ENGLISH
07 ސެޕްޓެމްބަރު 2025
"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި
06 ސެޕްޓެމްބަރު 2025
|
"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިނާމުދެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. ފޮޓޯ: ރައީސް އޮފީސް
"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ "ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތް އިންތިޒާމުކުރި ދަ ބެޑްމިންޓަން ކްލަބްގެ ރައީސް، އަދި ކުރީގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް އެވެ.
މި މުބާރާތުގެ ހުރިހާ އިވެންޓެއްގެ ފައިނަލް މެޗުތަކާއި، ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން އެތެރޭ ކޯޓުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ ސްޕެޝަލް އޮލިމްޕިކްސްގެ ކެޓަގަރީގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ އިތުރުން ޕެރަލިމްޕިކްސް އާއި ނުވަ އަހަރުން ދަށުގެ އުމުރުފުރާގެ އިވެންޓްގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް މެޑެއްޔާއި ޓްރޮފީ ދެއްވާފައެވެ.
"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތަކީ ޖޫނިއާ ކުޅުންތެރިންނަށް ޚާއްޞަކޮށް ރާއްޖޭގައި ބޭއްވީ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި 8 ޤައުމަކުން 347 އެއްހާ އެތުލީޓުން ވާދަކޮށް، ގާތްގަނޑަކަށް 750 މެޗު ވަނީ ކުޅެފައެވެ. މި މުބާރާތުގައި ކުޅެފައިވަނީ ޕެރަލިމްޕިކްސް، ސްޕެޝަލް އޮލިމްޕިކްސް އާއި އޯޕަން ކެޓަގަރީގެ އިތުރުން 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓެވެ.