ENGLISH

02 ނޮވެމްބަރު 2025

Advertisement

ހުރިހާ އަތޮޅަަކުން އައިޑީ ކާޑު މިހާރު ހެއްދޭނެ؛ ޒަމާންވީ ތަކުލީފެއް ނިމުމަކަށް

20 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ގއ.ވިލިނގިލީގައި އައިޑީ ކާޑުގެ ހިދުމަތް ތައާރަފުކުރެއްވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި އައިޑެންޓިޓީ ކާޑު ޔުނިޓު އުފައްދައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ހިދުމަތް ތައާރަފުކުރީ 1984 ވަނަ އަހަރުއެވެ. 1993 ވަނަ އަހަރު މިހާރު އައިޑީ ކާޑާ ގުޅުންހުރި ހިދުމަތްތަކާއި ރައްޔިތުންގެ މައުލޫމާތު ބެލެހެއްޓުމަށް ޑިޕާޓުމެންޓު އޮފް ނޭޝަނަަލް ރެޖިސްޓްރޭޝަން އުފެއްދިއެވެ. އަދި 2008 ވަނަ އަހަރު އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު، 2009 ވަނަ އަހަރުން ފެށިގެން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށުނެވެ. 

މިދެންނެވި ތާރީހުތަކުގެ ތެރެއިން ފެންނަން އޮތް ހަގީގަތަކީ އައިޑީ ކާޑަކީ އެތައް ހިދުމަތެއް ހޯދުމަށް ކޮންމެހެން ބޭނުންވާ އެއްޗަކަށްވީ ނަމަަވެސް އައިޑީ ކާޑު ހެދުމަށް ގިނަ ތަކުލީފުތަކެއް އުފުލަންޖެހެއެވެ. ގިނަ އަތޮޅުތަކުން އެ ހިދުމަތް ނުލިބެއެވެ. ދަތުރު ހަދައިގެން މާލެއަށް އައިސްގެން ނޫނީ އައިޑީ ކާޑު އައުނުކުރެވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވީ ގައުމުގައި ހުރި މިފަދަ މައްސަލަތައް ރަނގަޅަށް ދިރާސާކުރައްވައި ބެއްލެވުމަށްފަހު، އަސާސީ ހިދުމަތްތައް ހޯދުމުގައި ރައްޔިތުން އުފުލަމުން އަންނަ ތަކުލީފުތައް ނިމުމަކަށް ގެންނެވުމުގެ މަތިވެރި އަޒުމުގައި، އެކަމަށް ސިޔާސަތުތައް އެކުލަވައިލައްވައިގެންނެވެ. 

އެގޮތުން އައިޑީ ކާޑު ހެދުމާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ހުރިހާ އަތޮޅަކަށް ފުޅާކުރައްވައި މިފަދަ އަސާސީ ހިދުމަތްތައް ހޯދުމަށް ދަތުރު ހަދައިގެން މާލެއަށް އައިސް އެތައް ހޭދައެއް ކުރަންޖެހޭ މައްސަލަ މާޒީގެ ސަފުހާތަކަށް ދޫކޮށް، އެމީހަކު ދިރިއުޅޭ ރަށާ ކައިރިން އެމީހެއްގެ އަމިއްލަ އަތޮޅުން ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ. 

މިއަދު ވ.އަތޮޅު ފެލިދޫގައި އައިޑީ ކާޑު ހެދުމުގެ ހިދުމަތް ފެށިގެން ދިޔައީއެވެ. އެއާއެކު މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ހިދުމަތް ލިބޭނެއެވެ. ބަޔަކު ބުނެފާނެއެވެ. ތިޔައީ އުފާކުރަންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސްް ފާއިތުވެދިޔަ ދިގު މާޒީގައި މި ހިދުމަތް ހޯދުމަށް އެތައް ހޭދައެއްކޮށް ތަކުލީފުތަކެއް ތަހައްމަލުކުރި ރައްޔިތުން މިއަދު ބުނާނީ ރައީސް ގެނެސްދެއްވީ ލިބުމަށް އުންމީދުކޮށް، އެހެން ސަރުކާރުތަކުގައި ހޯދައިދިނުމަށް އެތައް އާދޭހެއްކޮށް އެ ސަރުކާރުތަކަށް ހޯދައިނުދެވުނު ފަސޭހައެއް ކަމަށެވެ. 

އިދާރީ ކުދި ބަދަލުތަކާއެކު، ރައްޔިތުން އުފުލާ އެތައް ތަކުލީފެއް ކުޑަކުރެވެން އޮވެ، އެކަންކަމަށް އިހުމާލުވެވަޑައިގެންނެވި ސިޔާސީ ލީޑަރުން ރައްޔިތުންނަށް ވިސްނަވައިދެއްވަން ބޭނުންފުޅުވާނީ މިފަދަ ބަދަލުތަކަކީ އެއްވެސް އަގެއް ނެތް ކަންކަމުގެ ގޮތުގައި ރައްޔިތުންނަށް ވިސްނައިދޭށެވެ. ނަމަވެސް ފުންކޮށް ވިސްނައިފިނަމަ، އެ ބޭފުޅުން ދައްކަވާ ވާހަކަފުޅުފުގެ ދެކޮޅުނުޖެހޭކަން ސާފުވާނެއެވެ. 

ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ފުޅާކުރުމަކީ ރައްޔިތުންނާ ގާތުން ދެވެން ހުރި މިފަދަ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެއީ އެ ހިދުމަތްް ހޯދުމަށް ރައްޔިތުން އުފުލާ ތަކުލީފުތައް ކުޑަކުރުމަށެވެ. އެއީ ހަމައެކަނި އިންތިހާބުކުރާ ކައުންސިލުތަކެއް އެކުލަވައިލުމުން ކުރެވޭނެ ކަމެއް ނޫނެވެ. ކައުންސިލުތައް އެކުލަވައިލުމަށްފަހު، ހުރިހާ ހިދުމަތެއް މާލެއަށް ޖަމާކޮށް މަރުކަޒުކުރުމުން ލާމަރުކަޒީ އުސޫލުން ކަންކަން ހިންގިކަމަށްނުވާނެއެވެ. 

އެެހެންކަމުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ މުހިއްމު އަސާސީ ގިނަ ހިދުމަތްތަކެއް ފުޅާކުރައްވައި ރައްޔިތުންނާ ކައިރިން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަކީ ހަގީގީ މާނާގައި ހިދުމަތްތައް ލާމަރުކަޒުކުރެއްވުމަށް ކުރައްވާ ޝުކުރު ހައްގު މަސައްކަތްޕުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު
20 ސެޕްޓެމްބަރު 2025

ޒަމްޒަމް ·

ޙަގީގީ ލާމަރުކަޒީ ކުރުމަކީ މީ ނޫންތޯ! ޢޭޓީއެމުން ލާރިނަގަން މިހާރު މާލެ ދާކަށްވެސްނުޖެހޭނެ.