ENGLISH
07 އޯގަސްޓު 2025
އިއްލެއަށް ސަތޭކައަކުން ސަތޭކަ؛ "ލޯބިން" މިއީ ބަލާލަން ލިބޭނެ އެންމެ މޮޅު ލޯބީގެ ފިލްމް
07 އޯގަސްޓު 2025
|
ލޯބިންގެ ދެ ޕޯސްޓަރެއް: މިއީ ވަރަށް ރީތި މޮޅު ފިލްމެެއް
ޒުވާން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އާ ފިލްމު "ލޯބިން" ރޭ ވަނީ ޕްރިމިއާ ކޮށްފަ އެވެ. އިއްލެގެ ތަފާތު އުފެއްދުންތަކަށް ލޯބިކުރާ އެންމެން ވެސް މި ފިލްމަށް ކުރީ ދިގު އިންތިޒާރެކެވެ. އެއީ އިއްލެ ދިވެހި ސިނަމާއަށް ގެނެސްދެމުންދާ ފިލްމުތައް ތަފާތުވީމަ އެވެ. ރީތިވީމަ އެވެ. މިހާރުގެ ފިލްމީ އޯޑިއެންސްއާ ގުޅޭ ރަހަތައް ހިމެނޭތީ އެވެ.
ރޭ އޮލިންޕަހުގައި އޮތް ވަރަށް ކުލަގަދަ ރެޑްކާޕެޓް ހަފްލާއަށް ފަހު ފިލްމް ވަނީ ޕްރިމިއާ ކޮށްފަ އެވެ. ފިލްމު ނިމުމާއެކު ހައުސް ފުލް އޯޑިއެންސް އިން އިއްލެއާ "ލޯބިން" ގެ ޓީމަށް ދިނީ ވަރަށް ހޫނު އަތްތިލަބަޑީގެ ތަރުހީބެކެވެ. އެއީ މި ފިލްމު ހުރިހާ ގޮތަކުން ވެސް ރީތިވީމަ އެވެ. މޮޅުވީމަ އެވެ. ތަފާތުވީމަ އެވެ.
އިއްލެގެ އާ ފިލްމާމެދު ކުރުކޮށް އެއްޗެއް ބުނާނަމަ ބުނެވެން އޮތީ މިއީ މި ފަހުން އޮލިންޕަހުން ބަލާލަން ލިބުނު އެންމެ ރީތި ފިލްމު ކަމުގަ އެވެ. ޔަގީނުން ވެސް މިވަރުގެ ރީތި ލޯބީގެ ފިލްމެއް އަދި ބަލާލާކަށް ނުލިބެ އެވެ.
އެހެންވީމަ މި ފިލްމު ބަލާލަން ކޮންމެ މީހަކަށްވެސް "ހައިލީ ރިކޮމެންޑެޑް" ކުރަމެވެ.
ކުރީގެ އިންޓަވިއުތަކުގައި އިއްލެ ފާހަގަކުރި ގޮތަށް މިއީ މުޖްތަަމައުގައި ހުރި ވަރަށް ގިނަ މައްސަލަތަކަށް އެޑްރެސް ކޮށްފައިވާ ފިލްމެކެވެ. މިއީ އިއްލެގެ ވަރަށް މޮޅު ސްކްރީންޕްލޭ އެކެވެ. ހުރިހާ މައްސަލަތަކަށް ވެސް ފުރިހަމައަށް އެޑްރެސް ކޮށްފައިވެ އެވެ. އެ ކަންކަން ފިލްމުގައި ގެނެސްދީފައި ވަނީ ވެސް ފުރިހަމަ ކޮށެވެ.
ޔަގީނުން ރޭ ފިލްމު ބެލި އެއްވެސް މީހަކު އުންމީދުވެސް ނުކުރާހާ ފިލްމު މޮޅެވެ.
އިއްލެގެ މި ވާހަކައަށް 100 އަކުން 100 ދެމެވެ. އޭނާގެ ކުޅަދާނަ ޑައިރެކްޝަނަށް ވެސް ސާބަހެއް ދެމެވެ.
މުޅި ފިލްމް އެހާ މޮޅުވުމުގައި އެކްޓަރުންގެ ފުރިހަމަ އެކްޓިން ވަރަށް ބޮޑު ދައުރެއް އަދާކުރެ އެވެ. ފިލްމުގައި މުހިންމު ރޯލްތަކުން ފެނިގެން ދަނީ އަހުމަދު ޝާރިފާއި ތާތި އާދަމްގެ އިތުރުން އިފްނާޒް ފިރާގެވެ. މީގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާމް ވެސް ފެނިގެންދެ އެވެ.
ހުރިހާ އެކްޓަރުންގެ ފަރާތުން ވެސް ފެނުނީ މޮޅު އެކްޓިން އެކެވެ. ޚާއްސަކޮށް ފިލްމުގެ އެންމެ މުހިންމު ކެރެކްޓާ ކަމުގައިވާ ތާތި (ތާރާ) ގެ އެކްޓިން ވަކީން ފާހަގަކޮށްލަން ޖެހެ އެވެ. ބައެއް ފިލްމުތަކާއި ލަވަތަކުން ކުރީން ފެނުނު ތާތީ, މިހާ ބޮޑު ރޯލަކުން ފެނުނު މިއީ ފުރަތަމަ ފިލްމެވެ.
އޭނާގެ އެކްޓިން އަށް ތައުރީފުގެ ބަހެއް ނޫނީ ހައްގެއް ނޫނެވެ. އެހާވެސް މޮޅެވެ. އެންމެ ޝައުގުވެރީ ފުރިހަމަ އިހްސާސާ އެކު ޑައިލޮގް ޑެލިވަރީ ކޮށް ދިނުމެވެ. ޑައިލޮގްތައް ހުށައަޅައިދިނުން ވަރަށް ސާފެވެ. މޮޅަށް ޚަބަރަށް ކިޔާ ޕްރަގްރާމް ހުށައަޅައިދިން ތާތި, އެ ރޯލަށް ހަމަޖެއްސުމަކީ އިއްލެ ނެގި އެންމެ ރަނގަޅު ޑިޒިޝަނެވެ.
މީގެ އިތުރުން އިފްނާޒް އާއި ޝާރިފް އަދި ޝާއްކޮ އައްމަޑޭ އާއި އައިޝާގެ އެކްޓިން އަށްވެސް އައްސަރިބަހަކާ ސާބަހެއް ދެމެވެ.
މިއީ މަންމަގެ އަޅާލުމުން ވިއްލޭ އަންހެން ކުއްޖަކަށް އޭނާގެ ހަޔާތުގަައި ދިމާވާ އެކި ހާދިސާތައް ދައްކުވައި ދޭ ފިލްމެކެވެ. ޒީލަގަދަ މަންމަގެ ވިހަ ބަސްތަކުން ސަލާމަތްވާން އަންހެން ކުއްޖާ (ތާރާ) ކައިވެންޏެއް ކުރެ އެވެ. މަންމައާ ދެކޮޅަށެވެ. އެކަމާ އައި ރުޅީގައި ދަރިފުޅުގެ މައްޗަށް އޭނާ ބަދު ދުއާ ކުރެ އެވެ.
މަންމަގެ އެ ބަދު ދުއާ ކިތަންމެހާ ވެސް ރަނގަޅަކަށް އޭނާގެ ދިރިއުޅުމަށް ޖެހެ އެވެ. ތާރާގެ ފިރިމީހާ މުޅިން ބަދަލުވެ އެވެ. އެންމެ ފަހުން މަޖުބޫރުކޮށް ތާރާ ލައްވާ ހަށިވިއްކުވަ އެވެ.
އެކަމަކު އެންމެ ޝައުގުވެރި ހިސާބުން ތާރާގެ ދިރިއުޅުމަށް ރަނގަޅު މީހަކު އާދެ އެވެ. ނަމަވެސް ފަހަރަކު ކަމެއް. ފަހަރަކު ކަމެއް ދިމާވެ ދެ މީހުންގެ ގުޅުމަށް ހުރަސް އެޅެ އެވެ. ޝައުގުވެރި ތަފާތު ހާދިސާތައް ދިމާވެ އެވެ.
އެންމެ ފަހުން އެ ދެ މީހުން ބައްދަލުވާއިރު ތާރާގެ ދިރިއުޅުމުގެ ހަޔާތް ވަނީ ނިމެން ކައިރިވެފަ އެވެ. ބޮޑު ބައްޔަކަށް ހުށައެޅިފަ އެވެ.
މިވަރުން ފުއްދާލަމާ ހެއްޔެވެ. ޔަގީން ކަމަކީ ފިލްމު ބަލަން ހޭދަކުރާ ދެ ގަޑިއެއްހާއިރު އެއްވެސް ފޫހި ކަމެއް ނެތި އެހާމެ ޝައުގުވެރިކަމުގައި ބަލާލެވޭނެ ކަމެވެ. އިއްލެގެ މި މަސައްކަތަށް ދޭން އޮތީ ސަތޭކައަކުން ސަތޭކަ އެކެވެ.
ނިންމާލަމުން ބުނެލާން ޖެހެނީ ދިވެހި ސިނަމާގެ ރެކޯޑް ހެދި އިއްލެގެ "ނީނާ" އާއި "ބަވަތި" އަށް ވުރެ ވެސް "ލޯބިން" މާ ރީތިވެފައި މޮޅެވެ.