ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1895 އެނދު ނެރެފި

06 ސެޕްޓެމްބަރު 2025

|

ޝާމަ ޝުޢައިބު

ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ - ފޮޓޯ: ތޯމަސްކުކް

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1895 އެނދު ނެރެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ނިމުނު އިރު ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު ހުރީ 63,248 ގައެވެ.

މިހާރު މި އަދަދު ވަނީ 65,143 އަށް އަރާފައިވާއިރު މިއީ 1،895 އެނދުގެ އިތުރުވުމެކެވެ.

މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 43,247 އެނދާއި، ގެސްޓު ހައުސްތަކުގެ 15,494 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,918 އެނދުގެ އިތުރުން ހޮޓާތަކުގެ 2,484 އެނދެވެ. 

މިހާރު ރާއްޖޭގައި އޮޕަރޭޓުކުރަމުންދާ ރިސޯޓުތަކުގެ ތެރެއިން 65 ރިސޯޓަކީ ދިވެހި ބްރޭންޑުތަކުން ހިންގަމުންދާ ރިސޯޓުތަކެވެ. އަދި 110 ރިސޯޓު އޮޕަރޭޓުކުރަނީ ބޭރުގެ ފަރާތްތަކުން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް 156 ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. ނަމަވެސް އޭގެ ތެރެއިން 61 ތަނެއްގެ މަސައްކަތް މަޑުޖެހިފައި ހުރިކަން ފާހަގަކުރައްވަމުން ތޯރިގު ވިދާޅުވީ، އެތަންތަނުގެ މަސައްކަތް އަލުން ފަށައިގަނެ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަަށެވެ. 

ފަތުރުވެރިކަމުގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކްލޯޒް ބިޑިންގެ ތެރެއިން 10 ތަނެއް އިންވެސްޓަރުންނާ ހަވާލުކުރެވިފައިވާއިރު ކްރޮސް ސަބްސިޑީގެ އުސޫލުގެ ތެރެއިން ތިން ތަނެއް އަދި އޯޕަން ބިޑިންގެ އުސޫލުން ތިން ތަނެއް ހަވާލުކުރެވިފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް ފަތުރުވެރިކަމުގެ މަންފާ އިތުރުކުރުމަށް މި ސަރުކާރުން ގެންދަވަނީ ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ވިލުންތެރިކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. 

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް މިއަހަރުގެ ފުރަތަމަ 8 މަހުގެ ތެރެއިން ދަށަށް ދިޔައީ ހަމައެކަނި ފެބްރުވަރީ މަހެވެ. އެ މަހު އެ ނިސްބަތް 1.5- އަށް ވެއްޓުނު ނަމަވެސް އެހެން ހުރިހާ މަހެއްގައި ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ. 

އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތަށް އައި ކުރިއެރުން: 

  • ޖަނަވަރީ: 11.7 އިންސައްތަ
  •  މާރިޗު: 4.8 އިންސައްތަ
  • އޭޕްރީލް: 17.8 އިންސައްތަ 
  • މެއި: 13.1 އިންސައްތަ
  • ޖޫން: 15 އިންސައްތަ 
  • ޖުލައި: 11.5 އިންސައްތަ 
  • އޮގަސްޓް: 9 އިންސައްތަ 

އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 1،486،926 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 2،046،615 އެވެ. 

މިއަހަރު ވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައިގައި ރަޝިއާ އުޅޭއިރު ލިސްޓުގެ ގަދަ ފަހެއްގައި ދެން އުޅެނީ އިނގިރޭސިވިލާތާއި އިޓަލީގެ އިތުރުން ޖަރުމަނެވެ. 

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އޮގަސްޓް މަހުގެ ނިޔަލަށް 62 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ފަތުރުވެރިން ދެން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. ގެސްޓްހައުސްތަކަށް 24 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަފާރީތަކަށް 5 އިންސައްތަ ފަތުރުވެރިން އަދި ގެސްޓް ހޮޓާތަކަށް 4 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. 

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.2 ބިލިއަނަށް އެރުވުމެވެ. އެ އަމާޒަށް ވާސިލްވުމަށް ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު