ENGLISH
07 ސެޕްޓެމްބަރު 2025
ވިޒިޓް މޯލްޑިވްސް އިން "ދަ އިވެންޓްސް ކަލަންޑަރ" ތަޢާރަފްކޮށްފި
07 ސެޕްޓެމްބަރު 2025
|
ވިޒިޓް މޯލްޑިވްސްއިން "ދަ އިވެންޓްސް ކަލަންޑަރ" ތަޢާރަފްކުރުން. ފޮޓޯ: ވިޒިޓް މޯލްޑިވްސް
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން މުޅިން އަލަށް "ދަ އިވެންޓްސް ކަލަންޑަރ" ތަޢާރަފްކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލަށް ތަޢާރަފްކުރި އިވެންޓްސް ކަލަންޑަރުން މުޅި ރާއްޖޭގައި ކުރިއަށްދާ ހުރިހާ އިވެންޓްތަކެއް ފެންނާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ އެކިއެކި ފެސްޓިވަލްތަކާއި، ކުޅިވަރުގެ އެކި ހަރަކާތްތަކުން ފެށިގެންް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، މައުރަޒުތަކުގެ މަޢުލޫމާތު ހޯދުމުގެ މައި ހަބެއްގެ ގޮތުގައި މި ޕްލެޓްފޯމް މަސައްކަތްކުރާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެއެވެ.
"އަދި މި އިވެންޓް ކަލަންޑަރުގެ ސަބަބުން ސްޓޭކްހޯލްޑަރުންނަށް އެމީހުންގެ އިވެންޓްތައް ކުރިއާލާ ޕްރޮމޯޓްކޮށް، ލޯކަލް އަދި އިންޓަނޭޝަނަލް ލެވަލެއްގައި ފުޅާ ދާއިރާއެއްގައި ވާސިލްވުމުގެ އަގުހުރި ފުރުސަތެއް ލިބިގެންދެއެވެ." ވިޒިޓް މޯލްޑިވްސްގެ ބަޔާނުގައި ވެއެވެ.
ކަލަންޑަރުގައި ރާއްޖޭގެ ޚާއްޞަ ސިފަތައް ހިމަނައި ފަތުރުވެރިން ގަޔާވާނެ ފަރުމާތަކާއެކު، ރިސޯޓުތަކުންނާއި ރަށްރަށުން އަހަރު ތެރޭގައި ރާވާފައިވާ ހަރަކާތްތައް ވަނީ ހިމަނައިފައެވެ. އޭގެތެރޭގައި ސަގާފީ ހަރަކާތްތަކާއި، ކުޅިވަރާއި ވެލްނަސް ރީޓްރީޓްތަކުގެ މައުލޫމާތުގެ އިތުރުން ކެއްކުމާއި ކާބޯތަކެތީގެ މައުލޫމާތު ވެސް ހިމަނާފައިވާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އަލަށް ތަޢާރަފްކުރި ޚިދުމަތާއެކު "އެކްސްޕީރިއެންޝަލް އަދި އެޑްވެންޗަރ ފަތުރުވެރިކަން" ކުރިއެރުވުމަށް ރާއްޖެއަށް އިތުރު ހަރުފަތަކަށް ދެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. ވިޒިޓް މޯލްޑިވްސްގެ ބަޔާނުގައި ބުނީ ކަލަންޑަރުގައި ހިމަނާފައިވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ލިބޭނެ ކަމަށެވެ. އަދި، ހިލޭ ބައިވެރިވެވޭ ހަރަކާތްތަކުގެ މައުލޫމާތު ވެސް ފަސޭހައިން ލިބޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ލާމަސީލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަލަންޑަރު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާނެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އެގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެންބަރުންނާއި ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކާއި ސަފާރީ އަދި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެހާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ކަލަންޑަރު އިތުރަށް ފުރިހަމަކުރުމުގެ މައުލޫމާތު ހިއްސާކުރުމަށް ދައުވަތު އަރުވައިފައެވެ.