ENGLISH

10 ޖެނުއަރީ 2026

Advertisement

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އަޅަންޖެހޭ މިންގަނޑު އިސްލާހުކުރަނީ

09 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އއ. ތޮއްޑޫއަށް އައި ފަތުރުވެރިންތަކެއް ބައިސްކަލުގައި-- ފޮޓޯ/ އަހްމަދު ސައީދު

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އެޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކާ ގުޅޭ ގަވާއިދުތައް އިސްލާހުކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅުތެރެއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގައި ފަތުރުވެރިން ހެދުން އެޅުމުގައި މިހާރު ގެންގުޅޭ އުސޫލުގެ ސަބަބުން ދީނީ ގޮތުންނާއި، އަހުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށްރަށުގައި ހިނގަން ނުޖެހޭ ކަންކަން ހިނގާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބުނު ކަމަށެވެ. 

މިކަންކަން ރަނގަޅު ކުރުމަށް، ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ގަވާއިދުތައް އިސްލާހު ކުރަމުންދާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. 

"ރަށު ތެރޭގައި ޓޫރިސްޓުން އުޅޭއިރުގައި (ހެދުން އެޅުމުގައި) ހުންނަން ޖެހޭނެ މިންގަނޑުތަކާ ގުޅޭގޮތުން މިހާރު އޮތް ގަވާއިދަށް އިތުރު އިސްލާހުތަކެއް ގެނެސް ދާދި އަަަވަހަށް ގެޒެޓް ކުރެވިގެން ދާނެ. އެހެން ނަމަވެސް މިކަންކަން ތަންފީޒު ކުރުމުގައި އެއީ ފުލުހުންގެ މުއައްސަސާއަށް ކަމުގައިވިޔަސް، އަދި ޓޫރިޒަމް މިނިސްޓްރީއަށް ކަމުގައިވިޔަސް، އެ ފަރާތްތަަކަށް ޑޭޓުޑޭ އެއްބާރުލުން ދޭން ޖެހޭ ފަރާތްތަކަކީ ކައުންސިލުން." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އެޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކާ ގުޅޭ ގަވާއިދުތައް ހަރުކަށިކުރަން ސަރުކާރުން ނިންމާފައިވާއިރު އަތޮޅުތެރޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްވެސް ސަރުކަރުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުން ނެވެ. 

އެގޮތުން ލޯކަލް ޓޫރިޒަމް ފުޅާވަމުންދާ ރަށްރަށުގައި ޑޮލަރު އޭޓީއެމްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ލޯކަލް ޓޫރިޒަމްގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކޮންމެ ރަށެއްގައި އޮފީހެއް ހަދައި، އެ އޮފީސް ހިންގުން ކައުންސިލްތަކާ ހަވާލުކުރަން ކެބިނެޓުން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކާ ކައިރީގައި ސަފާރީތައް ބާއްވައިގެން ހިންގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ސަފާރީތައް ހިންގުމުގެ ޤަވާއިދަށް ވެސް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. 

މީގެ އިތުރުން ސަރުކާރުން އަންނަނީ އިސްލާމްދީނުގެ އުސޫލުތަކަށް ފުށުނާރާނެހެން، ހަލާލު ޓޫރިޒަމްގެ ނަމުގައި ފަތުރުވެރިކަމުގެ މޮޑެލްއެއް ވެސް ތަރައްގީކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު