ENGLISH

02 ނޮވެމްބަރު 2025

Advertisement

ޤާނޫނު މުގުރާފައި ޤާނޫނާ ޚިލާފަށް ކަންކުރަން އެއްވެސް ބަޔަކަށް ފުރުޞަތު ނުދޭނަން: ރައީސް

20 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ޤާނޫނު މުގުރާފައި، ޤާނޫނާ ޚިލާފަށް ކަންކުރަން، މި ޤައުމުގައި އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ދިވެހި ޤައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ޤާނޫނު ނެގެހެއްޓެވުމަށްކަން ފާހަގަކުރައްވައި، ޤާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނޭކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވި އެވެ. މާތްﷲ ގަންދެއްވާ އެމަނިކުފާނު ހުވާ ކުރައްވާފައިވަނީ އިސްލާމީ ހަމަތަކާއި އެއްގޮތަށް ދައުލަތް ހިންގެވުމަށްކަމަށާއި، އެގޮތުގައި އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކުގައި ކަމަށާއި، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅުއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހީން ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތައް ހިފަހައްޓަންޖެހޭކަންވެސް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވި އެވެ. ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ، ކޮންމެ ރައްޔިތެއްގެވެސް ސިކުނޑި ތަރައްޤީކޮށް، އެމީހަކަށް ޙައްޤު އިޙުތިރާމާއި ޢިއްޒަތް އަނެކާއަށްވެސް ޙައްޤުވާނޭކަން ބަލައިގަނެ، އެގޮތަށް ޢަމަލުތައް ބެހެއްޓުމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބަލާލުމެއް ނެތި، އަނެކާއާ ދޭތެރޭ ދޮގު ވާހަކަދެއްކުމަކީ، މުސްލިމުންނަށް ވީތީވެސް، އަދި އިންސާނުންނަށް ވީތީވެސް، އަޅުގަނޑުމެން ދުރުހެލިވާންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އާއި ރައްޔިތުންނަށްވެސް، އެއްވެސް ހިފެހެއްޓުމެއް ނެތި އެބައޮތް ކަމުގައި އެމަނިކުފާނު މިރޭ ތަކުރާރުކޮށް ވިދާޅުވިއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުންވެސް އަންގަނީ، ސާބިތުނުކުރެވޭ ވާހަކަ ނުދެއްކުމަށް ކަމަށާއި، ސާބިތުނުކުރެވޭ ވާހަކައެއްނަމަ، އެއީ ސާބިތުނުކުރެވޭ ވާހަކައެއްކަން ހާމަކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެ ޤާނޫނާ ބެހޭގޮތުން ގޮތްނިންމުމުގައިވެސް، މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ބުއްދިން ވިސްނައިގެން ގޮތްނިންމުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ދިވެހި ރައްޔިތުން ބޭނުންވަނީ، އިޙްތިރާމާއި ކުލުނާއި ލޯބި އެކުލެވިގެންވާނޭ ގޮތުން، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދިއުން ކަމަށާއި، ޤައުމުގައި ހަމަނުޖެހުން އިއާދަވާން ބޭނުން ނުވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު