ENGLISH
19 ސެޕްޓެމްބަރު 2025
ފުލިދޫގައި އޭޓީއެމް ހުޅުވައި، ބަނދަރާއި ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
19 ސެޕްޓެމްބަރު 2025
|
ފުލިދޫގައި ރައީސް މިއަދު އޭޓީއެމް ހުޅުއްވައިދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު ފެލިދެއަތޮޅު ފުލިދޫއަށް ވަޑައިގެން އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި، ބަނދަރު ތަރައްޤީކުރުމާއި އަލަށް އިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅަކީ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގައި މީހުން ދިރިއުޅޭ 31 ރަށަކަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ވ. ފުލިދޫއަށެވެ. އެރަށަށް ވަޑައިގެން ބީއެމްއެލް އޭޓީއެމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަރިހުގައި ބީއެމްއެލްގެ ޗެއާޕަސަން އަޙްމަދު ޢަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް އަދި ފުލިދޫ ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.
ފުލިދޫގައި ޚިދުމަތް ފެށި އޭޓީއެމްއިން ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ އިތުރުން ލޯނަށް ފައިސާ ދެއްކުންފަދަ ޚިދުމަތްތައް 24 ގަޑިއިރު ލިބޭނެއެވެ.
ފުލިދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އަރިހުގައި ވަޑައިގެންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސައުދީގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އަދި ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒްއެވެ.
ފުލިދޫއަކީ އާބާދީގައި ގާތްގަނޑަކަށް ދުއިސައްތައެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. އަދި، ރާއްޖޭގައި ބަނދަރު ތަރައްޤީކުރެވިފައިނުވާ މަދު ރަށްތަކުގެ ތެރޭގައި އެރަށް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އެރަށުގައި ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ.
ފުލިދޫގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ގޮދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަރިހުގައި ވަޑައިގެންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީގެ އިތުރުން ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޒާޔެވެ.
ރައީސުލްޖުމްހުރިއްޔާގެ ދަތުރުފުޅުގައި ފުލިދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަނީ ބައްދަލުކުރައްވައިފައެވެ. އަދި، ފުލިދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައިވެއެވެ.