ENGLISH
20 ޖޫން 2026
ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް އަންހެން ތިން ރެފުރީންގެ ޓީމެއް، މަސައްކަތަށް ތާރީފު އޮހެނީ
20 ޖޫން 2026
|
ރެފުރީ ޓޯރީ ޕެންސޯ، އެސިސްޓަންޓް ރެފުރީ ބްރޫކް މޭޔޯ އަދި ކެތުރިން ނެސްބިޓް ---
އެންމެ މަޤްބޫލު
މީގެ ކުރިން ފިރިހެނުންގެ ވޯލްޑް ކަޕެއްގައި އެންމެ ފުރަތަމަ އަންހެން ރެފުރީއެއް ފެނިގެންދިޔައީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގައެވެ. އެއީ ޖަރުމަނާއި ކޮސްޓްރިކާ ބައްދަލުކުރި ގްރޫޕް ސްޓޭޖު މެޗުގައެވެ.
އެކަމަކު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު، ވަނީ މިފަދަ މުބާރާތެއްގައި މީގެ ކުރިން ނުފެންނަ މަންޒަރެއް ފެނިގެން ގޮސްފައެވެ. އެޓްލާންޓާގައި ކުޅުނު ގްރޫޕް އޭގެ މެޗުގައި ޗެކިއާ އާއި ދެކުނު އެފްރިކާ ބައްދަލުކުރިއިރު، އެ މެޗުގައި މުޅިން އަންހެން ރެފުރީން ހިމެނޭ ތިން މެންބަރުންގެ ޓީމަކުން ވަނީ އިންސާފުކޮށްފައެވެ. މިއީ އައު ތާރީޚީ ކާމިޔާބީއެވެ.
މި ޓީމުގައި ހިމެނެނީ މެޗު ރެފުރީ ޓޯރީ ޕެންސޯ އާއި، އެސިސްޓަންޓް ރެފުރީން ކަމަށްވާ ބްރޫކް މޭޔޯ އަދި ކެތުރިން ނެސްބިޓްއެވެ.
އެމެރިކާގެ ތިން ރެފުރީންނަށް މި ފުރުސަތު ލިބުމަކީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އަންހެން އޮފިޝަލުންގެ ދައުރު ފުޅާވަމުންދާކަން ހާމަކޮށްދޭ މުހިންމު ކުރިއެރުމެކެވެ. މިއީ މި ތިން ރެފުރީންވެސް އެއް މުބާރާތެއްގައި އެކުގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.
މި ތިން ރެފުރީން ވަނީ 2025 ވަނަ އަހަރުގެ "ލަމާ ހަންޓް ޔޫއެސް އޯޕަން ކަޕް" ގެ ފައިނަލްގައި އޮސްޓިން އެފްސީ އާއި ނޭޝްވިލް އެސްސީ ބައްދަލުކުރި މެޗުގައި އިންސާފުކޮށް، އެ މުބާރާތުގެ ފައިނަލެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފުރީންގެ ޓީމުގެ ޝަރަފު ހޯދާފައެވެ.
ވޯލްޑް ކަޕުގައި ޗެކިއާ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގައި އިންސާފުކުރި ރެފުރީން ---
މި ޓީމުން ވޯލްޑް ކަޕް މެޗުގެ ރެފުރީންގެ ގޮތުގައި ފެނުމުން ގިނަ ބަޔަކު ވަނީ އެ މެޗުގެ ނިންމުންތަައް އަންނާނެ ގޮތަކާ މެދުގައި ސުވާލު އުފައްދާފައެވެ. ތިން އަންހެން ރެފުރީނަށް މެޗު ކޮންޓްރޯލް ކުރެވޭނެކަމާ މެދުއެވެ. ނަމަވެސް މެޗު ފެށިގެން ކުރިއަށްދިޔަ ވަރަކަށް މި ރެފުރީންގެ ނިންމުންތަކުން އެ މީހުންގެ ގާބިލުކަން ހާމަވެގެންދިޔައެވެ. މުހިންމު ދަތި ނިންމުންތަކެއް ނިންމަން ޖެހުނު މި މެޗުގައި، މެޗު ރެފުރީ ޓޯރީ ޕެންސޯ އާއި އޭނާގެ އެސިސްޓެންޓުން ދެއްކި ސާބިތުކަމާއި، ޔަގީންކަމަށް މުޅި ސޯޝަލް މީޑިއާގައި އަންނަނީ އެތައް ބައެއްގެ ތާރީފު އޮހެމުންނެވެ.
މެޗުގެ ކުރިން ވާހަކަދައްކަމުން އެސިސްޓަންޓް ރެފުރީ މޭޔޯ ބުނި ގޮތުގައި، ވޯލްޑް ކަޕުގައި އިންސާފުކުރުމުގެ ފުރުސަތު ލިބުމަކީ އެތައް އަހަރެއްގެ ގުރުބާނީ އާއި، ތައްޔާރުވުމާއި އަދި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"މި މުބާރާތުން ފުރުސަތު ލިބުނުކަން އެނގުމުން ވަރަށް ބޮޑު އުފަލެއް ލިބުނު. މިއީ ޔޫއެސް ސޮކަރ އާއި ކޮންކާކަފް ތަމްސީލުކޮށް، އަހަރެމެން ކުރި ބުރަ މަސައްކަތް ދައްކާލަން ލިބުނު ރަނގަޅު ފުރުސަތެއް،" މޭޔޯ ބުންޏެވެ.
މޭޔޯ އިތުރަށް ކިޔައިދިން ގޮތުގައި ވޯލްޑް ކަޕާ ހަމައަށް ދަތުރުކުރުމަށްޓަކައި ޖިސްމާނީ ގޮތުން ވަރުގަދަ ތަމްރީނުތަކެއް ހަދައި، ބައިނަލްއަގުވާމީ ތަޖުރިބާ ހޯދަން ޖެހުނެވެ. އަދި މި ދަތުރުގައި އާއިލާއާ ދުރުގައި ހޭދަކުރަންޖެހުނު ވަގުތުތަކަކީ ވެވުނު ބޮޑު ގުރުބާނީއެއްކަން އޭނާ ފާހަގަކުރިއެވެ.
"އަހަރެމެން ތަމްސީލުކުރަނީ ހަމައެކަނި އަހަރެމެންގެ އަމިއްލަ ނަފްސެއް ނޫން، މިއަށްވުރެ މާ ބޮޑު ކަމެއް. ބުރަ މަސައްކަތްކޮށް، ގުރުބާނީތަކެއް ވާން ތައްޔާރަށް ހުރި ނަމަ، ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެއްވެސް ހުރަހެއް ނެތްކަން މިއަދު މިވަނީ ސާބިތުވެފައި،" އޭނާ ބުންޏެވެ.
ފަހަކަށް އައިސް ފީފާއިން ފިރިހެނުންގެ ވޯލްޑް ކަޕުތަކުގައި އަންހެން ރެފުރީން ހިމެނުމަށް ނިންމި ނިންމުމާއެކު، ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުން އަންހެން އޮފިޝަލުން ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.
މީގެ ކުރިން މިފަދަ ފުރުސަތުތައް ނުލިބުނީ އޭރު ތިބި އަންހެނުންގެ ގާބިލުކަން ނެތުމުންނެއް ނޫނެވެ. އެކަމަކު ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު ދޮރުތައް މިވަނީ ފީފާއިން ހުޅުވާލާފައެވެ.
މި ފަހަރުގެ އަންހެން ރެފުރީންގެ ޓީމުން ދައްކުވައިދިން ހުނަރުގެ ނަތީޖާއަށް ބަލައި، ކުރިއަށް އޮތް ވޯލްޑް ކަޕުތަކުގައި ޖިންސަށް ބެލުމެއްނެތި، އަންހެން ރެފުރީންނަށް ގިނަ ފުރުސަތު ލިބިގެން ދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.