ENGLISH

10 ޖެނުއަރީ 2026

Advertisement

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާ ގާތަށް

09 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއު ކުރިއަށްދަނީ--ފޮޓޯ:އެމްއޭސީއެލް

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއު ނިމުމާ ގާތަށް ގޮސްފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް) އިން ބުނެފި އެެވެ.

އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނީ ހުޅުމާލެ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 55 ހެކްޓަރު ހިއްކައި ނިމިފައިވާ ކަމަށެވެ. އަދި މުޅި މަސައްކަތުގެ 87 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއު ކުރިއަށްދަނީ--ފޮޓޯ:އެމްއޭސީއެލް

ހުއްޓިފައި އޮތުމަށްފަހު ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފަށާފައި ވަނީ މިދިޔަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އަދި ނޮވެންބަރު 28 ވަނަ ދުވަހު ވަނީ އިތުރު ޑްރެޖަރެއް ގެނެސްގެން ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކޮށްފަ އެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްކުރަމުންދަނީ ' ޕްރިންސް ޑަރ ނެދަލޭންޑަން' އަދި 'އޮރަންޖް' ނަމަކަށް ކިޔާ ދެ ޑްރެޖަރުގެ އެހީގައެވެ. މި ދެ ޑްރެޖަރުގެ ވެސް ކެޕޭސިޓީއަކީ 22,000 ސީބީއެމް އެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއު ކުރިއަށްދަނީ--ފޮޓޯ:އެމްއޭސީއެލް

މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމާ ގުޅުންހުރި މަސައްކަތްތައް އަވަސް ކުރުމަށް ސަރުކާރުން ދަނީ، އަވަސް ފިޔަވަޅުތަކެއް އަޅުއްވާ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވަމުންނެވެ. މި މަސައްކަތްތައް ބަލަހައްޓަވަމުން ގެންދަވަނީ، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ނިމުމުން، ދެން ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ވެސް ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

ރަސްމާލޭން ހިއްކާ 1،100 ހެކްޓަރުގެ ބިން ހިއްކުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު