ENGLISH

19 ސެޕްޓެމްބަރު 2025

Advertisement

މަނަދޫ ނަރުދަމާ ނިޒާމު ގާއިމުކުރަން އާރްޑީސީއާ ހަވާލުކޮށްފި

19 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ނ.މަނަދޫގެ އައު ނަަރުދަމާ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ނ.މަނަަދޫގެ އައު ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ. 

އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗަރއިންނެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. 

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. 

މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ 700 ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާ ގޮތަށް 71،212،387.68 (ހަތްދިހަ އެއް މިލިއަން ދެލައްކަ ބާރަހާސް ތިންސަތޭކަ އަށްޑިހަ ހަތް) ރުފިޔާއަށެވެ. 

މި މަޝްރޫއުގެ ދަށުން އެ ރަށުގައި މިހާރު ގާއިމުކޮށްފައި އޮތް ނަރުދަމާ ނިޒާމުގެ ބަދަލުގައި ކޮންވެންޝަނަލް ގްރެވިޓީ ސިސްޓަމެއް ގާއިމުކުރާނެއެވެ. އެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅި އަޅައި، ނަރުދަމާގެ ޕަމްޕިން ސްޓޭޝަން ބަހައްޓައި، ނަރުދަމާއަށް ބޭނުންވާ ޖަންކްޝަންތައް ބިނާކޮށް، އައުޓް ފޯލްއެއް އެޅުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ. 

ސަރުކާރުން އަންނަނީ ކުރީ ސަރުކާރުގައި ފެށި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތައް ނިންމުމުގެ އިތުރަށް، އެ މަސައްކަތް ފެށިފައި ނެތް ރަށްރަށުގައި މަސައްކަތް ފަށަމުންނެވެ. އަދި އާބާދީއަށް އައި ބަދަލުތަކާއެކު ނަރުދަމާގެ ނިޒާމު އައުކޮށް އިތުރަށް ތަރައްގީކުރަންޖެހޭ ރަށްރަށުގައި ސަރުކާރުން ދަނީ އެ މަސައްކަތްވެސް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު