ENGLISH
02 ނޮވެމްބަރު 2025
ރައީސް ކެޔޮދޫއަށް؛ 12 ހެކްޓަރު ބިން އިތުރުކޮށް ޑޮލަރު އޭޓީއެމް ބަހައްޓައިދޭނަން
20 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަގުރީރުކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް
ރިޔާސީ އިންތިހާބުގައި ކެޔޮދޫ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރު ފަށައި، 12 ހެކްޓަރުގެ ބިން އެރަށަށް އިތުރުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކެޔޮދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ރަށު ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދުފުޅަކީ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގުމުގެ ވައުުދުފުޅު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ކަނޑައެޅުމުގައި މި އަހަރު އެމަނިކުފާނު ބޮޑަށް އިސްކަންދެއްވީ މިއަދު އެ ރަށުގައި ފެށުނު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުއްވުމަށް ކަމުގައެވެ. މިއަދު އެ ރަށުގެ ކައުންސިލުގެ އައު އިމާރާތުގެ މަސައްކަތާއި، ރަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށިފައިވެއެވެ.
"ދެން އަންނަ އަހަރަށް ބަޖެޓު ކަނޑައެޅިގެންދާއިރު، މިހާރު ބަޖެޓު ހުށަހެޅުމުގެ މަރުހަލާގައި މިދަނީ، މި އަންނަަ މަހު ބަޖެޓު ހުށަހެޅިގެންދާނެ، އަދި ނޮވެންބަރު ޑިސެންބަރުގެ ތެރޭގައި ބަޖެޓު ފާސްވެގެންދާނެ. 2026 ވަނަަ އަހަރުގެ ކުރީ ކޮޅުގެ ތެރޭގައި، ހަމަ އެންމެ ކުރީ ކޮޅުގައި އެ ވައުދު ފުއްދުމުގެ ގޮތުން މިރަށަށް 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް އަމަލީ ގޮތުން ކުރިއަށްގެންގޮސްދާނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.
ކެޔޮދޫއަކީ ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ވިޔަފާރިކުރުމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ވިޔަފާރިއަށް ފަހިކުރުމަށް ލޯނު ފުރުސަތުތައް ފަދަ އެކި އެހީތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރަމުން އަންނަ ކަންކަން ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އަންނަ އަހަރުގެ މާޗު މަހުގެ ކުރިން އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަވައިދެއްވާނެ ކަމަށެވެ.
އެ ރަށުގައި އައު ސްކޫލު އިމާރާތެއް ބިނާކުރެވިގެންދާއިރު މިހާރު ހުރި ސްކޫލުގެ ހުރިހާ ކްލާސް ރޫމެއް އޭސީކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް ސްޓެލްކޯއިން އެ މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މުޅި ރާއްޖޭގައި ސަރުކާރުން ހިންގަމުންދާ ކޫލް ސްކޫލު މަޝްރޫއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި އިސްކަންދެނީ ކްލާސްތަކާއި މުވައްޒަފުން ބޭނުންކުރަން ހުންނަ ޖާގަތައް އޭސީކުރުމަށް ކަމުގައެވެ. ދެވަނަ މަރުހަލާ އަންނަ އަހަރު ފެށޭއިރު، އެ މަރުހަލާގައި ސްކޫލުތަކުގެ ހޯލުތައްވެސް އޭސީކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް ފިނިކުރުމަށް ހިންގާ ކޫލް ސްކޫލު މަޝްރޫއުގެ ދަށުން ސްކޫލުތަކުގައި އިއާދަކުރަނަވި ހަކަތައިގެ ނިޒާމުތައް ގާއިމުކޮށް، އޭސީ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ރައީސްވަނީ އެކި ދާއިރާތަކުން ކެޔޮދޫ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން، ކުރިއަށް އޮތް ދުވަސްތަކުގައި އިސްކަންދީގެން ސަރުކާރުން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.