ENGLISH

20 ޖޫން 2026

Advertisement

އަމިއްލައަށް ވަކިވާން ދިން ފުރުސަތު؛4 މަހުގެ މުސާރައާއެކު 97 މުވައްޒަފަކު ވަކިވާން އެދިއްޖެ

20 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ފެނަކައިގެ މެނޭޖިން ޑިރެކްޓާ މުހައްމަދު އަފީފު ހުސައިން

ދައުލަތުގެ ކުންފުނިތައް "ރަޓްސައިޒްކުރުން" ނުވަތަ އެކަށީގެންވާ ބޮޑުމިނަށް ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނަކައިގެ ހަރަދުތައް ކުޑަކޮށް ކުންފުނީގެ މަސައްކަތްތަކާ ބޭނުންތަކާ އެއްވަރަށް މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ގޮތުން އަމިއްލައަށް ވަކިވުމަށް ބޭނުންވާ މުވައްޒަފުން ވަކިވާން ހުޅުވައިލި ފުރުސަތުގައި 97 މުވައްޒަފަކު ވަކިވުމަށް އެދިއްޖެއެވެ. 

ރާއްޖޭގެ އޮންލައިން ނޫހަކަށް އެ ކުންފުނީގެ  މެނޭޖިން ޑިރެކްޓާ މުހައްމަދު އަފީފު ހުސައިން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ހަމަމަގަށް ކުންފުނި އެޅުވުމަށް ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެ މަގުސަދު ހާސިލުކުރުމަށް އަމިއްލައަށް ވަކިވާން އެދޭ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވައިލިއެވެ. 

އަފީފު ވިދާޅުވި ގޮތުގައި ވަކިވުމަށް އެދޭ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ އެއްފަހަރާ ދިނުމަށް ނިންމާފައިވެއެވެ. އެ ހުށަހެޅުން ގަބޫލުކޮށް 97 މުވައްޒަފަކު ކުންފުނިން ވަކިވުމަށް ހަފުތާއެއް ތެރޭ ހުށަހަޅާފައިވާކަމަށްވެސް އެމްޑީ ވިދާޅުވިއެވެ. 

އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތްއިރު އެ ކުންފުނީގެ ޕޭރޯލުގައި 8،000 އެއްހައި މުވައްޒަފުން ތިބިކަން ފާހަގަކުރައްވަމުން އަފީފު ވިދާޅުވީ އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 90 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ހަރަދުވަމުންދާ ކަމަށެވެ. 

ކުރީ ވެރިކަމުގައި ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ފެނަކައިގެ ވަޒީފާއަށް ނަގާފައިވާކަން އަފީފު ފާހަގަކުރެއްވިއެވެ. އެމްޑީ ވިދާޅުވި ގޮތުގައި ސިޔާސީ ބޭނުމަށް ނެގި މުވައްޒަފުންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހުންނާއި، މަސައްކަތުގެ ވަގުތުގައި ވަޒީފާއަށް ނުނިކުމެ އެހެނިހެން ކަންކަމުގައި އުޅޭ މީހުން ހިމެނެއެވެ. އެ އެންމެންނަށް މުސާރަ ދިނުމަށް ބޮޑު ހަރަދެއް ހިނގާތީ ކުންފުނިން ހިންގަން ބޭނުންވާ މަޝްރޫއުތައް ހިންގަން ފައިސާ ނުހުންނަކަން އަފީފު ފާހަގަކުރެއްވިއެވެ. 

ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނެވި މިސްރާބަކަށް ކުންފުނީގެ ހިންގުން ބަދަލުކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިން، ކުރާނެ މަސައްކަތެއެް ނެތްކަން އެނގިގެން ބައެއް މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވަމުންދާކަމަށް އެމްޑީ ވިދާޅުވިއެވެ. 

ފެނަކައިގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިންވެސް މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވެވޭ ގޮތަށް ރިޑަންޑެންސީ ޕްރޮގުރާމެއް ތައާރަފުކޮށްފައިވެއެވެ. އެ ކުންފުނިންވެސް ބުނެފައިވަނީ މި ފިޔަވަޅަކީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. 

ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައިން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ދައުލަތުގެ ހުރިހާ ކުންފުނިތަކަށް އިރުޝާދު ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު