ENGLISH
02 ނޮވެމްބަރު 2025
ވޭޕު މަނާކޮށް ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ ހަރުދަނާ ފިޔަވަޅެއް، ޒުވާނުން ފަހުން އުފާކުރާނެ: މަހުލޫފު
19 ސެޕްޓެމްބަރު 2025
|
ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު މަަހުލޫފު، ފޮޓޯ: މިހާރު
ދުންފަތުގެ ބާވަތްތައް އެތެރެކުރާއިރު ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ވޭޕު ގަނެވިއްކުމާއި ވިޔަފާރިކުރުން މި ސަރުކާރުން މަނާކުރުމަށް ނިންމި ނިންމުމަކީ ހަރުދަނާ ނިންމުމެއް ކަމަށާއި، އެ ނިންމުމުގެ ސަބަބުންް ޒުވާނުންނަށް ފަހުން އުފާވެރިކަން ލިބޭނެ ކަމުގައި ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު މިފަދައިން ވިދާޅުވީ އޭނާ އެ ޕާޓީއެއްގަައި ކުރިން ހުންނެވި އެމްޑީޕީން ސަރުކާރުން ދުންފަތާ ދެކޮޅަށް އެޅި މުހިއްމު ބައެއް ފިޔަވަޅުތައް އުވައިލާނެ ކަމުގައި ބުނުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. އެމްޑީޕީގެ އެންމެ އިސްކޮށް ހުންނެވި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެފައިވަނީ ވޭޕު މަނާކުރި ކުރުމާއި ދުންފަތުގެ ޑިއުޓީ ބޮޑުކުރުން އެމްޑީޕީގެ ވެރިކަމެއްގައި އުވައިލާނެ ކަމަށެވެ.
މަހުލޫފު ވިދާޅުވީ ރާއްޖޭގައި ވޭޕް ބޭންކުރުމާއި، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިހާތަނަށް މި ސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއް ނިންމުން ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ މިވަގުތަށް އެ ފިޔަވަޅުތަކާމެދު އެއްބަޔަކު ނުރުހުނަސް އަދި ހިތްހަމަނުޖެހުނު ނަމަވެސް މީގެ މަސްތަކެއް ނުވަތަ އަހަރުތަކެއް ފަހުން، ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ދުންފަތާއި ވޭޕް ބޭނުންކުރުމާ ދުރުވާ އެތައް ހާސް ޒުވަނުންނެއް އެކަމާ އުފާކުރާނެ ކަމަށެވެ.
އަދި ދުންފަތުގެ ވަބާއަށް ދެވިހިފާފައިވާ ޒުވާނުން ދުންފަތަށް ކޮންމަ މަހަކު އެތައް ހާސް ރުފިޔާއެއް އިސްރާފުކުރަމުން އަންނަކަމަށާއި، އެކަމާ ދުރުވެވުމުން އެ ފައިސާ ރައްކާކުރެވި ސަލާމަތްކުރެވޭނެ ކަމުގައި މަހުލޫފު ވިދާޅުވިއެވެ. އަދި ވޭޕުގެ އަވައިގައި ޖެހި މަސްތުގެ މަގަށް ގެއްލެމުންދިޔަ އެތައް ކުޑަކުދިންނެއް އެކަމުން ސަލާމަތްކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުންފަތުން މީހުން ދުރުހެލިކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ސަރުކާރުން އެޅި ފިޔަވަޅުތައް އުވައިލައްވާނެކަމަށް ފައްޔާޒު ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކޮންމެ ސަރުކާރަކުން ވިޔަސް ނިންމާ ރަނގަޅު ކަންކަން ބަދަލުކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަން ފާހަގަކޮށް، ފައްޔާޒަށް ރައްދުދެމުންނެވެ. އަދި ސިޔާސީ ގޮތުން ތާއީދު ހޯދުމަށް ދައްކަންވާނެ ވާހަކަތަކާއި ދައްކައިގެން ނުވާނެ ވާހަކަތައް ލީޑަރުންނަށް އެނގިވަޑައިގަންނަވަންވާނެ ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.