ. އެ އިމާރާތުގައި 11 ކްލާސް ރޫމާއި، އެއް ސްޓާފްރޫމާއި، ކޮމްޕިއުޓަރ ލެބަކާއި، ސައިންސް ލެބެއް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. 

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 23.79 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ނިންމަންޖެހޭ މުހުލަތަކީ 360 ދުވަސް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެ މަސައްކަތް ނިމުމުން އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެކަމަށާއި، އެ އިމާރާތުގައި ގާއިމުކުރެވޭ ލެބޯޓަރީގެ ސަބަބުން ސްކޫލު ދަރިވަރުންނަށް އިތުރު ކުރިއެރުން ލިބޭނެ ކަމުގައި އެ ކުންފުނިން ބުނެއެވެ. 

ކެޔޮދޫ ސިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ. 

އެ އެއްބަސްވުމުގެ ދަށުން 17،180 އަކަފޫޓުގެ ސަރަހައްދެއްގައި އައު ސިއްހީ މަރުކަޒު ބިނާކުރާނެއެވެ. ބިންގަނޑު ކޮނުމާއި، މެޝިނަރީއާއި ކޮންކްރީޓު މަސައްކަތް ކޮށް، ޓައިލްސް ޖަހައި، ދޮރާއި ކުޑަދޮރު ހަރުކޮށް، ދަވާދުލައި، ދަގަނޑުގެ މަސައްކަަތްކޮށް، ހައިޑްރޯލިކްސްއާއި ޑްރެއިނޭޖު ނިޒާމު ގާއިމުކޮށް، މެޑިކަލް ގޭސް ސިސްޓަމް ހަރުކޮށް، އޭސީ ނިޒާމު ގާއިމުކޮށް، އަލިފާން ނިއްވާ ނިޒަމު ބަހައްޓައި ނިންމާނެއެވެ. 

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 29.89 މިލިއަން ރުފިޔާއަށް 720 ދުވަހުގެ ތެރޭގައި މުޅި މަސައްކަތް ނިންމާ ގޮތަށެވެ. 

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވުނުއިރު، ކެޔޮދޫ ކައުންސިލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި އަމަލީ މަސައްކަތް މިއަދު ފަށްޓަވާފައިވެއެވެ. އެ މަސައްކަަތް ކުރިއަށްގެންދަނީ އާރްސީސީއާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ފަށްޓަވައިދެއްވީ ލޯކަލް ގަވަނެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަނީ ފަށްޓަވައިދެއްވަމުންނެވެ. އޭގެ ތެރޭގައި ޕޮލިސް ސްޓޭޝަންތަކާއި ރެކްރިއޭޝަން ސެންޓަރުތަކާއި، ހޮސްޕިޓާ އަދި ސިއްހީ މަރުކަޒުތަކާއި، ކައުންސިލު އިދާރާތަކާއި ސްކޫލުތަކުގެ މަސައްކަތް ހިމެނެއެވެ.  

ކިޔުންތެރިންގެ ހިޔާލު