ENGLISH
19 ސެޕްޓެމްބަރު 2025
ހުޅުމާލެ ޗެނަލް ޕާކު މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި
19 ސެޕްޓެމްބަރު 2025
|
ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ޗެނަލް ޕާކު. އެ ސަރަޙައްދުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ. ފޮޓޯ: ޕީއެސްއެމް
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި އޮންނަ ޗެނަލް ޕާކުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދުން ފެށިގެން މަނާކޮށްފިއެވެ.
އެ ސަރަހައްދުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރާނެކަން އެޗްޑީސީން މީގެކުރިން ވެސް ވަނީ އިއުލާނުކޮށްފައެވެ. އިންޖީނުލީ އުޅަނދަށް އެ ސަރަހައްދަށް ނުވަދެވޭގޮތަށް ރަސްމީކޮށް ބަންދުކުރީ މިއަދުން ފެށިގެންނެވެ.
ދެ ފިޔަވަހި ގުޅޭ އެ ސަރަޙައްދުގެ މޫދަކީ، އެކި ހަރަކާތްތަކަށް ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ސަރަހައްދެކެވެ. އަދި، އެޗްޑީސީން އަންނަނީ އެތަން ހިމާޔަތްކުރުމަށް މުރަކަ އިންދާ އާލާކުރުމުގެ މަސައްކަތް ވެސް ކުރަން ތައްޔާރުވަމުންނެވެ.
އެޗްޑީސީން އެ ސަރަަހައްދު އިންޖީނުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ހާއްސަކުރީ، އެތަނުގައި ކުރަމުން އަންނަ މަސައްކަތަށް ހުރަސް ނޭޅޭނޭހެން އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
އެޗްޑީސީން ހަދާފައިވާ ޗެނަލް ޕާކުގެ މޫދަށް އެރޭ ސަރަޙައްދުގެ ފުންމިނުގައި 1.85 މީޓަރު އަދި ފުޅާމިނުގައި 50 މީޓަރު ހުރެއެވެ.