ENGLISH
19 ސެޕްޓެމްބަރު 2025
ފުލިދޫގެ ބަނދަރާ ގުޅިގެންދާ ގޮތަށް 12 ހެކްޓަރުގެ ބިން އިތުރުކޮށްދޭނަން: ރައީސް
19 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
މިއަދު ފުލިދޫގައި ފެށުނު ބަނދަރު މަޝްރޫއު ނިމިގެންދާއިރު އެ ބަނދަރާ ގުޅިގެންދާ ގޮތަށް އެ ރަށަށް 12 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ވ.ފުލިދޫއަށް ރައީސް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގައި ތަރައްގީގެ މުހިއްމު ބައެއް މަޝްރޫއުތައް ފެށިފައިވެއެވެ. އެގޮތުން އެ ރަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތާއި، ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަަތް ފެށިފައިވެއެވެ.
އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބަނދަރު ތަރައްގީކުރެވިގެންދާއިރު، ބިން ހިއްކައި އެ ރަށަށް ބިން އިތުރުކޮށްދިނުމަކީ އެ ރަށުގެ ރައްޔިތުން އެދޭ ގޮތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއަދު އަލަށް ފެށުނު މަޝްރޫއުތަކުގެ ތެރޭގައި އަދި މަސައްކަތް ފެށުމަށް ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި އެ މަސައްކަތް ނުހިމެނުނު ނަމަވެސް ބަނދަަރާ ގުޅިގެންދާ ގޮތަށް ބިން ހިއްކައި ތަރައްގީކުރައްވާނެ ކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް ރައީސް ދެއްވިއެވެ.
"މިއަދު ބިން ހިއްކުމުގެ މަޝްރޫއުގައި ސޮއިވެސް ނުކުރަން އަމަލީ މަސައްކަތްވެސް ނުފަށަން. އެކަމަކު އެއީ އަޅުގަނޑު ތިބޭފުޅުންނަށްވީ އެންމެ މުހިއްމު އެއް ވައުދު. އަޅުގަނޑު ތިބޭފުޅުންނަށް ދޭ ޔަގީންކަމަކީ އަޅުގަނޑު ވައުދުވީ ގޮތަށް، އަދި މި ރަށުގެ ތަރައްގީއަށް މުހިއްމު މި މައްސަލަ ހައްލުކުރުމަށްޓަކައި، ބަނދަރާ ގުޅިގެންދާ ގޮތަށް 12 ހެކްޓަރުގެ ބިން މިރަށަށް އިތުރުކޮށްދިނުމުގެ މަޝްރޫއެއް ހިންގާނެކަމުގެ ޔަގީންކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަހުން ރަށެއްގެ ބިން ހިއްކުމާ ގުޅިގެން ކުރައްވަންޖެހިވަޑައިގަތް ތަޖުރިބާގެ އަލީގައި މިފަދަ މަޝްރޫއެއް ރަށެއްގައި ހިންގާއިރު، އެ މަޝްރޫއަކީ އެ ރަށެއްގެ ރައްޔިތުންގެ އަޣުލަބިއްޔަތު ރައްޔިތުން ބޭނުންވާ މަޝްރޫއެއްކަން ސަރުކާރަށް ޔަގީންވާންޖެހޭ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން މި މަަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވި އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދާއިރުގައި ދާދި އިހަކަށް ދުވަހު ދިމާވި ގޮތަށް މަޝްރޫއު ކެންސަލްކުރަންޖެހި އެކަހަލަ ކަމެއް ވާކަށް. އެހެންވީމާ ރައްޔިތުން ބޭނުންވާ ގޮތް ލިޔެކިޔުމުން ކައުންސިލު މެދުވެރިކޮށް ފޮނުއްވަައިދެއްވުމަކީ އެދޭ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށުގައި ތަބީއީ މާހައުލާއި ގަޮނޑުދޮށުގެ ރީތިކަން ހިމާޔަތްވުމުގެ މުހިއްމުކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުން ބިން ހިއްކުމާމެދު ގޮތެއް ނިންމާއިރު އެކަމަށްވެސް ރިއާޔަތްކުރާނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރަށުގައި މިއަދު ފެށުނު މަޝްރޫއުތަކުގެ ތެރެއިން ބަނދަރުގެ މަޝްރޫއަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އެ ބަނދަރަކީ އެ ރަށުގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތަށް ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ ބަނދަރެއް ކަމަށެވެ. އެގޮތުން އެ ރަށުގެ ބަނދަރުގެ ވީހާވެސް ގިނަ ފަޅިއެއް ބޭނުންހިފޭނެ ގޮތަށް ފަރުމާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ފެށުނު ސިއްހީ މަރުކަޒުގެ އައު އިމާރާތަކީ އެ ރަށަށް އަންނަ ފަތުރުވެރިންނާއި އެކި ބޭނުންތަކަށް ރަށަށް އަންނަ މީހުންނާއެކު 1،200 މީހުންގެ އާބާދީއަކަށް ބޭނުންވާ ވަސީލަތްތަކާއި ޖާގަ އެ އިމާރާތުގައި ގާއިމުކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިއަދު އެ ރަށުގައި ދިވެހި ރުފިޔާ އޭޓީއެމްެއެއް ބެހެއްޓުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފުލިދޫ ފަދަ ލޯކަލް ޓޫރިޒަމް ފުޅާވަމުންދާ ރަށެއްގައި ޑޮލަރުގެ އޭޓީއެމެއް ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ މާޗު މަހުގެ ކުރިން އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ފުޓުބޯޅަ ދަނޑު އަޅާނެ ބިން ނެތުމުން އެ ރަށުގައި ފުޓްސެލް ދަނޑެއް އަޅުއްވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ސްކޫލުގެ އައު މަލްޓި ޕާޕޯސް ހޯލުގެ މަސައްކަތްވެސް ބަނދަރުގެ މަސައްކަތް ކުރާ އެމްޓީސީސީން ކުރިއަށްގެންގޮސް ނިންމައިދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މި މަޝްރޫއަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަޑުޖެހިފައި ހުރި މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.
ރައީސްވަނީ އަންނަ އަހަރު ސްްކޫލާ ވާހަކަދެކެވިގެން ބަޖެޓުން ޖާގަ ދެވިގެން ސްކޫލުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްދާނެ ކަމަށެވެ.