ENGLISH
02 ނޮވެމްބަރު 2025
ތާރީޚީ ކާމިޔާބެއް: ވާވު އަތޮޅުގައި އައިޑީކާޑުގެ ޚިދުމަތް ފެށުމާއެކު ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ޤާއިމުވެއްޖެ
20 ސެޕްޓެމްބަރު 2025
|
ފެލިދެއޮތޮޅު ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ފެށުން --
ފެލިދެއޮތޮޅު ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ޤާއިމުވެގެންދިއުމާއެކު، ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ޤާއިމުކުރެވިގެންދިއައީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ފެލިދޫގައި ވަނީ އައި.ޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީގޮތުން އިފްތިތާޙު ކުރައްވާފަ އެވެ. މިއާއެކު، ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އައި.ޑީ ކާޑުގެ ޚިދުމަތް ޤާއިމުވެގެންދިއައީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިފަދަ ޚިދުމަތްތައް ލާމަރުކަޒުކުރެއްވުމުގެ މަޤްޞަދަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމުގައެވެ. ރަށްރަށުގައި އޭ.ޓީ.އެމް ޤާއިމުކުރުމުގެ މަސައްކަތާ ގުޅުވައިގެން އެމަނިކުފާނަށް މަލާމާތް ރައްދުވަމުންދާކަން އެނގިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، އެފަދަ އަސާސީ ޚިދުމަތްތައް މަރުކަޒުވެފައި ހުރުމުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފާއި، އެ ޚިދުމަތްތައް ލާމަރުކަޒުކުރުމުން ލިބޭ ލުއިފަސޭހަކަން އެނގިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، އެފަދަ ޚިދުމަތްތައް ފޯރުކޮށްދެއްވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ރައްޔިތުންގެ ލުއިފަސޭހައަށް ކުރާ ކަންކަމުގެ މަންފާ ރައްޔިތުންނަށް ލިބުނަ ނުދޭން، ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކުރާ ކަންކަން ކާމިޔާބުވިޔަ ނުދެއްވާނޭކަމަށް ވިދާޅުވެ، އެފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން އަޅުއްވާފައިވާ ކާމިޔާބު ފިޔަވަޅުތައް އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ. އަދި ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކަންކަން ކުރަމުންދާއިރު، މި ސަރުކާރުން ލޯމަރައިގެން ނުތިބޭނޭ ކަމަށާއި، ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތު ނުދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފެލިދޫގެ ތަރައްޤީއަށްޓަކައި ރާއްވަވާފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މާދަމާ ޢަމަލީ މަސައްކަތް ފަށާ ހޮސްޕިޓާ ނިމިގެންދާނީ، 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެ ރަށުގައި ހަދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީކުރައްވާނީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އިތުރު ވަޞީލަތްތަކާއެކު، ސްކޫލް ޢިމާރާތުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އަންނަ އަހަރު، އެ ރަށުގައި 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނޭ ކަމަށާއި، ރާއްޖޭގެ ސީ- އެމްބިއުލާންސް ފްލީޓަށް އުޅަނދުތައް އިތުރުކުރައްވައި، ފެލިދެއަތޮޅުގައިވެސް އެ ޚިދުމަތް ޤާއިމުކުރައްވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.