ENGLISH

02 އޯގަސްޓު 2025

Advertisement

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ނަޒީމް؛ ފުރަތަމަވެސް ވަޑައިގެންނެވީ މުވައްޒަފުންނާއެކު މަޝްވަރާއަށް

01 އޯގަސްޓު 2025

|

ޢަލީ ޝަހީމް

އާރުޑީސީގެ އާ މެނޭޖިން ޑިރެކްޓަރ ކަމަށް އައްޔަނުކުރެއްވި ނަޒީމް އެ ކޯޕަރޭޝަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވަނީ. --ފޮޓޯ: އާރުޑީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އާ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިބްރާހީމް ނަޒީމް އައްޔަނުކުރެއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މިދިޔަ ބުދަ ދުވަހު އެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އިއްޔެ އަކީ ނަޒީމް ރަސްމީކޮށް އޮފީހަށް ވަޑައިގެންނެވި ފުރަތަމަ ދުވަހެވެ. 

ނަޒީމް އިއްޔެ އޮފީހަށް ވަޑައިގެން ފުރަތަމަ ވެސް އެންމެ އިސްކަމެއް ދެއްވީ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރެއްވުމަށެވެ. އެގޮތުން އިއްޔެ ނަޒީމް ވަނީ މާލެ ސަރަޙައްދުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، މުވައްޒަފުންގެ އަޑުއައްސަވައިފައެވެ. 

އާރުޑީސީން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، މުވައްޒަފުންނަށް މަރުޙަބާ ދަންނަވައި އާ މެނޭޖިން ޑިރެކްޓަރ ކުންފުނީގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އެގޮތުން މުވައްޒަފުންނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމާއި، މުޅި ރާއްޖޭގެ ތަރައްޤީއަށް ގެންނަ ބަދަލުގައި ހީވާގިކަމާއެކު މަސައްކަތް ކުރުމަށް މުވައްޒަފުންނަށް ނަޒީމް އިލްތިމާސްކުރެއްވިއެވެ. 

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ނަޒީމް މާލެ ސަރަޙައްދުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން. ފޮޓޯ: އާރުޑީސީ

އާރުޑީސީގެ އިސް މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރީން ނަޒީމް ހުންނެވީ ކޮންޓްރަކްޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ. އަދި، މީގެކުރިން ނަޒީމް ވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. 

ކުރިން އެމްއާރުޑީސީގެ ނަމުގައި ހިންގި ކުންފުނީގައި ނަޒީމް ވަނީ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ. އޭރު އެކުންފުނިން ކުރަމުން އައި މަސައްކަތަކީ މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާއެވެ. 

ނަޒީމް ޙަވާލުވެވަޑައިގެންނެވި އާރުޑީސީއަކީ ރާއްޖޭގެ ތަރައްޤީގައި ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެ ކޯޕަރޭޝަނުން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރުން، ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމާއި، ޞިއްޙި މަރުކަޒުތަކުގެ މަސައްކަތްތަކުގެ އިތުރުން މަގުތަކާއި ބަނދަރު ހެދުމާއި، ކުޅިވަރާއި ހަށިހެޔޮކަމުގެ މަޝްރޫޢުތައް ވެސް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު