ENGLISH
25 ނޮވެމްބަރު 2024
އާސަންދައިން ބޭސް ދޫކުރުމުގައި 'ޑިސްޕެންސް ކޯޑު' އަލުން ފޮނުވަން ފަށައިފި
25 ނޮވެމްބަރު 2024
|
އާސަންދަ އޮފީސް. ފޮޓޯ: އެމްވީ ޕްލަސް
އެންމެ މަޤްބޫލު
އާސަންދަ ސްކީމްގެ ދަށުން ބޭސް ދޫކުރާއިރު، ބޭހާ ހަވާލުވާ ފަރާތުގެ ފޯނަށް 'ޑިސްޕެންސް ކޯޑު' ފޮނުވުން މެދުކެނޑުމަކަށް ފަހު އަލުން ފަށައިފިއެވެ.
މި ނިޒާމުގެ ދަށުން، ބަލިމީހާއަށް ޑޮކްޓަރު ލިޔެދޭ ބޭހާ ހަވާލުވަނީ ކާކުކަން ކަށަވަރުކުރުމަށްޓަކައި، ބޭހާ ހަވާލުވާން އަންނަ ފަރާތުގެ އައިޑީކާޑު ފާމަސިސްޓަށް ދެއްކުމަށްފަހު، އެފަރާތުގެ ފޯނު ނަންބަރު ދޭންޖެހެއެވެ. އެއަށްފަހު، އެ ނަންބަރަށް 'ޑިސްޕެންސް ކޯޑު' ފޮނުވައެވެ. ފާމަސިސްޓަށް ބޭސް ދޫކުރެވޭނީ ބޭހާ ހަވާލުވާ ފަރާތުގެ މަޢުލޫމާތު ޕޯޓަލަށް އެންޓަރކޮށް، ޕޯޓަލުގެ ތެރެއިން އެ ފަރާތުގެ ފޯނަށް ލިބޭ ކޯޑު ފާމަސިސްޓާ ހިއްސާކުރުމުންނެވެ.
މި ޚިދުމަތަކީ އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދެމުންދާ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލަށް ތަޢާރަފުކުރި ޚިދުމަތެކެވެ. މި ބަދަލާ ގުޅިގެން، ބޭސް ފިހާރަތައް މެދުވެރިކޮށް ބޭސް ލިބިގަތުމުގައި ތަކުރާރުކޮށް އެއްބޭސްތަކެއް ގިނަ ޢަދަދަކަށް އެއް މުއްދަތެއްގައި ނަގަމުންދާ މައްސަލައަށާއި، ބޭސް ފިހާރައިން ބޭސް ނެގުމަށް ފަހު، ބަލިމީހާއަށް ރައްދުނުކޮށްދޭ މައްސަލައަށް ޙައްލު ލިބިގެންދާނެ ކަމަށް އާސަންދައިން ބުނެއެވެ.
މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އާސަންދަ ކޯލްސެންޓަރު ނަންބަރު 1400 އަށް ގުޅައިގެން މަޢުލޫމާތު ހޯދޭނެއެވެ. އަދި ޚިދުމަތް ދިނުމުގައި މަތީގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް އެއްވެސް މަރުކަޒަކުން ޢަމަލުކުރާނަމަ، އާސަންދައަށް ޝަކުވާ ހުށަހެޅުމަށް ޤާއިމުކޮށްފައިވާ ޝިކާވަތި ޗެޓްލައިން ނަންބަރު 7951400 އަށް ވައިބަރ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މެސެޖުން ޝަކުވާ ހުށަހެޅޭނެއެވެ.