ENGLISH
15 ޖޫން 2026
"މިއީ އަހަރުމެންގެ ސަގާފަތް": ދަނޑު ސާފުކުރުމުގައި ޖަޕާނުގެ ސަޕޯޓަރުން ނަމޫނާ ދައްކައިފި
15 ޖޫން 2026
|
ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕުގެ މެޗަށްފަހު ޖަޕާނުގެ ސަޕޯޓަރުން ދަނޑު ސާފުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
އެމެރިކާގެ ޓެކްސަަސްގައި އާދީއްތަ ދުވަހު ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ މެޗަށްފަހު، ޖަޕާނުގެ ސަޕޯޓަރުން ވަނީ ދަނޑުގެ ގޮނޑިބަރިތައް ނުހަނު ފުރިހަމައަށް ސާފުކޮށްފައެވެ. އެ މީހުން ބުނި ގޮތުގައި މިއީ ކަންކަން ނިންމާފައި ދާއިރު، ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށް ޖަޕާނުގެ ސަގާފަތުގައި އޮންނަ އާދައެކެވެ.
މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު ނަމަވެސް، ސަޕޯޓަރުން ދަނޑުން ނުގޮސް މަޑުކުރީ އެ މީހުން ވަންއިރު ދަނޑު އޮތް ފަދަ ސާފުތާހިރު ހާލަތަކަށް ދަނޑު ގެނައުމަށެވެ. އެގޮތުން ދަނޑުގައި ހުރި ކުނިތައް ހޮވައި، ނޫކުލައިގެ ކޮތަޅުތަކަށް އެޅުމުގައި އެ މީހުން ވަނީ ނަމޫނާ ދައްކާފައެވެ.
މިއީ ޕްރައިމަރީ ސްކޫލް ދައުރުން ފެށިގެން ޖަޕާނު މީހުން ދަސްކުރާ އާދައެކެވެ. ޖަޕާނުގެ ސަޕޯޓަރެއް ކަމަށްވާ އީޓާ ޓަނާކާ "އޭއެފްޕީ" އަށް ދިން އިންޓަވިއުއެއްގައި ބުނީ "އަހަރުމެން އަބަދުވެސް އެހެން މީހުންނާ މެދު ވިސްނަންޖެހޭނެ" ކަމަށެވެ.
ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕުގެ މެޗަށްފަހު ޖަޕާނުގެ ސަޕޯޓަރުން ދަނޑު ސާފުކުރަނީ --- ފޮޓޯ: އޭޕީ
"ޖަޕާނު މީހުން ގަބޫލުކުރާ ގޮތުގައި ވަކި ތަނެއް ބޭނުންކުރުމަށްފަހު އެތަނަކުން ދާއިރު، އެތަނަށް އައިއިރު ހުރި ވަރަށްވުރެ ބޮޑަށް އެތަން ސާފުކުރަން ޖެހޭނެ. މިސާލަކަށް ސްކޫލްތަކުގައިވެސް ކްލާސް ނިމުމުން، ޓީޗަރުން އެދުމުގެ ކުރިން އަހަރުމެން އަމިއްލައަށް ކްލާސްތައް ސާފުކުރަން،" ޖަޕާނުގެ ގައުމީ ޓީމުގެ ޖާޒީގައި ހުރި 20 އަހަރުގެ ޒުވާނާ ކިޔައިދިނެވެ.
ޖަޕާނުން ޖެހިޖެހިގެން އަށްވަނަ ފަހަރަށް ވޯލްޑް ކަޕުގައި ވާދަކުރަމުންދާއިރު، އެ ގައުމުގެ ސަޕޯޓަރުންގެ މި ސާފުތާހިރުކަމަކީ މުޅި ދުނިޔެ ބަލައިގަންނަ ސިފައަކަށް ވަނީ ވެފައެވެ. އާދީއްތަ ދުވަހުގެ މެޗަށްފަހު އޮތް ސާފުކުރުމުގެ ހަރަކާތުގައި، އެންއެފްއެލްގެ މަޝްހޫރު ކުއާޓަރބެކް ޖޭމިސް ވިންސްޓަންވެސް ޖަޕާނުގެ ޖާޒީއެއް ލައިގެން ބައިވެރިވިތަން ފެނިފައިވެއެވެ.
ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕުގެ މެޗަށްފަހު ޖަޕާނުގެ ސަޕޯޓަރުން ދަނޑު ސާފުކުރުމަށްފަހު --- ފޮޓޯ: އޭޕީ
ޖަޕާނުގެ ސަޕޯޓަރެއް ކަމަށްވާ ފޫޓޯ ހަގީވާރާ ބުނި ގޮތުގައި، އެމީހުންގެ މި އާދަކާދައަށް ދުނިޔޭގެ ސަމާލުކަން ލިބި، އެކަމަށް ތައުރީފު އޮހެމުންދާތީ އޭނާ ފަޚުރުވެރިވެއެވެ.
"މިއީ އަހަރުމެންގެ ސަގާފަތް. އޭގެ މާނައަކީ އަހަރުމެންދާ ކޮންމެ ތަނެއްވެސް ބޭނުންކޮށް ނިމުމުން ސާފުކުރަން ޖެހޭނެޔޭ. މިއީ އަހަރުމެންގެ ރޫހާނީ ގޮތުންނާއި އުޅުމުގެ ތެރެއިން ގެންގުޅޭ މުހިންމު ސިފައެއް،" އޭނާ ބުންޏެވެ.