ENGLISH
15 ޖޫން 2026
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްވުމަކީ އިޤްތިޞާދީ ތާރީޚުގައި ހުޅުވިގެންދާ އާ ބާބެއް: ރައީސް
15 ޖޫން 2026
|
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ރަސްމީކޮށް ތަޢާރަފްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަރުކާރުގެ ބުރަ މަސައްކަތުންނާއި، ސަރުކާރުގެ ބައިވެރިންގެ އެހީތެރިކަމާއެކު ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ގެނައުމަކީ، ރާއްޖޭގެ އިޤްތިޞާދީ ތާރީޚުގައި ހުޅުވިގެންދާ އާ ބާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމް، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރާއްޖެއަށް ރަސްމީކޮށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕޭޕަލް ރާއްޖެ ގެނައުމަކީ އެމަނިކުފާނު ވެރިކަމާ ޙަވާލުވަޑައިގެންނެވުމުގެ ކުރީންވެސް ވެވަޑައިގެންނެވި ވަޢުދުފުޅެއް ކަމަށެވެ. މީގެކުރިން ބުނަމުން ދިޔައީ ބައިނަލްއަޤްވާމީ މާކެޓްގެ ތެރެއަށް ވިޔަފާރީގެ ގޮތުން ރާއްޖެ ވަނުމަކީ ކުރެވޭނެކަމެއް ނޫންކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެކުރިން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮތްނަމަވެސް، ފައިސާ ބަލައިގަނެވޭނެ ފުރުސަތެއް ނެތުމަކީ ދިވެހީންނަށް ގެއްލިފައި އޮތް ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އެ ހުރަސްތަކަށް މިއަދުން ފެށިގެން ނިމުމަކަށް އައީ. 2023 ގައި ވެރިކަމުގެ ހުވާކުރިއިރު ރާއްޖެއަށް ލިބޭ ފުރުޞަތުތައް ހަނިވާން ޖެހޭނެކަމަކަށް ގަބޫލެއް ނުކުރަން، ދިވެހި އުފެއްދުންތެރިން ބައިނަލްއަގްވާމީ ބޭންކިން ނިޒާމަށް ނުފެންނަ މީހެއްގެ ގޮތުގައި ހުންނަންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން. ސަރުކާރާއި ސަރުކާރުގެ ބައިވެރިންނާއެކު މިއަދު ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފަސޭހަކަމާއެކު ލިބިގެންދިއުމަކީ ރާއްޖޭގެ އިޤްތިޞާދީ ތާރީޚުގައި ހުޅުވިގެންދާ އާ ބާބެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް އިޤްތިޞާދުން ޖީޑީޕީއަށް މަދުވެގެން 15 އިންސައްތަ ޙިއްސާކުރުމެވެ. އަދި ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް މަޝްރޫޢު ރާއްޖެއަށް ގެނައުމަށްޓަކައި ގޫގުލްއާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވީ މި ލަނޑުދަނޑި ޙާޞިލްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގޫގުލް އަދި ޕޭޕަލް ފަދަ ދުނިޔޭގެ އިތުބާރު ލިބިފައިވާ ބްރޭންޑްތަކާއެކު ރާއްޖޭން ބައިނައަޤްވާމީ މާކެޓްތަކަށް އަންގައިދެނީ ރާއްޖެއަކީ އިތުބާރު ލިބިފައިވާ ޤައުމެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޕޭޕަލްއިން ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އުރީދޫ މޯލްޑިވްސްއެވެ. ޕޭޕަލްގެ ޚިދުމަތް ތަޢާރަފްވުމާއެކު، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުގައުމުތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގު ތަނަވަސްވާނެއެވެ.