ENGLISH

20 ޖޫން 2026

Advertisement

އަނގަމަތީ އަތްއަޅައިގެން ވާހަކަ ދެއްކުމުގެ ސަބަބުން ފުރަތަމަ ރަތް ކާޑު އަލްމިރޯންއަށް

20 ޖޫން 2026

|

އާމިނަތު އިބްރާހިމް

ޕެރަގުއޭގެ މިގޭލް އަލްމިރޯން: އަނގަމަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުގެ ސަބަބުން ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔާއަށް ވަނީ ވެފައި -- ފޮޓޯ: އޭޕީ

ފީފާއިން ހެދި އައު ގަވައިދުގެ ދަށުން، ވާހަކަދެއްކިއިރު އަނގަމަތީގައި އަތްއެޅުމުގެ ސަބަބުން ޕެރަގުއޭގެ މިގޭލް އަލްމިރޯންއަށް ރަތް ކާޑު ދައްކައިފިއެވެ.

މިއީ މިފަދަ އަމަލެއްގެ ސަބަބުން ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި، ތުރުކީގެ މާޓް މުލްޑޫރާ ވާހަކަދައްކަމުން ދިޔައިރު އަލްމިރޯން އަތުން އަނގަމަތި ނިވާކުރުމުން، މުލްޑޫރު ވަނީ ވަގުތުން އެކަން ކައިރީގައި ހުރި އޮފިޝަލަށް އަންގާފައެވެ.

އެއާއެކު ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) މެދުވެރިކޮށް ބެލުމަށްފަހު، ރެފުރީ އިވާން ބާޓަން ވަނީ އުމުރުން 32 އަހަރުގެ އަލްމިރޯންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މި ހާދިސާ ހިނގާފައިވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް، 1-0 ގެ ނަތީޖާއަކުން ޕެރަގުއޭ ކުރީގައި އޮއްވައެވެ.

މި އައު ގަވާއިދަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި އަލަށް އަމަލުކުރަން ފެށި ގަވާއިދެކެވެ. މި ގަވާއިދު ތައާރަފުކުރަން ނިންމީ މިދިޔަ އޭޕްރިލް މަހު ވެންކޫވަރގައި ބޭއްވި އިންޓަރނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) ގެ ޚާއްސަ ބައްދަލުވުމެއްގައެވެ.

އަނގަމަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުގެ ސަބަބުން އަލްމިރޯންއަށް ރަތް ކާޑު ދައްކަނީ -- ފޮޓޯ: އޭޕީ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވިދާޅުވެފައިވަނީ، މިފަދަ އަދަބެއް ތައާރަފުކުރުމަަކީ އުފާކުރާކަމެއް ކަމަށެވެ. އަދި ކުޅުންތެރިން އަނގަމަތި ނިވާކޮށްގެން ވާހަކަދައްކަނީ ބުނެގެން ނުވާނެ ފަދަ ބޭއަދަބީ ބަހެއް ބުނުމަށް ކަމަށް ރެފުރީން ބަލަންޖެހޭނެ ކަމަށެވެ. ނަމަވެސް ރަތް ކާޑު ދެއްކުމުގެ ފަހު ނިންމުން އޮންނާނީ ހާލަތަށް ބަލައި ރެފުރީގެ އަތްމަތީގައެވެ.

ކުޅުންތެރިން އަނގަމަތި ނިވާކުރުމުގެ މައްސަލަ ބޮޑުވެގެންދިޔައީ މިދިޔަ ފެބްރުއަރީ މަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑުގެ ވިނީޝިއުސް ޖޫނިއަރއާ ވާހަކަދެއްކިއިރު، ޖާޒީން އަނގަމަތި ނިވާކުރި ހިސާބުންނެވެ. އެ ފަހަރު އާޖެންޓީނާގެ އެ ކުޅުންތެރިޔާއަށް ނަސްލީ ތަފާތުކުރުމުގެ ތުހުމަތު ކުރެވުނު ނަމަވެސް އޭނާ އެކަން ދޮގުކުރިއެވެ. ޔުއެފާއިން މައްސަލަ ބެލުމަށްފަހު އޭނާ ސަސްޕެންޑުކުރީ ބޭއަދަބީ ބަސްމަގު ބޭނުންކުރުމުގެ ސަބަބުންނެވެ.

އަލްމިރޯންއަށް މި މުބާރާތުގައި މައްސަލަތަކާ ކުރިމަތިލާންޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި، އެމެރިކާގެ ޓިމް ރީމް އޭނާއަށް ފައުލްކުރި ކަމަށް ނިންމައި، ރެފުރީ ރީމްއަށް ރީނދޫ ކާޑެއް ދެއްކިއެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު އެނގުނީ އަލްމިރޯން އަމިއްލައަށް ޑައިވް ކުރީ ކަމަށެވެ. އެއާއެކު ރެފުރީ ވަނީ އަލްމިރޯންއަށް ރީނދޫ ކާޑެއް ދައްކާފައެވެ.

އަންނަ ހުކުރު ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވެއްޖެނަމަ، ޕެރަގުއޭއަށް ގަދަ 32 ގެ ބުރަށް ދަތުރުކުރެވޭނެއެވެ. އެެހެންނަމަވެސް މި މުހިންމު މެޗުގައި، އަލްމިރޯން އަކަށް ނުކުޅެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު