ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ސުޕަރ ކަޕް ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް

06 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

ރާއްޖެއާ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: މިހާރު

ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު 3-0 އިން މޮޅުވެއްޖެއެވެ.

ކޮލަމްބޯގައި ހުންނަ ރޭސްކޯސް އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ވަނީ ދެ ލަނޑު ޖަހައިފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ރާއްޖެ އަށް ލީޑު ނަގައިދިނީ ލިބުނު ކޯނަރެއްގެ އެހީގައި ނާއިޒް ހަސަން (ދާދު) ވައްދާލި ލަނޑުންނެވެ. މިއީ ރާއްޖޭގެ މިޑްފީލްޑަރު، އިބްރާހިމް އައިސަމް ނަގައިދިން ކޯނަރެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ދާދު ކާމިޔާބުކޮށްދިން ގޯލެކެވެ.

އޭގެ ހަތް މިނެޓު ފަހުން، ރާއްޖޭގެ ދެވަނަ ލަނޑުޖަހައިދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. މިއީ ރާއްޖޭގެ ފޯވާޑްލައިންގައި ހިމެނޭ އަހުމަދު ރިޒުވާން (ރިޒޭ) އާއި ހަމްޒާ މުޙައްމަދު (ހަމްޕު) ގުޅިގެން އުފެއްދި އެޓޭކެއްގައި ދާދު ޖައްސާލި ޕާހަކުން ފޭދޫ އިއްބެ ކާމިޔާބުކުރި ގޯލެކެވެ.

މި ގޯލާއެކު ރާއްޖޭން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ރާއްޖޭން ލަނޑުޖަހަން އިތުރު ފުރުޞަތުތައް ތަނަވަސްކުރިއިރު، މި ހާފުގައި ކުޅެން ނުކުތް އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ފޭދޫ އިއްބެ އަށް ދިން ބޯޅަ އޭނާގެ ފަޔަށް ރަނގަޅަށް އަރާގޮތް ނުވުމުން އެ ފުރުޞަތުގެ ބޭނުމެއް ނުހިފުނެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ރާއްޖޭގެ ތިންވަނަ ލަނޑުޖަހައިދިނީ ސެންޓޭ އެވެ. މިއީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު އިލާން އިމްރާން ދިން ބޯޅައަކުން ސެންޓޭ ކާމމިޔާބުކުރި ރީތި ގޯލެކެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗު އޮންނާނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އެ މެޗުން ރާއްޖެ ތިން ގޯލުގެ ފަރަގަކުން ބަލިނުވެއްޖެ ނަމަ، ސުޕަރ ކަޕްގެ ޗެމްޕިއަންކަން ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު