ENGLISH

20 ޖޫން 2026

Advertisement

ރައީސް ސޮއިކުރެއްވި ވޯލްޑްކަޕްގެ ރަސްމީ ބޯޅައެއް ވިޔަފާރިވެރިޔާ އުއްޗުއަށް

20 ޖޫން 2026

|

އައިމިނަތު ޝަފާ

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)އަށް ވޯލްޑްކަޕްގެ ބޯޅަ ހަދިޔާކުރުމުގެ ތެރެއިން. ފޮޓޯ؛ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން، މިއަހަރުގެ ފީފާ ވޯލްޑްކަޕްގެ ރަސްމީ މެޗުގެ ބޯޅައެއް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)އަށް ހަދިޔާކުރައްވައިފިއެވެ.

ކުޅިވަރު ވުޒާރާގެ ފަރާތުން އުއްޗުއަށް ހަދިޔާކުރެއްވި ބޯޅައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާ އެ ވުޒާރާއަށް ހަދިޔާކުރެއްވި ބޯޅަތަކުގެ ތެރޭގައި ހިމެނޭ ބޯޅައެކެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔިކަމާ ބެހޭ ވުރާޒާގެ ފަރާތުން އުއްޗުއަށް މި ބޯޅަ ހަވާލުކޮށްދެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)އަށް ހަދިޔާކުރި ބޯޅަ. ފޮޓޯ؛ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ.

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ އުއްޗު އަކީ ކުޅިވަރަށް ލޯބިކުރައްވައި ދިވެހިރާއްޖޭގެ ކުޅިވަރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ. ވަކިން ޚާއްސަކޮށް ފުޓްބޯޅައިގެ އެކި ހަރަކާތްތަކުގައި އުއްޗުވަނީ ގިނަ ގުނަ އެހީތަކެއް ދެއްވާފައެވެ. މިގޮތުން ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ފައިސާގެ އިނާމްތައް ދިނުމާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތައް ސްޕޮންސާކޮށްދިނުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާފައިވާ ބޯޅައެއް ކުޅިވަރު ވުޒާރާގެ ފަރާތުން އުއްޗުއަށް ހަދިޔާކުރެއްވިއިރު، ދާދި ފަހު އެ ވުޒާރާއިން ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުންނަށްވެސް ބޯޅަތަކެއް ހަދިޔާކޮށްފައެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)އަށް ވޯލްޑްކަޕްގެ ބޯޅަ ހަދިޔާކުރުމުގެ ތެރެއިން. ފޮޓޯ؛ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ.

މިއަހަރުގެ ފީފާ ވޯލްޑްކަޕްގެ ފޯރި އިތުރުކުރުމަށް ކުޅިވަރު ވުޒާރާއިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ގްރޭޓާ މާލޭ ސަރަހައްދުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. މިގޮތުން އާންމުންނަށް ބޮޑު ސްކްރީންގައި މެޗުތައް ބެލުމުގެ އިންތިޒާމްތައް ހަމަޖައްސައިދީފައިވާއިރު، ކޮންމެ ހުކުރުދުވަހެއްގެ ހަވީރު ޔޫތު ހަބްގައި ހާއްސަ ގޭމިން ކާނިވަލެއްވެސް އަންނަނީ ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު