ENGLISH

20 ޖޫން 2026

Advertisement

އާއިލީ މައްސަލަތައް ހައްލުކުރާ މީޑިއޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމު ފަށައިފި

20 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ސިއްހަތާއި، އާއިލާއާއި، އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ

އާއިލީ ވެށީގައި އަންހެނުންނާއި ކުޑަކުދިންނަށް އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރި ދިރާސާގެ މައްޗަށް އެކުލަވައިލާފައިވާ "ގައުމީ ފެމިލީ މީޑިއޭޝަން" ތަމްރީނު ޕްރޮގުރާމު ރަސްމީކޮށް ފަށައިފިއެވެ. 

މި ޕްރޮގުރާމަކީ އާއިލާއާ ބެހޭ ވުޒާރާއާއި ޔުނިސެފާއި ފެމިލީ ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށްގެންދާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް"ގެ ދަށުން ހިންގާ މަސައްކަތެކެވެ. 

މިއަދު މީރުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާސީ ރިޕޯޓު އިފުތިތާހުކޮށްދެއްވީ ސިއްހަތާއި، އާއިލާއާއި، އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ. އަދި ގައުމީ މީޑިއޭޝަން ތަމްރީނު ޕްރޮގުރާމު ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދެވެ. 

އާއިލާއާ ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި މި ރިޕޯޓު ތައްޔާރުކުރީ، އާއިލާ ތެރޭ އުފެދެ ނުތަނަވަސްކަމާއި ޖެހޭ އެކި މައްސަލަތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުންނެވެ. އަދި  ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގުރާމަކީ މި ރިޕޯޓުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕްރޮގުރާމަކަށްވާއިރު، އެ ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ، އާއިލީ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ މީޑިއޭޓަރުން އުފެއްދުމެވެ. 

އެ ރިޕޯޓުގެ ހޯދުންތަކަށް ބަލާއިރު، ކުޑަކުދިންގެ ދުޅަހެޔޮކަމާއި އުފާވެރިކަން ލާމެހިފައިވަނީ އަންހެނުން ނުވަތަ އެކުދިން ބަލަހައްޓާ މީހުންގެ ތަޖުރިބާތަކާއި ކަމަށާއި، ކައިވެނީގެ ކުރިއާއި، ކައިވެނީގެ ތެރޭގައި، އަދި ދެމަފިރިން ވަކިވާ ހާލަތުގައާއި ވަރިވުމަށްފަހުވެސް ނާޒުކު ހާލަތުތައް އާއިލާތަކަށް ކުރިމަތިވާކަން ދެނެގަނެވިފައިވެއެވެ. 

މީޑިއޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމަކީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދެއްވައި، އާއިލީ ދުޅަހެޔޮކަން ޔަގީންކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ މިންވަރުގެ މައްޗަށް ދަލީލުކުރާ ހެއްކެއްކަމަށް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ގީލާ އަލީ ފާހަގަކުރެއްވިއެވެ. 

ގީލާ ވިދާޅުވި ގޮތުގައި މިއަދު އިފުތިތާހުކުރެވުނު ރިޕޯޓުގައި ހިމެނޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އާއިލާތަކަށް އެހީތެރިވުމުގެ ނިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރެވޭނެއެވެ. އިތުރަށް ވަޒީރު ވިދާޅުވީ މި ދިރާސާގެ ސަބަބުން މައްސަލަތައް ބޮޑެތި ކާރިސާތަކަށް ބަދަލުވުމުގެ ކުރިން ކަންކަން ހައްލުކުރެވޭނެ ގޮތްތައް ދެނެގަނެވި، އެފަދަ ހާލަތަކަށް ކަންކަން ބަދަލުވިޔަނުދިނުމަށް ބޭނުންވާ އިންތިޒާމުތައް ތަރުތީބުކުރުމަށް ފަސޭހަވާނެ ކަމަށެވެ. 

މިއަދު ފެށުނު ތަމްރީނު ޕްރޮގުރާމުގެ ފުރަތަމަ މަރުހަލާގައި އޮންނާނީ، އާއިލީ މައްސަލަތައް ކޯޓުން ބޭރުން ހައްލުކުރުމަށް ބޭނުންވާ މީޑިއޭޓަރުން ތަމްރީނުކުރުމަށް، އެމީހުންނަށް ތަމްރީނު ދޭ މީހުން ތަމްރީނުކުރުން ނުވަތަ "ޓްރެއިނިން އޮފް ޓްރެއިނާސް"އެވެ. އެއަށްފަހު އަންނަ ޖުލައި މަހުން ފެށިގެން މީޑިއޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު