ENGLISH

15 ޖޫން 2026

Advertisement

ދިވެހި އަސްކަރިއްޔާއަށް ކުރިއެރުމެއް: އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެ ގެނެސްފި

15 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު- ފޮޓޯ: އެމްއެންޑީއެފް

އޮސްޓްރޭލިއާއިން ދިވެހި ސަރުކަރަށް ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެ ގެނެސްފިއެވެ.

މި އުޅަނދު އޮސްޓްރޭލިއާގެ ޕާރތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް އައުމާއި އެކު ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕް ވަނީ ރަސްމީކޮށް މަރުހަބާ ދަންނަވާފަ އެވެ. މިއީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރެވެ.

މި އުޅަނދު، ހުޅުމާލޭ ބަނދަރަށް ވަނީ ކަނޑުމަތީގެ އާދަކާދަތަކާއި އެއްގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކު އެވެ. އަދި، ހުޅުމާލެ ބަނދަރަށް ވަނުމުން ވޯޓަރ ސެލިއުޓެއް ވަނީ ދީފަ އެވެ.

އޮސްްޓްރޭލިއާއިން ހަދިޔަކުރި ނޭވީ މަނަވަރު ހުޅުމާލެ ބަނދަރަށް ވަނުމުން ވޯޓަރ ސެލިއުޓެއް އަރުވަނީ- ފޮޓޯ: އެމްއެންޑީއެފް

މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ.

ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެކެވެ.

އެގޮތުން، އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މިއުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.

އޮސްޓްރޭލިއާއިން ދިވެހި ސަރުކާރަށް ހަދިޔާކުރި ނޭވީ މަނަވަރު މިއަދު ރާއްޖެއަށް ގެނެސްފި- ފޮޓޯ: އެމްއެންޑީއެފް

މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމިޝަންކޮށް ރަސްމީކޮށް ހިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ މިއުޅަނދުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުޤާނޫނީ އަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ ކަމަށް ދިވެހި ދިފާއީ ބާރުން ބުނެއެވެ.

މީގެ އިތުރުން، މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ދިފާއީ ބާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު