ENGLISH
10 ޖެނުއަރީ 2026
ޖަނަވަރީ މަހުގެ ފުރަތަމަ ހަތް ދުވަހު އައި ފަތުރުވެރިން 13 އިންސައްތަ އިތުރުވެއްޖެ
09 ޖެނުއަރީ 2026
|
ފަތުރުވެރިންތަކެއް ވީއައިއޭ އަށް ފައިބަނީ. --ފޮޓޯ: މޯލްޑިވިއަން
މި އަހަރުގެ ފުރަތަމަ ހަތް ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 13 އިންސައްތަ އިތުރުވެ، ފަންސާސް ހާހާ ގާތަށް އަރާފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް 49،625 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އައި 43،903 ފަތުރުވެރިންނާ އަޅާބަލާއިރު 13 އިންސައްތައިގެ އިތުރު އަދަދެކެވެ. އޭގެކުރީން، 2024 ވަނަ އަހަރުގެ ފުރަތަމަ ހަތް ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 40،015 އެވެ.
މި މަހުގެ ފުރަތަމަ ހަތް ދުވަހު އެވްރެޖުކޮށް ދުވާލަކު 7،089 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
ޖަނަވަރީ މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 68.8 އިންސައްތަ ނުވަތަ 34،137 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 26 އިންސައްތައެވެ. އެއީ، 12،982 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައި ހޮޓާތަކަށް 1،551 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 1،006 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން އައީ 10،548 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި އިޓަލީން 7،510 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން އައީ 3،386 ފަތުރުވެރިންނެވެ.