ENGLISH

15 ޖޫން 2026

Advertisement

ރައީސްގެ އިލްތިމާސް: ޑިޖިޓަލް ބަދަލުގެ ކުރީ ސަފުގައި ތިއްބަވައިގެން މަގުދައްކަވައިދެއްވާ

15 ޖޫން 2026

|

ޢަލީ ޝަހީމް

ޕޭޕަލް ރަސްމީކޮށް ރާއްޖެއަށް ތަޢާރަފްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ގެންނަ ޑިޖިޓަލް މުހިއްމު ބަދަލުތަކުގެ އެންމެ ކުރީސަފުގައި ތިއްބަވައިގެން މަގުދައްކަވައިދެއްވުމަށް، އުފެންދުންތެރިންނާއި، ޕްރޮގްރާމަރުންނާއި، ފްރީލާންސަރުން އަދި ފަރުމާކުރުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ. 

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑިޖިޓަލް އިންގިލާބީ ބަދަލުގައި ހަމައެކަނި ބައިވެރިވުމުގެ ބަދަލުގައި ބޭނުންފުޅުވަނީ މި ބަދަލުގެ ކުރީސަފުގައި ތިއްބަވައިގެން މަސައްކަތްކޮށްދެއްވަން ކަމަށެވެ. 

"އަޅުގަނޑުމެން މި ބިނާކުރަނީ ތިޔަބޭފުޅުންގެ ވިޔަފާރި ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާކުރުމަށް، ސާފު ހުރަހެއް ނެތް ނިޒާމެއް. އަޅުގަނޑުމެން ބޭނުންވަނީ މި ޑިޖިޓަލް އިންގިލާބުގައި ހަމައެކަނި ތިބޭފުޅުން ބައިވެރިވުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ތިޔަބޭފުޅުން ކުރީސަފުގައި ތިއްބަވައިގެން މިއަށް މަގުދައްކަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ސަރުކާރުން ކްރިއޭޓިވް އިކޮނޮމީ ކައުންސިލް އެކުލަވާލައި، ކައުންސިލުގައި ޒުވާނުންގެ މަންދޫބުން ޝާމިލުވާނެކަމަށާއި، މި ބަދަލާއެކު ޒުވާން އީ-ކޮމާސް ވިޔަފާރިވެރިން ސީދާ ސިޔާސަތުތައް އެކުލަވާލުމުގައި ބައިވެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، މައިކްރޯ ފައިނޭންސިންގެ ފުރުސަތުތައް ފަހިކޮށްދީ ކެޕިޓަލް ހޯދުމުގެ ފުރުޞަތުތައް ނައްތާލައި އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭން ސަރުކާރުން ކުރާ މަސައްކަތުގެ މުހިއްމު މަޝްރޫޢު، "ކްރިއޭޓަރ ހަބް" ގެ އިމާރާތް މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާނެ ކަމަށެވެ. މި އިމާރާތާއެކު ޒަމާނީ ޕްރޮޑަކްޝަން ސްޓޫޑިއޯތަކާއި، މަސައްކަތްކުރާނެ ޖާގަތައް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ޕޭޕަލްގެ ޚިދުމަތުގެ ސަބަބުން ދިވެހީންގެ އުފެއްދުންތައް ރާއްޖޭގެ ބޯޑަރުން ބޭރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނާ ހަމައަށް ވާސިލްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމަކަށް ވީނަމަވެސް ބައިނަލްއަޤްވާމީ އިޤްތިޞާދުގެ މުސްތަޤްބަލުން ރާއްޖެ ބާކީވެގެން ނުދާނެކަމުގެ ޔަގީންކަން މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު