ENGLISH

06 މޭ 2026

Advertisement

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކަނދުފަތި އަޅައިފި

06 މޭ 2026

|

މުޙައްމަދު އަދުހަމް

ހއ. ކެލާގެ އުތުރުން 17 މޭލު ބޭރުގައި ޤާއިމުކޮށްފައިވާ ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފަތި. --ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ރާއްޖޭގެ އުތުރުގެ ތިން އަތޮޅެއްގައި މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެއް ޤާއިމުކޮށްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން މައުލޫމާތު ދިންގޮތުގައި، މިއީ ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމުކުރި ދެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ވަދު ނަނުގެ ކަނދުފައްޗެކެވެ.

މީގެތެރެއިން، މިއަދު ވަނީ، ހއ. ކެލާގެ އުތުރުން 17 މޭލު ބޭރުގައި ކަނދުފައްޗެއް އަޅައިފައެވެ. ދޮށީގެ މަސްވެރިކަމަށް ޚާއްޞަ މި ކަނދުފަތީގެ ނަންބަރަކީ: B09D01-03 އެވެ.

އެ ވުޒާރާ އިން މި މަހުގެ 5 ވަނަ ދުވަހު ވަނީ، ށ. ފުނަދޫ އިރުއުތުރުން 11.5 މޭލު ބޭރުގައި ދޮށީގެ ކަނދުފައްޗެއް އަޅައިފައެވެ. މި ކަނދުފަތީގެ ނަންބަރަކީ D09D01 އެވެ.

ށ. ފުނަދޫ ކައިރީގައި ޤާއިމުކޮށްފައިވާ ދޮށީގެ ކަނދުފަތީގެ ޕޮޒިޝަން. --ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މީގެއިތުރުން، އެ ވުޒާރާއިން މި މަހުގެ 04 ވަނަ ދުވަހު ވަނީ، ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ކަނދުފައްޗެއް ނ. ވެލިދޫ ބޭރުގައި އަޅައިފައެވެ. ވަދުނަނުގެ މަސްވެރިކަމަށް ޚާއްޞަ މި ކަނދުފަތި އަޅާފައިވަނީ ވެލިދޫގެ ދެކުނުން 5.5 މޭލު ބޭރުގައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި ވަނީ އަޅައިފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ވަދު ކަނދުފައްޗެވެ.

ނ. ވެލިދޫ ކައިރީގައި ޤާއިމުކޮށްފައިވާ ވަދު ނަނުގެ ކަނދުފަތީގެ ޕޮޒިޝަން. --ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

އެގޮތުން، ރަށްރަށުގެ ވަށައިގެން ތިން މޭލާއި ހަ މޭލާއި ދެމެދުގެ ދުރުމިނުގައި ގާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގައި ހުރި ސެންޓަރެވެ.

މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް އެވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ހައްލު ގެނައުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް 2 ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު