ENGLISH
15 ޖޫން 2026
އެފްއޭއެމް އަތޮޅު ފުޓްސަލް މުބާރާތުގައި މިހާތަނަށް 50 ރަށް، ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 21 ގެ ނިޔަލަށް
15 ޖޫން 2026
|
ކިންގްސް ކަޕުގައި އުތީމު ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ ފުޓްސަލް މުބާރާތްތަކުގައި މިހާތަނަށް 50 ރަށެއް ބައިވެރިވެފައިވާއިރު، ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
އެފްއޭއެމްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތްތަކާކީ:
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގައި ބައިވެރިވާން ހުޅުވާލީ މިދިޔަަ މެއި މަހުގެ 13 ވަނަ ދުވަހެވެ. އެ މުބާރާތުގައި މިހާތަނަށް 50 ރަށެއް ބައިވެރިވެފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ 21 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހެވެ. އެފްއޭއެމްއިން ރާވާފައިވާ ގޮތުން 20 އަތޮޅެއްގައި އަތޮޅު މުބާރާތްތައް ކުޅޭނެއެވެ. އެއީ ޓީމުތައް ބައިވެރިވާ އަދަދުން ހޯސްޓް ކުރާ ވަކި ރަށެއް ނުވަތަ ރަށްތަކެއް ކަނޑައަޅައިގެންނެވެ. އޭގެ އިތުރުން ދެން މުބާރާތް ކުޅޭނީ މާލޭ ރީޖަންގައެވެ.
ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، ޒޯން ޗެމްޕިއަންޝިޕަކީ ރީޖަނަލް ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަނެވެ. ރާއްޖޭގެ އަތޮޅުތައް އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް / ރީޖަނަލް ޗެމްޕިއަންޝިޕް ބެހިގެންވާ ގޮތ:ް
މި މުބާރާތުގެ ކޮންމެ ޒޯނެއްގެ އެންމެ މޮޅު ދެ ޓީމު އެ ރީޖަނެއްގެ ފުޓްސަލް ރީޖަން ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އަދި ރީޖަން ޗެމްޕިއަންޝިޕަށްފަހު، ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު، އެފްއޭއެމް ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއިރު، އެ ހަތަރު ޓީމު 2027 ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގަށް ޕްރޮމޯޓުވާނެ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.
އެފްއޭއެމްއިން ކްލަބު މޯލްޑިވްސްއާއެކު އެއްބަސްވުމެއް ހަދާފައިވާއިރު، އެ ފަހަރު އިއުލާންކުރީ މި އަހަރުގެ ކުލަބު މޯލްޑިވްސް ކަޕަކީ މި ވަގުތު ރާއްޖޭގެ އެއްވަނަ ޑިވިޝަން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މުބާރާތް ރާއްޖޭގެ ފުޓްސަލް ލީގަކަށް ބަދަލުކުރަން ވިސްނާފައިވާ ކަމަށްވެސް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު ވަނީ ވިދާޅުވެފައެވެ.
އެފްއޭއެމްއިން އިއުލާން ކޮށްފައިވާ ގޮތުގައި އަތޮޅު ޗެމްޕިއަންޝިޕުގައި ބައިވެރިވާ ރަށްތަކުގެ ޓީމުތަކަށް ކުޅޭ ދިވެހި ކުޅުންތެރިން ވާން ޖެހޭނީ އެ ރަށެއްގެ ރަޖިސްޓަރީގައި ހިމެނޭ ކުޅުންތެރިންނަށެވެ. އަދި ކޮންމެ ރަށެއްގެ ޓީމެއްގައި ބިދޭސީ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ލިބޭނެއެވެ.
ޒޯން / ރީޖަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ޓީމުތަކުން އެ މުބާރާތަށް އަލުން ޓީމު ލިސްޓް ހުށަހެޅުމުގެ ފުރުސަތު ލިބޭއިރު، ޒޯން / ރީޖަނަލް ޗެމްޕިއަންޝިޕަށް ހުށަހަޅާ ޓީމު ލިސްޓުގައި ބިދޭސީ އެއް ކުޅުންތެރިއަކު އަދި ރަށުން ބޭރު ދިވެހި އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް ލިބޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 7000 ރުފިޔާއެވެ.