ENGLISH
15 ޖޫން 2026
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާގެ ހިސާބުތަކުން؛ ޕާޓީގެ އެތެރެއަށް އަންނަ ބޮޑު ފޮރުޅުން
13 ޖޫން 2026
|
ރައީސް ނަޝީދާއި ރައީސްް ޞާލިޙު އަދި ފައްޔާޒު
އެންމެ މަޤްބޫލު
އެމްޑީޕީގެ އެންމެ އިސް ލީޑަރު ނުވަތަ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް އިއްޔެ ނެގި ވޯޓު ބޮޑު ތަފާތަކުން ރައީސް މުޙައްމަދު ނަޝީދު ކާމިޔާބުކުރެއްވުމާއެކު، ފާއިތުވި އަށެއްކަ އަހަރު ޕާޓީގެ ބާރުވެރިކަން އެ ބައެއްގެ އަތް މަތީގައި އޮތް ބޭފުޅުންނާއި، ޕާޓީގެ މިސްރާބު ކަނޑައަޅުއްވަމުންގެންދެވި ބާރުވެރިން ބަދަލުވުމުގެ ކޮޅުމަތި ފެނިއްޖެއެވެ. ބައެއް ބޭފުޅުންގެ ސިޔާސީ އުންމީދުތަކަށް ނަޝީދަށް ލިބިވަޑައިގަތް ބޮޑު ކާމިޔާބުން ހިޔަނި އެޅޭނެއެވެ. ޕާޓީގެ އެތެރޭގައި ހުރި ދެބަސްވުންތައް އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. ހިސާބުތަކުން ފެންނަ ބައެއް ހަގީގަތްތައް ބުނެދެނީ މިއީ ޕާޓީގެ އެތެރެއަށް އަންނަ ބޮޑު ލޮޅުމެއްގެ ކޮޅުމަތިކަމެވެ.
އެމްޑީޕީގެ އެތެރޭގައި މިފަހުން ބޮޑު ތިން އިންތިހާބެއް ބާއްވައިފިއެވެ. އެއީ 2022 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާއި، 2023 ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއާއި 2026 ގައި ބޭއްވި ޕާޓީގެ ޗެއާޕާސަން އިންތިހާބެވެ. މި ތިން އިންތިހާބުގެ ތަފާސްހިސާބުތަކަށް ބަލައިލުމުން ޕާޓީއަށް އައި ބަދަލާއި، އެ ބަދަލު އައި ސަބަބުތައް ސާފުކޮށް ފެންނާނެއެވެ.
އެމްޑީޕީއަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވުމަށްފަހު އެއިރު ޕާޓީގައި ތިއްބެވި އެންމެ މަގުބޫލު އަދި އެންމެ ތާއީދު ބޮޑު ދެ ލީޑަރުންކަމަށްވާ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސްވެރިޔާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދުގެ ފުރަތަމަ ކުރިމަތިލެއްވުމަކީ 2022 ވަނަ އަހަރު އޮތް ޗެއާޕާސަން އިންތިހާބެވެ. ރައީސް ޞާލިޙުގެ ތާއީދާއެކު ޗެއާޕާސަން މަގާމަށް ވާދަކުރެއްވީ އެއިރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލެވެ. އޭނާއަކީ ސަރުކާރުގެ އެންމެ ބާރުގަދަ އެއް ވަޒީރެވެ. އަދި އެމްޑީޕީގެ އެތެރެއިން ރައީސް ޞާލިޙުގެ ދިފާޢުގައި އެންމެ ބުރަކޮށް އެންމެ ވަރުގަދައަށް މަސައްކަތްކުރެއްވި ލީޑަރަކީވެސް ފައްޔާޒެވެ.
އެ އިންތިހާބުގައި ރައީސް ނަޝީދުގެ ތާއީދާއެކު ވާދަކުރެއްވީ އިމްތިޔާޒު ފަހުމީއެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އިމްތިޔާޒަކީ އެމްޑީޕީގެ ހަރަކާތްތަކުގެ ކުރީ ސަފުގައި އުޅުއްވުމުގެ ރެކޯޑު އޮތް ބޭފުޅެކެވެ.
މިއިންތިހާބަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގަައި މިފަހުގެ ތާރީހުގައި އެންމެ ގިނަ މެންބަރުން ވޯޓުލި އިންތިހާބެވެ. 48،000 އަށްވުރެ ގިނަ މީހުން އެ އިންތިހާބުގައި ވޯޓުލިިއިރު ފައްޔާޒު އިންތިހާބު ކާމިޔާބުކުރެއްވީ 7،000 ވޯޓަށްވުރެ ގިނަ ވޯޓުގެ ފަރަގުންނެވެ. 60 އިންސައްތަ ވޯޓު ކާމިޔާބުކުރެއްވިއެވެ. އެއިރު އެ ނަތީޖާ މާނަކުރެވުނީ ޕާޓީގައި ރައީސް ނަޝީދަށްވުރެ ރައީސް ޞާލިޙުގެ މަގުބޫލުކަން ބޮޑު ކަމަށެވެ.
ދެން ބޭއްވުނީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއެވެ. އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދެއްކަމަށް އެމްޑީޕީން ބުނީ 57،257 މީހުންނެވެ. އެ މީހުންގެ ތެރެއިން 82 އިންސައްތަ މީހުން އެ އިންތިހާބުގައި ވޯޓުލިއެވެ.
ރައީސް ނަޝީދަށް 15،641 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ޞާލިޙަށް 24،566 ވޯޓު ލިބިވަޑައިގަތެވެ. އެހެންކަމުން ރައީސް ޞާލިޙު އެ ޕްރައިމަރީ ކާމިޔާބުކުރެއްވީ 60 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.
މި ނަތީޖާތަކަށް ބަލާއިރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ޖެހެންދެން އެމްޑީޕީގައި އޮތީ ރައީސްް ޞާލިޙުގެ ބާރެވެ. އެމަނިކުފާނަށް އޮތް ތާއީދުގެ އަސްލަކީ އެވަގުތު އެމަނިކުފާނު ވެރިކަމުގައި ހުންނެވުންކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
އިއްޔެ ބޭއްވި ޕްރައިމަރީގެ އަދަދުތަކަަށް ބަލާއިރު ވޯޓުގައި ބައިވެރިވީ 30,663 މެންބަރުންނެވެ. މިއީ މިފަހުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލާން މެންބަރުން ނުކުތް އެންމެ މަދު އަދަދެވެ. ވޯޓުލުމުގެ ހައްގު 50،000 އަށްވުރެ ގިނަ މެންބަރުންނަށް ލިބިފައިވާ މި އިންތިހާބުގައި ވޯޓުދިނީ ވޯޓުލުމުގެ ހައްގު އޮތް މީހުންގެ އެންމެ 60 އިންސައްތައެވެ.
ވޯޓުލީ މީޙުންގެ ތެރެއިން ރައީސް ނަޝީދަށް 20،923 ވޯޓު ލިބިވަޑައިގަތްއިރު، ރައީސް ޞާލިޙުގެ ތާއީދާއެކު ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލަށް ލިބިވަޑައިގަތީ 9،251 ވޯޓެވެ. އެންމެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ކާމިޔާބުކުރެއްވީ ނަޝީދެވެ.
ކުރީގެ އިންތިހާބުތަކުގައި ވޯޓުލާން ނުކުތް މީހުންނަށްވުރެ މި އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވިއިރު، އިންތިހާބުގެ ކެމްޕެއިން ފޯރިއަށް ބަލާއިރު މިފަހަރުގެ ތާރީހެއްގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި މިފަހަރު ކުރިވަރުގެ ފޯރިގަދަ ކެމްޕެއިނެއް ކުރިއަށްގެންގޮސްފަައިނުވެއެވެ. އެފަދަ ފޯރިގަދަ އިންތިހާބަކަށްފަހު ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވުމުން ޕާޓީގެ ހަރަަކާތްތަކަށް އޮތް ތަރުހީބު ކުޑަވެފައިވާކަން ސާފެވެ.
ރައީސް ނަޝީދު 2023 ވަނަ އަހަރު އެމްޑީޕީ ދޫކުރައްވައި ވަޑައިގަތެވެ. އެމަނިކުފާނަށް ތާއީދުކުރައްވާ 13 މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނު ތާއީދުކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ. އެ އިންތިހާބުގައި އިލްޔާސް ލަަބީބަށް ލިބިވަޑައިގަތީ 15،230 ވޯޓެވެ. އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގަތް އަދަދާ ދާދި އެއް އަދަދެކެވެ. އިންތިހާބުގެ ފުރަތަމަަ ބުރުގައި ނާކާމިޔާބުވުމުން ދަ ޑިމޮކްރެޓްސްއިން ނިންމީ ރަސްމީކޮށް ދެވަނަ ބުރުގަައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ.
ޕާޓީގެ އެތެރޭގެ ކޯޅުންތަކުގެ ތެރޭގައި ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންގެ އަދަދު 5،000 އަށްވުރެ މަތިވެފައި ނެތެވެ. ނަޝީދު އަނބުރާ އެމްޑީޕީއަށް ވަޑައިގަތުމުން ޕާޓީގެ ގިނަ މެންބަރުންވެސް އެ ޕާޓީ ދޫކޮށް އެމްޑީޕީއަށް އައުމާއެކު މިހާރު އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީވަނީ އުވައިލާފައެވެ.
ނަޝީދަށް އެމްޑީޕީއަށް ވަޑައިގަތުމަށް މަގުކޮށްޓަވައިދެއްވައި ޗެއާޕާސަންކަމަށް އެމަނިކުފާނު ނެރުއްވީ ރައީސް ޞާލިޙަށް ޕާޓީގެ ކޮންޓްރޯލު ނަންގަވައިދެއްވައި، ޕާޓީގެ ކަންކަން އެމަނިކުފާނަށް ފަހިވާނެހެން ތަރުތީބުކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. ޕާޓީގެ ޗެއާޕާސަން އިންތިހާބު ބާއްވަންޖެހުނީ އޭނާ އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ. އެ މަގާމުން އިސްތިއުފާދެއްވީ ނަޝީދު އަނބުރާ ޕާޓީއަށް ގެންނެވުމަށްފަހުއެވެ.
އެއަށްފަހު ނަޝީދާއެކު ޒާތެއްގެ ކޯލިޝަނެއް ހައްދަވައި "ބޮޑު ބަދަލު"ގެ ނަމުގައި އެޖެންޑާއެއް އިއުލާނުކުރެއްވުމަށްފަހު ނަޝީދު ޗެއާޕާސަންކަމަށް ނެރުއްވިއެވެ. އަދި އެމަނިކުފާނުގެ ކެމްޕެއިނުގައި އެންމެ އަރިހުގައި މަސައްކަތްކުރެއްވީވެސް ފައްޔާޒެވެ. ކުރުކޮށް ދަންނަވާނަމަ ފައްޔާޒު ޞާލިޙު ދޫކޮށްލައްވައި ނަޝީދުގެ އަތްޕުޅުގައި ހިއްޕަވައިގެން ނުކުމެވަޑައިގަތީއެވެ.
އެހިސާބުން ފެނިގެންދިޔައީ 2023 ވަނަ އަހަރުގެ ކުރިން ޕާޓީގެ އެތެރޭގެ ދެ އިންތިހާބުގަައި ޞާލިޙުގެ ފަޅިއަށް ބޮޑުކޮށް އޮތް އަޣުލަބިއްޔަތު އަނެއްކޮޅަށް ފުރޮޅައިލެއްވި ތަނެވެ. ރިޔާސީ ޕްރައިމަރީގައި ޞާލިޙަށް 60 އިންސައްތަ ލިބިވަޑައިގަތްއިރު 2022ގައި ޕާޓީގެ ޗެއާޕާސަންްކަން ޞާލިޙުގެ ތާއީދާއެކު ފައްޔާޒު ކާމިޔާބުކުރެއްވީ އެއަށްވުރެވެސް ބޮޑު އަޣުލަބިއްޔަތަކުންނެވެ.
ނަމަވެސް އިއްޔެ ނަޝީދު ޗެއާޕާސަންކަން ކާމިޔާބުކުރެއްވީ 69 އިންސައްތައިގެ އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. އެހެންކަމުން އެމްޑީޕީގެ އެތެރޭގައި ޞާލިޙަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އޮތް ތާއީދަކީ ވެރިކަމުގެ އާރާއި ބާރު އޮތުމުން އެމަނިކުފާނަށް ލިބިވަޑައިގަތް ތާއީދެއްކަން ޔަގީންވިއެވެ.
ޞާލިޙު ކެމްޕެއިން ކުރެއްވީ ގިނިކަންޏާއެއް ނޫނެވެ. އެމަނިކުފާނުގެ ވަށައިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން 12 ބޭފުޅުން ތިއްބެވިއެވެ. ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެމަނިކުފާނާއެކު ތިއްބެވި ނަމަވެސް އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގެ ގިނަ ބޭފުޅުން ތިއްބެވީ ނަޝީދު އަރިހުގައެވެ. ދިފާއީ ވަޒީރުކަން ކުރެއްވި މާރިޔާ އަހްމަދު ދީދީއާއި، މާލީ ވަޒީރުކަން ކުރެއްވި އިބްރާހީމް އަމީރާއި، ހައުސިން މިނިސްޓަރު އަސްލަމް ފަދަ ބޭފުޅުންނެވެ.
އެހެންކަމުން މި ނަތީޖާއާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ސޯލިހު ދެކަވަޑައިގަންނަވަމުންދާ ހުވަފެންފުޅަށް ހުރަސްއެޅޭނެއެވެ. ފައްޔާޒު ޞާލީހުގެ ފަޅި ދޫކޮށްލެއްވި ސަބަބެއްކަމަށް ވަރަށް ގިނަ މަސްދަރުތަކުން އެނގިފައި އޮތީވެސް ދެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަމުގެ އިޝާރާތެއް ދެއްވުމަށްފަހު ކުއްލިއަކަށް އިންތިހާބަށް ނުކުމެވަޑައިގަތުމަށް ޞާލިޙު މަސައްކަތްޕުޅު ފެއްޓެވުމެވެ. ނަޝީދު އެހުންނެވީ ސަރުކާރުގެ ވެރިއަކަށް ފައްޔާޒު ގެންނެވުމަށް ތާއީދުކުރައްވައިގެންނެވެ. އެކަން ހާސިލުކުރައްވާނެ ފޯމިއުލާއެއް އަދި ސާފުނުވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ޓީމުން ޗެއާޕާސަން އިންތިހާބުގައި ވިއްކެވީ މައިގަނޑު ގޮތެއްގަައި 2023 ވަނަ އަހަރު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ގެއްލުނު ގޮތުގެ އުދާހެވެ. އެ ކެކުޅުންތަކުގެ ޖަޒުބާތުގައި ޕާޓީ މެންބަރުންގެ ތާއީދު ހޯއްދަވަން މަސައްކަތްކުރެއްވިއެވެ. ނަޝީދު ޕާޓީ ދޫކުރެއްވުމުން ޕާޓީއަށް ލިބުނު ގެއްލުން އެއީ އެމަނިކުފާނަށް ވޯޓު ނުދޭންވީ ސަބަބުގެ ގޮތުގައި ދެއްކެވިއެވެ.
ނަމަވެސް އެ ވާހަކަތައް އެމްޑީޕީގެ އާއްމު މެންބަރުން ބަލައިނުގަތުމުން ދެކަމެއް ފެނުނެވެ. އެއް ކަމަކީ އެއިރުގެ ސަރުކާރާމެދު ނަޝީދު ދެއްކެވި ގިނަ ވާހަކަފުޅުތައް އެމްޑީޕީގެ އާއްމު މެންބަރުން ގަބޫލުކުރާ ކަމެވެ. ޕާޓީއަށް ރިޔާސީ އިންތިހާބު ގެއްލުނީ ނަޝީދު ވަކިވެވަޑައިގަތުމުން އެކަނި ނޫންކަމާއި، ޕާޓީން 2018 ވަނަ އަހަރު ވެފައިހުރި ގިނަ ވައުދުތައް ނުފެއްދޭކަމާއި، ބޮޑެތި ގޯސްތަކެއް އެއިރުގެ ސަރުކާރުން ހެދިކަން އެ ޕާޓީގެ އާއްމު މެންބަރުންވެސް ގަބޫލުކޮށްފިކަން އިންތިހާބުގެ ނަތީޖާއިން ސާފުވެއެވެ.
ގޯހެއް ނުހަދައި އޮތް ސަރުކާރަކާ ދެކޮޅަށް ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނުކުމެވަޑައިގެން، އެފަހުން އެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، އައު ޕާޓީއެއް އުފަންކުރައްވައި، އެމްޑީޕީ ރޫޅައިލައްވަން ވިދާޅުވި ބޭފުޅަކަށް އެންމެ އަތޮޅެއް ފިޔަަވައި ބާކީ ހުރިހާ އަތޮޅުތަކާއި ހުރިހާ ސިޓީއެއްގެ ބޮޑު އަޣުލަބިއްޔަތު ލިބިވަޑައިގަތީ އެ ބޭފުޅާ އެއިރު ކަން ކުރެއްވި ގޮތް ގޯސް ނޫންކަމަަށް އެމްޑީޕީގެ އާއްމު މެންބަރުން ގަބޫލުކުރައްވާތީއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން ސީދާ ވަކިކޮޅަކަށް އަރައި ހުރިހާ މެންބަރުން އެއް ބަހެއް ވިދާޅުވެގެން ކެމްޕެއިން ކުރައްވަނިކޮށް މީގެ ކުރިން ފެނިފައި ނެތެވެ. މި އިންތިހާބުގައި އެންމެ މެންބަރަކު ފިޔަވައި ދެން ތިއްބެވި ހުރިހާ މެންބަރުން ތިއްބެވީ "އޮޅާލާފައި" އަތޮޅުތަކާއި ދާއިރާތަކަށް ޞާލިޙުގެ ކެނޑިޑޭޓަށް ނަގައިދޭށެވެ. ހަރު އަޑުން ވިދާޅުވަމުންދިޔައީ މިވެނި އެވެނި އަތޮޅަކުން ނަޝީދަށް އަޣުލަބިއްޔަތު ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ނަޝީދުގެ ކެމްޕެއިން ސްޓައިލަކީ މިހާރު ދިވެހިންނަށް ފަރިތަ ސްޓައިލެކެވެ. އުފައްދަވާ "ވައިބް"އާއި ގެންނަވާ ޖޯޝު އެންމެނަށް ފެނެއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައިވެސް ރައީސް ޞާލިޙުގެ ކެމްޕެއިނަށްވުރެ އަޑުގަދައީ ޖޯޝުހުރީ ނަޝީދުގެ ކެމްޕެއިނުގައެވެ. އެއަށްވުރެ ހިމޭން ކެމްޕެއިނަކަށްފަހު ޞާލިޙު އެއިރު ކާމިޔާބުކުރެއްވިއެވެ. މިފަހަރުވެސް އެހެން ނަތީޖާ ފުރޮޅިދާނެކަމަށް ބަޔަކު ހީކުރިއެވެ. ނަމަވެސް ކަން ނިމުނުއިރު 12 މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކުންވެސް އަޣުލަބިއްޔަތު ހޯއްދެވީ ނަޝީދެވެ.
އެހެންކަމުން މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ 12 މަޖިލިސް މެންބަރުންނަށް އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގެ އެމްޑީޕީ މެންބަރުންގެ އިތުބާރާއި ތާއީދު އޮތްކަމާމެދު މިއަދު ސުވާލު އުފެދެއެވެ. އެ ބޭފުޅުންގެ ދާއިރާތަކުން ކުރިމަތިވެވަޑައިގަތް ނާކާމިޔާބަކީ އެ ބޭފުޅުން މަޖިލީހުގައި މަސައްކަތްކުރައްވާ ގޮތާމެދު އެމްޑީޕީގެ އާއްމު މެންބަރުން ނުރުހޭކަމުގެ މައްޗަށް ދަލީލުކުރާ ހެއްކެއް ކަމަށް ބެލިދާނެއެވެ.
މިހިސާބުން އުފެދެނީ ސުވާލުތަކަކެވެ. ފައްޔާޒާއި ނަޝީދުގެ މެދުގައި ގާއިމުކުރެވިފައި އޮތް ގުޅުން ބަދަލުވާނެ ގޮތުގެ ސުވާލެވެ. ލިބިވަޑައިގަތް ކާމިޔާބާއި ފެނިވަޑައިގަތް ތާއީދުގެ ސަބަބުން ހިތްގޯސްވެ، ނަޝީދު ވެރިކަމަށް އަލުން ފައިނެންގެވުމުގެ ފުރުސަތު އެބައޮތެވެ. ރައީސް ނަޝީދަކީ އަބަދުވެސް ވަރަށް އަވަސް އަވަހަށް ވިސްނުންފުޅު ބަދަލުކުރައްވާ ބޭފުޅެކެވެ. މިހާތަނަށް އެމަނިކުފާނާއެކު ކޯލިޝަނެއް ހައްދަވަައިގެން ބާރުވެރިކަމަށް ވަޑައިގެންނެވުނު އެހެން ބޭފުޅަކު ނެތެވެ. އަދި އެމަނިކުފާނުގެ ތާއީދާއެކު ބާރުވެރިކަމަށް ވަޑައިގަތް ބޭފުޅަކަށް އެމަނިކުފާނާ މައްސަލަނުޖެހި ސަލާމަތްވެވިފައިވެސް ނެތެވެ.
ދެެން އޮތީ ރައީސް ޞާލިޙު ސިޔާސީ މުސްތަގުބަލު ކަށަވަރުކުރެއްވުމަށް ދެން އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭ ސުވާލެވެ. ރިޔާސީ ޕްރައިމަރީއެއް ބާއްވާއިރު ނަޝީދާއި ފައްޔާޒުގެ ގުޅުން ސާބިތުކޮށް އޮވެއްޖެނަމަ ފައްޔާޒަށް ބޮޑު ތާއީދެއް ލިބިވަޑައިގެންފާނެކަން އިއްޔެގެ ނަތީޖާއިން ސާފެވެ. ނަޝީދު ވިދާޅުވަނީ އިންތިހާބުގައި ތާއީދުކޮށް ކާމިޔާބުކޮށްދޭން މަސައްކަތްކުރެއްވި ބޭފުޅުން ތިއްބަވާނީ ކައިރީގައި ކަމަށެވެ. ދެން ތިއްބެވި ބޭފުޅުން ދުރުގައި ނުވަތަ ފަހަތުގައި މަޑުކޮށްލެއްވުން ރަނގަޅުވާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އުންމީދުކުރައްވާ ފަސް ވަރަކަށް ބޭފުޅުން ތިއްބެވިއިރު ފައްޔާޒު ނޫން ހުރިހާ ބޭފުޅުން ތިއްބެވީ ރައީސް ނަޝީދު ޗެއާޕާސަންކަމާ 100 ފޫޓޫ ގާތްވިޔަނުދެއްވާން ނުކުމެވަޑައިގެންނެވެ. ވަކި ފަޅިއެއް ނުނަންގަވައި ހުންނެވީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. ޕްރައިމަރީއަށް އަންނައިރު ނަޝީދުގެ ޗެއާޕާސަންކަމުގައި ބާއްވާ ޕްރައިމަރީއެއްގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެއެވެ. އެއީ އަނެއްކާވެސް އިތުރު ކޯޅުމާއި ބައިބައިވުމަށް މަގުފަހިވާނެ ކަމަކަށްވެދާނެއެވެ.
މުސްތަގުބަލު ނިއުޅޭނެ ގޮތެއް ނޭނގެއެވެ. ނަމަވެސް ޔަގީންވާ ކަމަކީ އެއްބައެއްގެ ގޮތުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ ނިކުންނަށް އަދި ކަނޑައްތުކުރަންޖެހޭ ރާސްތާ ދިގުކަމެވެ. އަދި އެ ރާސްތާއަކީ ސަރާސަރު ރާސްތާއެއް ނޫންކަން ކަށަވަރެވެ.